ފާދިއްޕޮޅު ރައްޔިތުން މިދިވެހި ގައުމަށް ވެދުން ކޮށްފައިއެވަނީ ޖަވާހިރެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަން ރަށުަގއި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ފާދިއްޕޮޅުގެ ރައްޔިތުން މިދިވެހި ގައުމަށްޓަކާ ފާދިއްޕޮޅުގެ ނިންމުން މީގެ ފަންސަވީސް އަހަރު ކުރީން ނިންމާފައިވާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ފާދިއްޕޮޅުގެ ރައްޔިތުން މިއަދު ގައުމަށް ވެދުންކޮށްފައިއެވަނީ އަގުބޮޑު ޖަވާހިރެއް ކަމަށެވެ. އެއީ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އިބްރާހީމް މުހައްމަދު ސޯލިހަކީ ދިވެހި ރާއްޖެ އެބޭފުޅަކަށް ޝަރަފުވެރިވާނެ ބޭފުޅެއް ކަމަށާ އަދި އެފަހުރާޝަރަފު ނިންމަވާދެއްވީ ހިތްވަރުގަދަ ފާދިއްޕޮޅުގެ ރައްޔިތުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ރާއްޖެ މިހާރު ވެއްޓިފައިމިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ކުރަންފެށި މަސައްކަތުން ސާފުވި އެއްކަމަކީ ރާއްޖޭގެ ރައްޔިތުން އިންސާފަށްޓަކާ ކުރަމުންގެންދާ މަސައްކަތް ކަމަށެވެ.

ދިވެހިން މިއަނދަވަޅުން ސަލާމަތްކޮށް ރާއްޖޭގައި އިންސާފު ގާއިމް ކޮށްދެއްވާނެ ވެރިއަކަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވެގެންދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ބާރުވެރިކުރުމަށްޓަކާ އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ތަންތަނަށް ހެދުން ކަމަށް ޝިފާޒް ވިދާޅުވިއެވެ. ދިވެހިން މިއެދޭ ރާއްޖެ ހޯދުމަށް ވިސްނުންތެރިކަމާއެކު ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވުމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ މިއިންތިހާބުގައި އަލަށް ވޯޓުލާ ޒުވާނުން ވަރަށް ގިނަ ކަމަށާ ފުރަތަމަ ވޯޓުލާ ދުވަހަކީ ކޮންމެ ޒުވާނަކުވެސް އުންމީދު ކުރަމުން އަންނާނެ ދުވަހެއް ކަމަށެވެ. އެހެންވީމާ ޒުވާނުން ވިސްނަންވީ އެންމެ ފުރަތަމަ ދެވޭ ވޯޓަކީ ފަހުރުވެރި ކަމާ އެކު ދެވޭ ވޯޓަކަށް ހެދުމަށް ކަމަށެވެ.

ބޮޑެތި ހުށަހެޅުންތައް އަލަށް ވޯޓުލާ ޒުވާނުންނަށްވެސް ހުށަހަޅާނެ ކަމަށާ އެހެންނަމަވެސް ވިސްނުން އިސްކޮށް އަލުން ފަސާދައިގެ ތެރެއަށް ގައުމު ވަށްޓަނުލުމަށް އެދޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.