މަހިބަދޫއަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ ދަތިކަމަށް އިއްތިހާދުގެ ފަސް އަހަރުގެ ވެރިކަމެއްގައި ހައްލު ގެނެސްދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަދ. މަހިބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ މަހިބަދޫގައި ބިމުގެ ދަތިކަން ހުރުމުގެ ސަބަބުން ގޮތި ދޫނުކުރާ މައްސަލަ އޮތީ ވަރަށް ބޮޑު ވެފައި ކަަމަށާ، އެއީ ހައްލުކުރަންޖެހޭ ކަމެއް ކަމަށެވެ. އިބޫ ވިދާޅުވީ މަހިބަދޫ ކައުންސިލްގެ ފަރާތުން އެކަން ހައްލުކުރުމަށް ހުށަހެޅުންތަކެއް އެބަހުރި ކަމަށާ، އެރަށާ ކައިރީގައި އޮތް ފަޅެއް ހިއްކައިގެން އެތަން ތަރައްގީކޮށް ބޯހިޔާވަހިކަމާއި އިތުރު ސިނާޢީ މަސައްކަތްތައް އެތަނުގައި ފެށޭނެ ގޮތުގެ ސިޔާސަތާ ވިސްނުން އެބަހުރި ކަަމަށެވެ.

އެހެންކަމުން އިއްތިހާދުގެ ވެރިކަމެއްގައި އެކަން ދިރާސާ ކުރުމަށްފަހު އެންމެ ރަނގަޅުގޮތް ޚިޔާރުކޮށް މަހިބަދޫއަށް ދިމާވެެފައިވާ ބޯހިޔަވަހިކަމުގެ މައްސަލަ ހައްލުކުރައްވާނެ ކަަމަށެވެ. އަދި ޒުވާނުންނަށް ދޫކޮށްފައިހުރި ގޯތިތައްވެސް އެކަށީގެންވާ ތަނަވަސްކަން ނެތުމުގެ ސަބަބުން ނުހެދި އޮތުމަކީ ޒުވާނުންނަށް ވެސް ދިމާވެފައިވާ ވަރަށްބޮޑު ދަތިކަމެއް ކަމުގައި އިބޫ ވިދާޅުވިއެވެ.

އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި އެއަތޮޅު ކުނބުރުދޫއާއި ހަންޏާމީދޫއަށް ވަޑައިނުގެންނެވޭ ފާހަގަކުރައްވާ އިބޫ ވިދާޅުވީ އިންތިޚާބުގެ ކުރިން ވަގުތު ލިބިއްޖެނަމަ އެދެ ރަށަަށްވެސް އަދި ވަޑައިގަންނަވާނެ ކަމަށެވެ.

ހަންޏާމީދޫއާއި ކުނބުރުދޫގައި ކުރަންހުރި ކަންތައްތަކާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ ހަންޏާމީދޫގެ ފެނުގެ ނިޒާމް ގާއިމްކޮށް އެރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އެރަށުގެ ބަނދަރު ޝީޓްޕައިލްކޮށް ބޮޑު ހިލަޖަހައި ރަނގަޅުފެންވަރަކަށް ހެދިގެންދާނެ ކަަށްވެސް ވިދާޅުވި އެވެ.

ކުނބުރުދޫއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔަވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެކަމަށް ގެންނާނެ ހައްލަކާ މެދު ދަނީ ވިސްނަވަމުން ކަމަަށާއި، އިރަދަކުރެއްވިއްޔާ އިއްތިހާދުގެ ސަރުކާރެއްގައި އެކަމަށް ހައްލު ގެންނާނެ ކަމަށެވެ. އަދި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޚިދުމަތް ގާއިމް ކުރުމުގެ ސިޔާސަތުގެ ދަށުން ކުނބުރުދޫގައިވެސް އެޚިދުމަތްތައް ގާއިމް ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.