(11 ސެޕްޓެމްބަރު 2018 އާ ގުޅޭ)

މި ޝައްކު ބޮޑަށް އުފެދުނީ މި ފަހަކަށް އައިސް އިންތިޚާބުގެ ވާހަކަ ސާނިހުބެ ނުދައްކާތީއެވެ. އެންމެ ފަހުން ކުރި ޒުވާބަށް ފަހު ވޯޓާ ގުޅޭގޮތުން ވާހަކަ ނުދައްކާތީއެވެ.

އަހަރެން ސާނިހުބެއަށް ގުޅީމެވެ. މަންމައާއި ބައްޕަގެ އައިޑީކާޑު ގެއްލިގެން އުޅޭކަމަށް ބުނީމެވެ. އެކަން އެނގޭކަމަކަށް ސާނިހުބެއެއް ނުހެދިއެވެ. އެކަމުގެ ޒިންމާ ސާނިހުބެ އެޅުވީ އަހަރެންގެ ބޮލުގައެވެ.

"ބަލަ ރަފާހާއެއްނު މަންމަމެން ޑޮކްޓަރަށް ދައްކާ ތި ހަދަނީ. މަށަށް ކިހިނެއް އެނގޭނީ ތި އައިޑީކާޑު ލީތަނެއް. ވޯޓް ލާންވާއިރަށް އެވެސް ތި ގެއްލުވާލީ ދޯ" ސާނިހުބެ ބުންޏެވެ.

"މަންމަމެން އަތުގައި އެ ކާޑު އޮންނާނީ. މަންމަ ބުނަނީ އަލަމާރީގައޭ އޮންނާނީ. ހަމަ ފެންނަ ހިސާބުގައޭ ބާއްވަނީ. ބައްޕަ ވެސް ބުނަނީ ބައްޕަގެ ކާޑު އޮންނާނީ އަލަމާރީގައި އޮތް ފައިލެއްގައޭ. މިތަނުން ދުވަހަކު އެ ނުވެސް ނަގަމޭ. އެ ގެއްލެންވީ ސަބަބެއް ނެތޭ." ބައްޕައާއި މަންމަ ބުނި ވާހަކަތައް ސާނިހުބެއާ އަހަރެން ހިއްސާކުރީމެވެ.

"ދެން ތިބުނަނީ އަހަރެންނަށް އެނގޭނެޔޭތަ؟" ސާނިހުބެ ސުވާލުކުރިއެވެ.

"އަހަރެން އެހެނެއް ނުބުނަމެއްނު. އަހަރެންނަށް އެނގެނީ އެ ކޮޓަރިއަށް ވަދެވޭނީ އަހަރެންނަށާއި ސާނިހުބެއަށްކަން. އެހެން މީހަކު އެކޮޓަރިއަށް ނުވަންނާނެކަން" އަހަރެން ބުނީމެވެ.

"ތީގެ މާނައަކީ އެކާޑު ނެގީ މާށޭތަ؟" ސާނުހުބެ އަނެއްކާ ވެސް ސުވާލުކުރިއެވެ.

"އަހަރެންނަށް އެނގެނީ އަހަރެން އެ ކާޑު ނުނަގާކަން. ސާނިހުބެ ނެގިކަމެއް ވެސް އަދި ނުނަގާކަމެއް ވެސް އަހަރެންނަކަށް ނޭނގޭ. މިކަން އަހަރެން ފުލުސް އޮފީހަށް ރިޕޯޓްކޮށްފިން" އަހަރެން ބުނީމެވެ.

" އަހަރެންނެތް ނުނަގަން. ރަފާހާ ތިއުޅެނީ މާ މަތީގައި. މިހާރު އަހަރެންނަށް ވަގަށް ވެސް ގޮވަން ފެށީދޯ؟ މިހާރު އުޅެވޭކަށް ވެސް ނެތެއްނު. ކިހައި ދެރަކަމެއް" ސާނިބުގެ ޒުވާބު ފެށިއެވެ.

އެވާހަކަތައް އަޑު ނޭހުމަށް އަހަރެން ފޯނު ކަނޑާލީމެވެ.

އަހަރެންނަށް ގެއަށް ދެވުނު އިރު ގޭގައި ފުލުހުންގެ ދެ މީހަކު ހަރަކާތްތެރިވެއެވެ. އެމީހުން ފާސްކުރަމުން ދިޔައީ ބޭބެގެ ކޮޓަރިއެވެ.

"ކާކުބުނީ ސާނިހުބެގެ ކޮޓަރި ފާސްކުރާށޭ. އޭރުން ސާނިހުބެ ހިތަށް އަރާނީ ކީކޭ؟" އަހަރެން ސުވާލުކުރީ މަންމައާއެވެ.

