އިއްތިހާދުގެ ސަރުކާރެއްގައި ސިއްހީ މަރުކަޒެއް ހުންނަ ކޮންމެ ރަށަކުން ވެސް ލެބޯޓަރީގެ ޚިދުމަތް ލިބޭނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޅައިމަގު ރައްޔިތުންނާ ބައްދަލުކުރައްވައި އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުން އެދި ގޮވަނީ އިންސާފަށް ކަމަށާއި ރައްޔިތުން އަޑުއުފުލަމުންދަނީ ރައްޔިތުންގެ ބައިތުލްމާލަށް ވީގޮތް ހޯދުމަށް ކަމަށެވެ. ރައްޔިތުން ބޭނުންވާ ބަދަލު ކުރިއަށް އޮތް އިންތިޚާބަށްފަހު ގައުމުން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ކަމަށާއި ތަރައްގީ ފެށިގެން އަންނަން ޖެހެނީ އަސާސީ ޚިދުމަތްތަކުން ކަމަށެވެ. ސިއްހީ ފަރުވާއާއި ތައުލީމު ލިބޭނެ ނިޒާމު ގާއިމުވެފައި އޮންނަންޖެހޭ ކަމަށާއި ބޯފެނާއި ނަރުދަމާ ވެސް ރަށްރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ. އަދި ދަތުރުފަތުރު ކުރެވޭނެ ލުއިފަސޭހަ ގޮތްތައް ވެސް އޮންނަންޖެހޭނެ ކަމަށެވެ. އިއްތިހާދުގެ ސަރުކާރެއްގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރާނެކަން ފާހަގަކުރައްވައި ވިދާޅުވީ ޅައިމަގުގައި ވެސް ފެނާއި ނަރުދަމާ ގާއިމުވާނެ ކަމަށެވެ.

"ސިއްހީ ޚިދުމަތް ރަށުގައި ތިބެގެން ލިބޭނެ ރަގަޅު ނިޒާމެއް އޮންނަން އެބަޖެހޭ. ސިއްހީ މަރުކަޒުތައް ތަރައްގީކޮށް ސަރަހައްދީ ހޮސްޕިޓަލްތައް ގާއިމުކުރެވި، ފަސޭހައިން އެތަންތަނަށް ދަތުރުކުރެވި، ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހަދަންޖެހޭ. އެގޮތުން ސިއްހީ މަރުކަޒުތަކުގައި އަޅުގަނޑުމެން ކުރާނެ އެއް ކަމަކީ ލެބޯޓަރީތައް ގާއިމުކުރުން. ސިއްހީ މަރުކަޒެއް ހުންނަ ކޮންމެ ތަނެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބޭގޮތަށް އަޅުގަނޑުމެންގެ ސިއްހަތާ ބެހޭ ޕޮލިސީ ވަނީ ލިޔެވިފައި. އިރާދަކުރެއްވިއްޔާ މިރަށު ސިއްހީ މަރުކަޒުގައި ވެސް އެޚިދުމަތް ލިބިގެންދާނެ" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާކޮށް، ޚާއްސަކޮށް ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް އިސްކަންދޭނެ ކަމަށާއި ރަށުގައި ތިބެގެން ވަޒީފާ އަދާކޮށް އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް އިއްތިހާދުގެ ކެންޑިޑޭޓް ވިދާޅުވިއެވެ.

ޅައިމަގަށްފަހު މިދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަޑައިގަތީ މިލަންދޫއަށެވެ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ވަގަށްނަގާފައިވާ ފައިސާ ހޯދައި، ރައްޔިތުންގެ ތަރައްގީއަށް ބޭނުންކުރާނެ ކަމަށެވެ. ސަރުކާރުން ދައްކާ ބިރަކަށް ފަހަތަށްނުޖެހި ނުކުތުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

"މިއީ ގައުމީ މަސައްކަތެއް. މަސައްކަތަށް ނުކުމެ އުޅެނިކޮށް ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް އަނބުރާ ވަޒީފާ ހޯދައިދޭނަން. އަދި އެމީހަަކށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދީ، ނާއިންސާފުން ވަޒީފާއިން ވަކިކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ރަށްރަށުން ފެންނަނީ އުންމީދީ މަންޒަރެއް ކަމަށާއި ރައްޔިތުން ތިބީ އެދުވަހަށް ތައްޔާރަށް ކަމަށެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްތިހާދަށް ބޮޑު ތާއީދެއް އެބައޮތް ކަމަށާއި ނަމަވެސް ސަރުކާރުން ހީނުކުރާ ކަހަލަ ކަންކަންވެސް ކޮށްފާނެ ކަަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ. ވޯޓު އޮޅުވާލުމާއި ހަމަނުޖެހުން ހިންގުމަށް ރާވާފައިވާ ކަމަށާއި ރައްޔިތުން ގެއަށް ވަންނަން ވާނީ ނަތީޖާއާއެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ށ.އަތޮޅާއި ނ.އަތޮޅަށް ކެމްޕޭން ދަތުރުފުޅުގައި އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަތީ ހޯމަ ދުވަހުއެވެ. މިގޮތުން ފުރަތަމަ ވަޑައިގަތީ ނ.އަތޮޅުގެ ރަށްތަކަށެވެ. އަދި މިއަދު ވަޑައިގަތީ ށ.އަތޮޅުގެ ރަށްތަކަށެވެ. މިދަތުރުފުޅުގެ ތެރެއިން ނ.ވެލިދޫގައާއި ށ.ފޯކައިދޫގައި ވަނީ އިއްތިހާދުގެ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އިބްރާހީމް މުހައްމަދު ސޯލިހު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.