އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމްގެ ގަތުލާއި ޝައިޚް އިލްޔާސް ހުސައިނާއި ފުލުހުން ގުޅުވާނަމަ އެކަން ސާފުކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގެންފިއެވެ.

ޝައިޚް އިލްޔާސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ މައްސަލާގައި މައުލޫމާތު ދިނުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުކުރުމަށް ފޮނުވި ޗިޓުގައި އޮތް ވާހަކައާއި އެކަމާ ގުޅޭގޮތުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކައާ ދިމާނުވާ ކަަމަށެވެ. ޑރ.އަފްރާޝީމް އަވަހާރަކޮށްލުމާއި އަދި ފުލުހުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތަކާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ޝައިޚް ވާހަކަ ދައްކަވާފައިވާ ކަމަށް ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވާކަން މަހުފޫޒު ފާހަގަކުރެއްވިއެވެ.

މަހުފޫޒު ވިދާޅުވީ ޝައިޚް އިލްޔާސް ދެއްކެވި ވާހަކަފުޅަކީ މީގެ ކުރިން ވެސް އެތައް ބޭފުޅުންނެއް ދައްކަވާފައިވާ ވާހަކައެއް ކަމަށާއި ބައެއް ބޭފުޅުން މީޑިއާގައި އަނެއްބައި ބޭފުޅުން ތަގުރީރުތަކުގައި އެވާހަކަ ދައްކަވާ ކަމަށެވެ. ޝައިޚް އިލްޔާސް އެވާހަކަ ވިދާޅުވުމުން ޚާއްސަ ކަމަކަށް ވެގެން ތަހުގީގު ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

"ޝައިޚް އިލްޔާސް ވިދާޅުވެފައި އޮންނަނީ ޑރ.އަފްރާޝީމްގެ ގަތުލަށްފަހު ގޮތްނޭގޭ އެތައް މަރުތަކެއް ހިނގާފައި ހުރި ކަމަށް. އެމައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައެއް ނެތޭ. އެއީ ހަމައެކަނި ޝައިޚް އިލްޔާސް އުފައްދަވާ ސުވާލެއް ނޫން. ދިވެހި ކޮންމެ ރައްޔިތަކު ވެސް ހަގީގަތް ހޯދަން ބޭނުންވާ ބައިވަރު ކަންތައްތައް ހިނގާ ގޮސްފައިވަނީ. ޑރ.އަފްރާޝީމް އަވަހާރަވުމުގެ ފަހުން ހިނގައިދިޔަ އަޑިނޭނގޭ އެތައް މަރުތަކެއް އެބަހުރި. އެސުވާލުތައް ކުރަމުން ގެންދަނީ" މަހުފޫޒު ވިދާޅުވިއެވެ.

މަހުފޫޒު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލާފައިވާ މައްސަލައާ ގުޅިގެން ޝައިޚް އިލްޔާސާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ފޮނުވި ޗިޓުގައިވާ ކަމަށާއި މިއީ މުޅިން ދެމައްސަލައެއް ކަމަށެވެ. އެހެންކަމުން ޑރ.އަފްރާޝީމްގެ ގަތުލާ ޝައިޚް އިލްޔާސާ ފުލުހުން ގުޅުވަނީތޯ ސުވާލު އުފެދޭ ކަމަށާއި އެކަން ސާފުކޮށްދޭންޖެހޭ ކަމަށް މަހުފޫޒު ވިދާޅުވިއެވެ. އަދި ފުލުހުންގެ ތަރުޖަމާނު ޝައިޚް އިލްޔާސް ވިދާޅުވި ކަމަށް ޕްރެސް ކޮންފަރެންސްގައި ލިޔުމެއް ބައްލަވައިގެން ވިދާޅުވެފައިވަނީ އެމަނިކުފާނު އެވާހަކަ ވިދާޅުވި ގޮތަށް ނޫން ކަމަށާއި މިއީވެސް އޮޅުވާލުމެއް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފު އެތައް ކަމެއް ފުލުހުން ފޮނުވި ޗިޓުގައި ހިމެނޭ ކަމަށް ވެސް މަހުފޫޒު ވިދާޅުވިއެވެ.

ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޝައިޚް އިލްޔާސަށް ތުހުމަތުކޮށްގެން އުޅެނީ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށާއި އާ އެއްވެސް ވާހަކައެއް އެމަނިކުފާނު ނުދައްކަވާ ކަމަށެވެ. ޖިނާއީ އެއްވެސް ކުށެއް އެމަނިކުފާނު ކުރައްވާފައި ނުވާ ކަމަށާއި މިކަން ސިފަވަނީ ފާޅުގައި ހައްގުބަސް ބުނުމަށް ތެދުވަމުންދާ ދީނީ އިލްމުވެރިންނަށް ބިރުދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

"ހަގީގީ ޖިނާއީ އެއްވެސް އަމަލެއް ނެތި މިގޮތަށް ތުހުމަތުކޮށް، ލިބިފައިވާ ވަޒީފާގެ ބާރުގެ ބޭނުންކޮށް ބިރުވެރިކަން އުފެދޭ ގޮތަށް މިބާވަތުގެ އަމަލުތައް ހިންގުމަކީ ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާއިން ކުށެއް ކަަމަށް ކަނޑައަޅާފައި އޮތް ކަމެއް. ތަހުގީގުކުރުމުގައި ގާނޫނީ ބާރުވެރިކަމެއް ފުލުހުންގެ ކިބައިގައި އުފެދިގެނެއް ނާންނާނެ ޖިނާއީ އެއްވެސް އަމަލެއް މީހަކު ކުރުމަކާ ނުލައެއް" ނޫރުއްސަލާމް ވިދާޅުވިއެވެ.

ނޫރު ވިދާޅުވީ މީގެ އެތައް އަހަރުތަކެއް ކުރިން ހިނގާފައިވާ ކަމެއްގައި އަދި އޭރު ކުރެވިފައިވާ ތަހުގީގުތަކުން އެއްވެސް ތުހުމަތެއް އެބޭފުޅަކާމެދު އައިސްފައި ނުވާ ބޭފުޅަކާ މެދު މިގޮތަށް އަމަލުނުކުރެވޭނެ ކަމަށެވެ. މިއީ މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވެގެން ހިންގާ ކަމެއްގެ ގޮތުގައި ޝައިޚް އިލްޔާސް ދެކެވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވަނީ ފުލުހުންގެ މަދު ބަޔަކު ރާވާ ހިންގާ ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޝައިޚް އިލްޔާސް މިމަހުގެ 6 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފުލުސް އޮފީހުން ޗިޓު ފޮނުވާފައިވާ ކަމަށާއި އެދުވަހު އެމަނިކުފާނު ރާއްޖޭގައި ނޫޅުއްވާތީ ހާޒިރުވެވެން ނެތް ކަަމަށް އަންގަވާފައިވާ ކަމަށެވެ. އަދި މާލެ ވަޑައިގެން ފުލުހުންނަށް އިޝާރާތެއް ކުރައްވާނެކަން ވެސް ފުލުހުންނަށް އަންގަވާފައިވާ ކަމަށާއި އެމަނިކުފާނު ހުންނެވީ މާލެ ވަޑައިގެން ފުލުހުން ބޭނުންވެއްޖެނަަމަ ހާޒިރުވެވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވާ ކަމަކީ ފުލުހުންގެ ވަކި ބަޔަކު ޖިނާއީ އަދުލުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްގެން ފުލުހުންގެ ވަސީލަތްތައް މުޅިން އެހެން ކަމަކަށް ބޭނުންކުރާ މައްސަލަ. ޝައިޚް އިލްޔާސް ފަހަތުން ދުވުމުގެ ބަދަލުގައި ފުލުހުން ކުރަން މާރަގަޅު ކަންކަން އެބަހުރި. އެކަމަކު ޖިނާއީ އަދުލުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ސިޔާސީ ބޭނުންތަކެއް ފުއްދަން އުޅޭހެން ދޭހަވާ ގޮތަށް ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް" ހުސައިން ޝަމީމް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ހުސައިންގެ ވަކީލުން ވިދާޅުވީ އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީ ކަމަށާއި ހައްގުބަސް ވިދާޅުވުމުގައި ފަސްޖެހިވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ. އަދި ރައްޔިތުންނާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށާއި ފުލުހުން ސާފުކުރަން ބޭނުންވާ އެއްވެސް ކަމެއް އޮތްނަމަ ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަަމަށެވެ.

ޝައިޚް އިލްޔާސް ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ އިއްތިހާދުން އައްޑޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެނެވެ. އެޖަލްސާގައި ޝައިޚް އިލްޔާސް ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރާ ގުޅުންހުރި ނުވަ ގަތުލެއް މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެތުހުމަތުތައް ކުރެވޭއިރު ފުލުހުން އެކަންކަން ތަހުގީގުނުކޮށް ތިބީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އެމަނިކުފާނު ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައި ވަނިކޮށެވެ. އެމަނިކުފާނު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ޕީޕީއެމްގެ ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ޝައިޚް އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ގޮވާލައްވާފައެވެ. ޝައިޚް އިލްޔާސް ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރި، އެމަނިކުފާނު ފުލުހަށް ހާޒިރުވާން އަންގާފައި މިވަނީ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް އެމަނިކުފާނު ތާއީދުކުރައްވާކަން ހާމަކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށެވެ.