ރައީސް ޔާމީނުގެ ހަގީގީ ސޫރަ ދެކިވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައިނުގަންނަވާ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ހަގީގީ ސޫރަ ފެންނާނީ އިންތިހާބުން ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވިވަޑައިގަތުމުން ކަމަށް ވިދާޅުވެފައިވާތީ އިއްތިހާދުގެ ފަރާތުން ރޭ މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި އެއަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ ރައީސް ޔާމީނުގެ ދެވަނަ ސޫރައެއް ބަލަން ބޭނުންވާ ރައްޔިތަކު ނެތް ކަމަށެވެ.

ރައީސް ޔާމީނުގެ ސޫރައިގައި ހުރި ގޮތްތަކާއި ވައްޓަފާޅިއާއި ކުރައްވަމުން ގެންދަވާ ކަންތައްތައް ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ފެނިވަޑައިގެންފި ކަމަށާއި، ހުރިހާ ރައްޔިތުންނަށްވެސް އެ ސޫރަ ހާމަވެގެން ހިނގައްޖެ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް ޔާމީނާ ގައުމު ހަވާލުކޮށް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް މަސައްކަތް ފެއްޓެވީ ދެވަނަ ދައުރަކަށް އިންތިހާބު ވުމަށްޓަކައި ކެމްޕޭންކޮށް މަގުކޮށުމަށް ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދީ ގައުމު ތަރައްގީ ކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަވެސް ވަކި ހާއްސަ ކެމްޕޭން އޮފީހެއް ހުޅުއްވައި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ކެމްޕޭން ހަރަކާތްތައް ފެއްޓެވި ކަމަށެވެ. އެގެ ފަހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދިބު ލައްވާ މަހާސިންތާތަކެއް ބޭއްވި ކަމަށާއި އެގެ ފަހުން އިންތިހާބަށް ކުރިމަތިލައްވާ ވެރިކަމަށް ވާދަ ކުރައްވާނެހެން ހީވާ ހުރިހާ ބޭބޭފުޅުން މަގާމުތަކުން ވަކިކުރައްވައި ނުހައްގުން ޖަލުގައި ބަންދުކުރެއްވީ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ނުހައްގުން އަނިޔާތައް ދެމުން ގެންދަނީ އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރެއްވުމަކީ ފަސޭހަ ކަމަކަށް ވާނެ ކަމަށް ހީކުރައްވައި ކަމަށެވެ. އެހެން ނަމަވެސް އެއީ ކުންހީއެއް ކަމަށާއި ބޮޑު ބަދަލަކަށް އެދި މުޅި ރާއްޖެ ހަރު އަޑުން ގޮވަމުން ދަނީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް ކަމަށެވެ.

ވަހީދު ވިދާޅުވީ އިއްތިހާދުން އެކަޗެއް ކިޔައިން ނެރެފައިވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަކީ ކުށެއް ނެތް ސާފު ބޭފުޅެއް ކަމަށާއި ރައީސް ޔާމީނުގެ ކެމްޕޭން ދަތުރުފުޅުތަކުގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅު ނުދައްކަވައި ރައީސް ނަޝީދާއި ލީޑަރ ގާސިމާއި ރައީސް މައުމޫން އަދި ޝައިހު އިމްރާނުގެ ވާހަކަފުޅު ދެއްކެވުމުންވެސް އެކަން ހާމަވެގެން ދާކަމަށެވެ.