ކުރިއަށް އޮތީ އިންސާފުގެ ދުވަސްތައްކަމަށާ އެއްވެސް ރައްޔިތަކު ވަޒީފާއަށް ބިރުނުގަނެ އިސްލާހީ މަސައްކަތުގައި ބައިވެރިވުމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ގޮވާލައްވައިފިއެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ އުފަން ރަށްކަމަށްވާ ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މުޅި ގައުމުގެ ރައްޔިތުން އެދި ގޮވަނީ ގައުމާއި ރައްޔިތުން އިސްކޮށް މަސައްކަތްކުރުމަށްކަމަށެވެ. މިއީ ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި، ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުންވެސް ލީޑަރުންނަށް ދެއްވަމުން ގެންދެވި މެސެޖްކަމަށާ ހަތަރު ލީޑަރުން އެއް ވިސްނުމެއްގައި ނިކުތީ ގައުމާއި ރައްޔިތުން އިސްކޮށް ރައްޔިތުން އެދޭފަދަ ގައުމެއްގައި ހޯދާދިނުމަށްކަމަށެވެ.

މިއަދު ރިޔާސީ އިންތިޚާބުގައި އިއްތިހާދު ތަމްސީލްކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމުގެ ޝަރަފް ދެއްވީ ހިންނަވަރުގެ ރައްޔިތުންކަން ފާހަގަކުރައްވާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހިންނަވަރުގެ ރައްޔިތުން 25 އަހަރު ވަންދެން މަޖިލީހަށް އެމަނިކުފާނު އިންތިޚާބުކޮށްދެއްވިކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.