23 ސެޕްޓެމްބަރުގެ ފަހުން ރައީސް ޔާމީނާއި ރައީސް ޔާމީނުގެ ލެގަސީ ވެގެންދަނީ މާޒީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އިއްތިހާދުގެ ކެންޑިޑޭޓު އިބްރަހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ފައިސަލް ނަސީމް ކެމްޕެއިން ދަތުރުފުޅުގައި މެލޭޝިއާއަށް ވަޑައިގެން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީތު ވިދާޅުވީ ރައީސް ޔާމީންގެ ލެގަސީއަކީ ކޮރަޕްޝަނާ އަނިޔާވެރިކަން ކަމަށެވެ.

އެހެން ނަމަވެސް 23 ސެޕްޓެމްބަރުގެ ފަހުން ރައީސް ޔާމީނާއި ރައީސް ޔާމީނުގެ ލެގަސީ ވެގެންދާނީ މާޒީއަށް ކަމަށް އަމިތު ވިދާޅުވިއެވެ.

އަމިތު ވިދާޅުވީ މެލޭޝިއާފަދަ ގައުމުތަކަށް ދިވެހިންގެ ދިރިއުޅުން ބަދަލުކުރަން ޖެހުނީ އަމިއްލަ ފަސްގަނޑުގައި ހިތްހަމަޖެހިލައިގެން އުޅެވެން ނެތުމުން ކަމަށެވެ.

ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަޅައިދޭ ފްލެޓުތައްވެސް ބަހަނީ ސަރުކާރުގެ އިސްބޭފުޅުންގެ މަސްލަހަތުގައި ކަމަށާ، އާދައިގެ ރައްޔިތު މީހާއަށް ކިޔަވަން ލޯނެއްވެސް ލިބެނީ ސަރުކާރުގެ ވެރިންގެ ދަރިންނަށް ދީފައި ބާކީވާ އެއްޗެއް ކަމަށްވެސް އަމިތު ވިދާޅުވިއެވެ.

މީގެއިތުރަށް ބޭސްފަރުވާގެ ޚިދުމަތްވެސް މިލިބެނީ ދައުލަތުގެ ވެރިއަކަށް ހުންނަ މީހާގެ އޮފީހަށްގޮސް ސަލާން ޖަހައިގެން ކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން އަޒުމު ކަނޑައަޅައިގެން މިތިބީ މިހާލަތު ބަދަލުކޮށް މިހާލަތުން އަރައިގަތުމަށް ކަމަށް އަމީތު ވިދާޅުވިއެވެ.

އަމިތު އިތުރަށް ވިދާޅުވީ ހުރިހާ ޚިދުމަތެއް މާލެއަށް ޖަމާކޮށްގެން މާލެ ތަރައްގީކުރުމުގެ ނަމުގައި އެދަނީ ކޮންކްރީޓު ޖަންގައްޔަކަށް މާލެ ހަދަމުން ކަމަށެވެ.