"ބައްޕަ ބުނީ. މަށަށް ޔަގީން އެ ނަގާނީ ސާނިހުކަން. އެހެން މީހަކަށް އެ ކާޑުވީތަނެއް ނޭނގެނެކަން" އަހަރެންގެ ސުވާލަށް ޖަވާބުދިނީ ހިތްހަމަ ނުޖެހިފައި ހުރި ބައްޕައެވެ.

ފުލުހުންގެ މަސައްކަތް ފެށިތާ މާ ގިނައިރުތަކެއް ނުވެ މަންމައާއި ބައްޕަގެ އައިޑީ ކާޑު އެ ކޮޓަރިތެރެއިން ނެރުނެވެ. އެ ކާޑުތައް ހުރީ އެނދު ދަށުގައި ހުރި ފޮށި ގަނޑެއްގެ ތެރޭގައެވެ. އެ ކޮޓަރިން އިތުރު ހަ މީހެއްގެ ކާޑު ވެސް ނެރުނެވެ. މައްސަލަ ބޮޑުވީ އެހިސާބުންނެވެ. ކަންތައް ގޯސްވީ އިތުރު ކާޑުތަކެއް އެ ކޮޓަރި ތެރޭން ފެނުމުންނެވެ. އެކަން މައްސަލައަކަށް ނުހަދަން އަހަރެން އުޅުނު ނަމަވެސް ފުލުހުން ބޭނުންވީ އެކަން އިތުރަށް ތަހުގީގު ކުރާށެވެ. އެ ކާޑުތަކާމެދު އިތުރަށް ސުވާލުކުރާށެވެ.

އަހަރެން ސާނިހުބެއަށް ގުޅީމެވެ. ކާޑުތައް ސާނިހުބެގެ ކޮޓަރީގައި ހުރިކަމަށް ބުނީމެވެ. އަވަހަށް ގެއަށް އައުމަށް އެދުނީމެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ސާނިހުބެ ގެއަށް އައެވެ. ފުލުހުން ސާނިހުބެއާ ސުވާލުކުރިއެވެ. ނަމަވެސް އެ ކާޑުތައް ނެގީ ސާނިހުބެ ކަމަކަށް ސާނިހުބެ އެއްބަހެއް ނުވިއެވެ. ސާނިހުބެ ހިތްހަމަ ނުޖެހުނީ އަހަރެންދެކެއެވެ. މަންމައާއި ބައްޕަ ދެކެއެވެ. ނަމަވެސް އެކަމުގައި އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ކާޑުތައް ނެގީ ސާނިހުބެކަން އެނގޭނަމަ ކަންކުރާނީ އެގޮތަކަށް ނޫނެވެ. ސާނިހުބެގެ އެ އަމަލާމެދު ބައްޕަ އައީ ރުޅިއެވެ. ފާޅުކުރީ ހިތްހަމަ ނުޖެހުމެވެ.

"މިއީތަ ސާނިހުއަށް ކުރަން އެނގުނު ކަމަކީ؟ އަދިވެސް ރުޅި އަންނަންވީ އަހަރެމެން ދެކެތަ؟ މި ކާޑުނެގިކަން ކުރިން ބުނިނަމަ މިހެން ވީސްތަ؟ ބަލަ މިއީ ސާނިހުގެ އެއްޗެއް ނޫނޭ. އަހަރެން ގާތުގައި ބުނެލި ނަމަވެސް މި ކާޑު ދިނީސް. ވޯޓްވެސް ދިނީސް. ޕާޓީއާ ހެދި މޮޔަވެފައި ތިހުންނަނީ ވަކި ވަރަކަށް ނޫނިއްޔަ. ހަނދާން ކުރާތި. މަގޭ ވޯޓަކީ މަގޭ ހައްގެއް. ކޮންމެ ކަމެއްގައި ވަގު ހަދަން ނޫޅޭތި" ބައްޕަގެ ވާހަކަތައް މެދުކަނޑުވާލީ އަހަރެންނެވެ. އެ ވާހަކަތައް އިތުރަށް ދައްކުވަން އަހަރެން ބޭނުންނުވީއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ސާނިހުބެ ގެންދިޔައެވެ. އެކަމުގައި ބަންދުކުރިއެވެ. ކުށްވެރިވިއެވެ. އެންމެ ފަހުން ވޯޓްލީއިރު ވެސް ސާނިހުބެ ހުންނަން ޖެހުނީ ބަންދުގައެވެ. އެކަމުން ސަލާމަތްވީ އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރި ފަހުންނެވެ.

(ނިމުނީ)