ރައީސް އަބުދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ހިޔަލީ މުހައްމަދު ރަޝީދު، އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

ހިޔަލީ އެކަން ހާމަކުރައްވާފައިވަނީ މިއަދު ޓްވިޓާ މެދުވެރިކުރައްވައެވެ. ހިޔަލީގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ 2 ނަންބަރު ޖައްސަވާފައެވެ. އަދި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލްކުރައްވާ ފޮޓޯއެއް ޕްރޮފައިލްއަށް ވަނީ އަޕްލޯޑްކުރައްވާފައެވެ.

މީގެ އިތުރަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ފޮޓޯފުޅެއް ވަނީ ހިޔަލީގެ ޓްވިޓާގެ ކަވަރ ފޮޓޯއެއްގެ ގޮތުގައި ހިމަނުއްވާފައެވެ.

ރައީސް އަބުދުﷲ ޔާމީން އުފެއްދެވި ޕީއޭގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ، އަދި ރައީސް ޔާމީނާއެކު ޑީއާރުޕީއާއި، ޕީޕީއެމްގައިވެސް މަސައްކަތް ކުރައްވާފައިވާ ހިޔަލީގެ ނިންމުމާއި ގުޅޭގޮތުން އޭނާގެ ބަހެއް ވީނިއުސްއަށް ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކުގައި ހިޔަލީގެ ގާތް ބޭފުޅުންނާއި ހަވާލާދީ ބުނެފައިވަނީ ހިޔަލީ ހުންނެވީ އިބޫއާއެކުކަމަށެވެ.

މީގެ އިތުރަށް މިވަގުތު ލަންކާގައި ދިރިއުޅެމުންދާ ހިޔަލީ، ރައީސް މުހައްމަދު ނަޝީދާއި ބައްދަލްކުރައްވަނިކޮށް ނަގާފައިވާ ދެ ފޮޓޯވެސް ވަނީ އާންމުވެފައެވެ.