ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނުބާއްވައި ދައުރު ދަންމާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކޮށްފިއެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އިންތިޚާބާ ދިމާކޮށް ބަޔަކު ހަމަނުޖެހުންތަކެއް ހިންގާނެ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނާ ބުނުމާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާނަމަ އެކަމުގެ ތަފުސީލު ފުލުހުން ހާމަކުރަންޖެހޭ ކަމަށެވެ. ރިޔާސީ އިންތިޚާބު ބާއްވަނީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ކަމަށާއި އެހެންކަމުން މިފަދަ ކަމެއް ހިންގަން ބަޔަކު އުޅޭނަމަ އެއީ ކޮންބައެއްކަން ފުލުހުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިއްތިހާދަށް 170،000 ވޯޓު މިހާރުވެސް ކަށަވަރު ކުރެވިފައިވާ ކަަމަށާއި އަދި މިހާތަނަށް ވެސް އިއްތިހާދަކުން ނުކުމެ ބަލިވެފައި ނެތުމުން މޮޅުވާނެކަމުގެ ޔަގީންކަން އެބޭފުޅުންނަށް އެބައޮތް ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ އެންމެ ބޮޑު ޝައުގެއް އޮތީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ނިންމާލުމަށް ކަމަށާއި ހަމަނުޖެހުމަކަށް ދިޔުމަށް ބޭނުންނުވާ ކަމަށެވެ. އިންތިޚާބުތަކުގައި ހަމަނުޖެހުންތައް ހިންގުން ފަދަ ކަންކަން ކުރަނީ ބަލިވާ މީހުން ނުވަތަ ބަލިވާނެ ކަމަށް ހީކުރާ މީހުން ކަަމަށާއި މިފަދަ ވާހަކަތައް ދައްކަމުންދަނީ ރައީސް ޔާމީން ބަލިވާނެކަން އެގޭތީ ކަމަށެވެ. އަދި އިންތިޚާބު ނުބާއްވައި ދައުރު ދަންމާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް މާރިޔާ ތުހުމަތު ކުރެއްވިއެވެ.

"ފުލުހުންގެ މިވާހަކައާ ގުޅިގެން ރަށުތެރޭގައި ތަފާތު ވާހަކަތައް އެބަދެކެވޭ. ވޯޓު ކެންސަލްކޮށް ވެރިކަމުގެ ދައުރު ދަންމާލަން އުޅޭ ވާހަކައާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްފައި ހުޅުވާފައި މިހާރު އޮތީވެސް ހަމަނުޖެހުން ހިންގައި ރައީސް ޔާމީން ދައުރު ދަންމާލުމަށް ކަމަށް. މިކަންކަން ނުކުރުމަށް އަޅުގަނޑުމެން ރައީސް ޔާމީނަށް ދަންނަވަން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ދެފުށްފެންނަ މިނިވަން އިންތިޚާބަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަަމަށެވެ. އިންތިޚާބު ނުބާއްވައިފިނަމަ އެއީ އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު އިހުމާލަކަށް ވާނެ ކަމަށާއި އަދި ހަމަނުޖެހުމުގެ ވާހަކަ ތަފުސީލުކޮށް ރައްޔިތުންނަށް ސާފުކޮށްނުދީ އިންތިޚާބު ތެރޭ އެފަދަ ކަމެއް ހިނގައިފިނަމަ ފުލުހުން ވެސް އެކަމާ ޒިންމާވާންޖެހޭނެ ކަމަށެވެ.

ވޯޓުގެ ނަތީޖާ ހެދުމުގައި ބާތިލް ވޯޓު ހިމަނައިގެން އެކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އުޅޭ ކަމަށް އަޑުއިވޭ ކަމަށް ވިދާޅުވެ އެކަމާ ވެސް މާރިޔާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މާރިޔާ ވިދާޅުވީ ވޯޓުގެ ނަތީޖާ އިއުލާންކުރުމުގައި ކުރިން ގެންގުޅުނު އުސޫލަކީ ސައްހަ ވޯޓުގެ ޖުމްލަ އަދަދަށް ބަލާފައި ނަތީޖާ ހެދުން ކަމަށާއި ކެންޑިޑޭޓުންނަށް ލިބޭ ނަތީޖާގައި ބާތިލް ވޯޓު ނުހިމަނާ ކަމަށެވެ. ނަތީޖާގައި ހިމަނަން ޖެހޭނީ ސައްހަ ވޯޓު އެކަނި ކަމަށާއި މިގޮތުން އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކަށް ވާން ޖެހޭނީ ސައްހަ ވޯޓުގެ 50 ޕަސެންޓަށްވުރެ މަދުވެގެން އެއް ވޯޓު އިތުރަށް ލިބޭ ކެންޑިޑޭޓަކު ކަމަށެވެ. ބާތިލް ވޯޓު ހިމަނައިގެން ޕަސެންޓޭޖު ނުހެދޭނެ ކަމަށާއި އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ވޯޓުން ބަލިވިޔަސް ހުވާކުރައްވާނީ ރައީސް ޔާމީން ކަމަށް ބުނާ ވާހަކައާއި އިންތިޚާބު ގަޑުބަޑުކުރުމަށް ކުރާ ކަންކަމާ މެދު މާޔޫސްނުވެ ހެނދުނު ހެނދުނާ ވޯޓުލާން ނުކުތުމަށް މާރިޔާ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މާރިޔާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި ނޮވެމްބަރު 17 އަށްފަހު ރައީސް ޔާމީނަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށެވެ.