ދިވެހި ގައުމަށް ކުރިމަތިވެފައިވާ ކަރުނައާއި ވޭނުން ސަލާމަތްވެ، އިންސާފު ލިބިގަތުމަށްޓަކައި 23 ސެޕްޓެމްބަރުގައި އިބްރާހިމް މުހަންމަދު ސޯލިހްއަށް ވޯޓްދެއްވުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ގުޅިފައިވާ އިއްތިހާދުން އެމަނިކުފާނުގެ އުފަންރަށް، އދ. މާމިގިލީގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި، މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ވީޑިއޯލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގައުމަށް މެދުވެރިވެފައިވާ ފިތުނައާއި، ކަރުނައާއި ވޭނާއި އަނިޔާއާއި ފަސާދައާއި ކޮރަޕްޝަނާއި މިހުރިހާ ކަމަކުން ސަލާމަތްވެ އިންސާފު ލިބިގަނެ، ނާއިންސާފުން ސަލާމަތްވުމަށްޓަކައި އިބޫއަށް ވޯޓްދޭންޖެހޭ ކަމަށެވެ.

މިސަރުކާރުން މީހުންނަށް ކުރަމުންދާ ޒާތީ އަނިޔާއާއި، ގެންގުޅޭ ޒާތީ ދުޝްމިންކަމާއި ފަސާދައިން ސަލާމަތްވެގަތުމަށްޓަކައި، މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުންވެސް ތިބީ އިބޫއަށް ވޯޓްލުމަށް ތައްޔާރުވެފައިކަން ކަށަވަރު ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި އެންމެ ކުރި ހޯދާނީ މާމިގިލީ ރައްޔިތުންކަން ކަށަވަރު ކަމަށާއި، އ.އަތޮޅުގެ ރައްޔތުންކަން ކަށަވަރު ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ކަށަވަރު ކުރެވޭ ކަމަކީ، ބޮޑުތަނުން މާމިގިލިން ޔާމީނު ބަލިކުރާނޭކަން. މާތްﷲ އިރާކުރެއްވިއްޔާ، ރާއްޖޭގެ އެންމެ ގިނަވޯޓު އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިގެންދާނެ ރަށަކީ މާމިގިލި ކަމުގައި ވެގެންދާނެ. އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރިއަށްއޮތް 5 އަހަރު ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު ހޮވުމަށްޓަކައި މިމަހުގެ 23 ވަނަ ދުވަހު ދިވެހިރައްޔިތުން ނިންމާ ނިންމުމާއިގުޅިގެން ދައްކަންޖެހިފައިވަނީ ރާއްޖޭގެ ހާލަތު މިހާރުއޮތް ގޮތުގެ ވާހަކަ ކަމަށެވެ.

މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ވަނީ އަނިޔާވެރިކަން ފެތުރިފައި ކަމަށާއި، ސަރުކާރުން ހިންގަމުންގެންދާ ނާޖާއިޒް، އަނިޔާވެރި އަދި އިހާނެތި ކަންތައްތަކުގެ ވާހަކަ ކަމަށެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވެ، ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަންތައް ކުރުމުގެ ސަބަބުން ރައްޔިތުން ބޮޑެތި އަދަދުތަކުން ދަރަނިވެރިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.