"ޖަޒީރާރާއްޖެ" މަފްހޫމް އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާ ކަމަށް، އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިރައްޔިތުނާއެކު މިއަދު ހަވީރު ބޭއްވި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ޖަޒީރާ ރާއްޖޭގެ ވާހަކަ ދެއްކީމާ އެ އުޅެނީ 1950 ގެ ނުވަތަ 1960 ގެ އަހަރުތަކުގެ ތެރެއަށް އަނބުރާ ދިވެހިރާއްޖެ ގެންދާށޭ، ފަންރިޔަލުގެ ދޯނިދުއްވައި، ޖިފުޓިތަކަށް ރައްޔިތުން ވައްދައި، ފުޅިބައްތީގައި ދިރިއުޅުން ތަހައްމަލްކުރަން ޖައްސާށޭ ބައެއްމީހުން ބުނާ ކަމަށެވެ.

އެހެންނަމަވެސް އެއީ ހަގީގަތެއްނޫން ކަމަށާއި، އެއާ ޚިލާފަށް އިއްތިހާދުގެ ވެރިކަމުގައި ރާއްޖެ ތަރައްގީ ކުރެވިގެންދާނީ ފިތުރަތުގެ އުސޫލުން ރާއްޖެ އުފެދިފައި އޮތްގޮތަށް ބަދަލު ނުގެނެސް، ލާމަރުޒީ ނިޒާމަކުން ކަމަށާއި، އެކަން ކުރެވޭނީ އާ އީޖާދުތަކާއެކު ޒަމާނީ ޓެކްނޯލޮޖީއާ އެހީގައި ކަމަށް ވިދާޅުވިއެވެ.

މުޅި ރާއްޖެ ލާމަރުކަޒީ އުސޫލުން ތަރައްގީ ކުރެވޭއިރު އާރބަން ސެންޓަރުތައް އުފެއްދޭނެ ކަމަށާއި، އާއިލާއެކު ރަށުގައި ދިރިއުޅެވޭނެ ފުރުސަތު ހޯދައިދެވޭނެ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީން ވިދާޅުވޭ ރާއްޖެ ތަރައްގީ ކުރައްވާނީ ސިންގަޕޫރު ފަދައިންނޭ. ނުވަތަ ސްވިޓްޒަރލޭންޑް ފަދައިންނޭ. އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ދިވެހި ރާއްޖެއަކީ ސިންގަޕޫރު ނުވަތަ ސްވިޓްޒަރލޭންޑަކަށް ހެދިދާނެ ކަމަކަށް. މިރާއްޖެ ތަރައްގީ ކުރަންވާނީ ފިތުރަތުގެ އުސޫލުން ރާއްޖެ އުފެދިފައިވާ ގޮތަށް. ގުދުރަތުގެ ހަމަތަކުގެމަތިން" އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވިއެވެ.