މިނިވަން މުއައްސަސާތަކާއި ސަލާމަތީ ޚިދުމަތްތަކުގެ ބާރުން ނިކުމެ މި އަނިޔާވެރި ވެރިކަމަށް ނޫނެނޭ ބުނަންވީ ވަގުތު އައިސް ޖެހިއްޖެކަމަށް އަދާލަތުޕާޓީގެ ނައިބުރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އިއްތިހާދުން ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، މިސަރުކާރުން އެކިއެކި ގޮތްގޮތުން ދިވެހިރައްޔިތުންނަށް ޖެއްސުން ކުރަމުންދާކަމަށެވެ. އެގޮތުން ވާޒީފާގެ ބިރު ބައެއް ފަރާތްތަކަށް ދައްކަމުންދާއިރު، ދީނީ ޢިލްމުވެރިންނަށްވެސް ތަފާތު ގޮތްގޮތުން ބިރުދައްކައި ޖިސްމާނީގޮތުން އަނިޔާއާއިވެސް ކުރިމަތިވަމުންދާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ބައެއް ބޭފުޅުން ހެދުން އަޅާގޮތަކުން ތުނބުޅި ބަހައްޓާ ވަރަކުން، އެމީހުންގެ ހައްގުތައް ގެއްލުވާލާފަ އެބަހުރިކަމަށެވެ. އަދި ދީނީ ނަސޭހަތްދިނުމާއި ވައުޒުބުނުމުގައި ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ. ނަމަވެސް އިއްތިހާދުގެ ސަރުކާރެއްގަިއ އެކަންކަން ހުއްޓުމަކަށް ގެނެސް ޢިލްމުވެރިންގެ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އަދި މިވަގުތަކީ ސަލާމަތީ ޚިދުމަތްތަކުންވެސް މި އަނިޔާވެރި ވެރިކަމަށް ނޫނެކޭ ބުނަންވީވަގުތު ކަމަށާއި، 23 ސެޕްޓެމްބަރުގައި ދިވެހިން ތިބިގޮތް ވަރަށްސާފުކޮށް ފެނިގެންދާނެކަމަށް ވިދާޅުވި އެވެ.

އަލީ ޒާހިރު އިތުރަށް ވިދާޅުވީ ދިވެހިން ތަރަށްޤީ ބޭނުންވަނީ ކޮރަޕްޝަނާއި އަނިޔާ އާއި ނުލައި ކަމަށާއި، އެކަމަށް ދިވެހިރައްޔިތުން ވަނީ އަތުގުޅާލާފައި ކަމަށެވެ. އަދި ރައީސް ޔާމީންގެ އަސްލު ސިފަ އިންތިޚާބަށްފަހު ދައްކާނެ ކަމަށް ވިދާޅުވާއިރު، ދިވެހިން އިތުރު ސިފައެއް ދެކެން ބޭނުންނުވާ ކަމަށާއި ޔާމީންގެ އަސްލު ސިފަ ދިވެހިން ދެކެފި ކަމަށްވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.