އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް ވޯޓު ދޭންޖެހެނީ އެ ދެބޭފުޅުންނަކީ އިހްލާސްތެރި ތެދުވެރި އަމާނާތްތެރިން ކަމުގައި ވާތީ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިބްރަހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ފައިސަލް ނަސީމު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ޝެއިހް އިލްޔާސް ވިދާޅުވީ، ހަތަރު ޕާޓީގެ ހަތަރު ލީޑަރުންނަކީވެސް ޚިޔާލުތަފާތު ހަތަރު ބޭފުުޅުން ކަމަށާ އެހެން ނަމަވެސް ހިޔާލުތަފާތުވުންތަކާ އެކުވެސް ހަތަރު ލީޑަރުންވެސް ކުރައްވަން އެއުޅުއްވަނީ އެއްމަސައްކަތެއް ކަމަށެވެ.

އެއީ ހިޔަނާތާއި ވައްކަމާއި ކޮރަޕްޝަނާ ނާއިންސާފާ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތްކުރުން ކަމަށް ޝެއިހް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީއަކީ ފުރިހަމަ ގާނޫނު އަސާސީއެއް ކަމާށާއި، މިމަސައްކަތަކީ އެގާނޫނުއަސާސީ ދެމެހެއްޓުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

އެހެންވީމާ އެކުވެރިކަމާ އެކުގައި އެންމެން ނިކުމެ އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

އިއްތިހާދަކީ ލާދީނީ ބައެއްކަމަށް ބައެއް މީހުން ބުނަމުން ދިޔަނަމަވެސް، ގުޅިފައިވާ ޕާޓީތަކުގައި ތިބީ ހަމަ މުސްލިމުން ކަމަށާ އެފަދަ ބަސްތަކަށް ނުހެއްލުމަށް ޝެއިހް އިލްޔާސް ގޮވާލެއްވިއެވެ.

އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަކީ އިހްލާސްތެރި ތެދުވެރި އަމާނާތްތެރި ދެބޭފުޅުން ކަމަށް ޝެއިހް ވިދާޅުވިއެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ އަޅުވެތިކަމުގެ ބިރު ފަހަނައަޅާ ދިއުމަށް ރައްޔިތުންނަށް ގޮވާލާ ކަމަށާއި، އެއީ ޝައިތާނީ ނުބައި ވަސްވާހެއް ކަމަށެވެ. ވަޒީފާ ގެއްލިދާނެތީ ބިރުގަންނަން ނުޖެހޭ ކަމަށާ، ބިރުވެތިވާން ޖެހޭނީ ހަމައެކަނި ހެއްދެވިފަރާތަށް ކަމަށް ޝެއިހް ވިދާޅުވިއެވެ.

މެލޭޝިއާގައި އިއްތިހާދުގެ ރަނިންމޭޓު ފައިސަލް ނަސީމު ބޭއްވި ޖާފަތުގައި ޝައިހް އިލްޔާސް ބައިވެރިވެވަޑައިގެންފައި ވާއިރު، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޝެއިހް އިލްޔާސްއަށް ވަނީ ޗިޓު ފޮނުވާފައެވެ. އެހެން ނަމަވެސް ޝެއިހް އިލްޔާސް މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.

ޝެއިހް އިލްޔާސް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އައްޑޫ ސިޓީގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޖަލްސާގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭގޮތުން ޝެއިހް އިލްޔާސް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ސުވާލު ކުރުމަށްކަމަށް ފުލުހުން ބުނެއެވެ.