އެއްވެސް ރައްޔިތަކަށް ތިމާ މާދަމާ ހުންނާނީ މިނިވަންކަންމަތީގައި ކަމުގެ ޔަގީންކަމެއް މިހާރު ނެތް ކަމަށް އިއްތިހާދުގެ ކެންޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު އދ. ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ރާއްޖޭގައި އިންސާފެއް ނެތް ކަމަށާ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އޮތީ އާންމުވެފައި ކަމަށެވެ. މުޅި ރާއްޖެއަށް އޮތީ ބިރުވެރިކަން ފެތުރިފައިކަން ފާހަގަކުރައްވާ ވިދާޅުވީ މީގެ ސަބަބުން އެއްވެސް ރައްޔިތަކަށް ތިމާ މާދަމާ ހުންނާނި މިނިވަންކަންމަތީގައި ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

އިބޫ ވިދާޅުވީ ބުނެވޭ އެއްޗަކުން، ކުރެވޭ ކަމަކުން، ހިނގާލެވޭ ގޮތަކުންވެސް ބަންދެއްގެ ތެރެއަށް ހިނގައިދާނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ. މިއަދު ފެންނަނީ އެކި ރަށްރަށުގައި ތިބޭ މީހުންގެ ވިސްނުން ބަދަލުވުމުން ވަޒީފާ ގެއްލޭ މަންޒަރު ކަމަށެވެ.

އިބުރާހިމް މުހައްމަދު ސޯލިހު އިތުރަށް ވިދާޅުވީ ރަށްރަށުން ލިބޭ ނަފާތަކުން ދައްކާ ޓެކްސްއިން ރަށްތަކާ އަތޮޅުތައް ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ހޭދަކުރެވޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް އެެއްވެސް ރަށެއް ތަފާތުކުރެއް ނެތި ގާއިމް ކުރެވޭނެ ކަމަށާ، ތައުލީމީ ނިޒާމް ރަނގަޅު ފެންވަކަށް ގެންދެވޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށެވެ. އެގޮތުން ދިގު ރަށު ސްކޫލްވެސް އިތުރަށް އަޕްގްރޭޑްކޮށް މަލްޓިޕާޕަސް ހޯލެއް އަޅައި އެހެނިހެން ކަންތައްތައްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކާ ރީޖަނަލް ހޮސްޕިޓަލްތަކުން ކޮންމެހެން މާލެ ނަޔަސް ރަނގަޅު ޚިދުމަތްތައް ލިބޭނެ ފަދަ ސިއްހީ ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަަމަށެވެ.