މީހުންނަށް އަނިޔާ ކުރާ ވާހަކައާއި މީހުން މަރާ ވާހަކަދެއްކުމުން އަހަރެންގެ ހިތަށް އަބަދުވެސް ތަދުވެއެވެ. އެތަދު އިތުރަށް ބޮޑުވީ ކަތިވަޅިއެއްގެ ތޫނުކަން އަހަރެންގެ ހިތަށް ފޯރުމުންނެވެ. އިންސާނިއްޔަތާ ޚިލާފު ޢަމަލަކުން އަހަރެންގެ ހިތް ރޮއްވާލީމައެވެ. ދާއިމީ ލަކުނެއް އަހަރެންގެ ހިތުގައި ލީމައެވެ. ސުވާލަކީ މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ އެފަދަ އަނިޔާއެއް އަހަރެންނަށް ލިބެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ހަގީގަތުގައި އަހަރެންގެ ހިތުގެ އެއްބަޔަކީ އަހަރެންގެ ބޭބެއެވެ. އާއިލާގެ އެންމެ ދޮށީ މީހަކީ ބޭބެ ކަމަށްވެފައި ހުރިހާ ކަމެއްހެން ކޮށްދެމުން ދަނީ ބޭބެ ކަމަށްވާތީ އެވެ. އަހަރެންގެ ބަލަދުވެރިޔަކީ ވެސް ބޭބެ ކަމަށްވާތީއެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެނަކީ ވެސް ބޭބެ ކަމަށްވާތީއެވެ. ހަގަށް ތިބި ހުރިހާ ކުދިންގެ މުސްތަގުބަލާ ގުޅިފައިވާ ފަރާތަކީ ވެސް ބޭބެއެވެ. އަހަރެންނަށް ބޭބެ ޚާއްޞަވަނީ އާއިލާ މެންބަރުންގެ ތެރެއިން ބޭބެ އެންމެ ލޯބި ވަނީ އަހަރެން ދެކެކަން އަހަރެންނަށް ގަބޫލުކުރެވިފައި ވާތީ އެވެ. އެކަމަކު އެ ބޭބެއެއް މިއަދަކު ނެތެވެ. ދެން ނުވެސް ފެންނާނެއެވެ. ދެން ނުވެސް އަންނާނެ އެވެ. ކިހައި ދެރަ ހެއްޔެވެ؟

ރަޙުމު ކުޑަ ބައެއްގެ ޝިކާރައަކަށް ބޭބެ ވީ ފަހެ ކީއްވެ ހެއްޔެވެ؟ ބޭބެ ކުރީ ކޮން ކުށެއް ހެއްޔެވެ؟ ކޮން ޖެއްސުމެއް ހެއްޔެވެ؟ އެފަދަ އަނިޔާއެއް ދިނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ބޭބެގެ މަރުގެ ޚަބަރު ލިބުނު ދުވަހުއްސުރެ ވެސް މި ހިތުގެ ވިންދުތަކުން ކޮންމެ ދުވަހަކު އެ ސުވާލުތައް ތަކުރާރުކުރެ އެވެ. ލާ ކޮންމެ ނޭވާއަކުން އެ ސުވާލުތައް އަހަރެންގެ ހިތާ ކުރަމުންދެއެވެ. އެކަމަކު އަހަރެންގެ ހިތުން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އެކަމާ ކުރާނީ ކީއް ހެއްޔެވެ؟

ކޮންމެ ފަތިހެއް އަހަރެންނާ ބައްދަލުކުރަނީ ބޭބެއަށް އިންސާފު ހޯދޭނެކަމުގެ އުންމީދު އަހަރެންނަށް ދެމުންނެވެ. ނަމަވެސް ކޮންމެ ރެއެއްގެ އަނދިރިކަން ފެތުރެނީ އެ އިންސާފުގެ މަގުގެ އަނދިރިކަން ބުނެދެމުންނެވެ. ތަސައްލީއެއް ލިބެން ނެތް މި ޚިޔާލުތަކުން ހިތުގައި އުފެދިގެން އަންނަނީ ނަފްރަތެވެ. ބޭބެގެ ހަނދާންތަކުން ހިތަށް ކުރަނީ އުނދަގުލެވެ.

މިއަދުވެސް އަހަރެން އިނީ ނެގިމަޑުވެފައެވެ. ކޮޓަރީގައި ބިއްޖެހިފަ އެވެ. ކާހިތެއް ނުވެއެވެ. ބޯހިތެއް ނުވެއެވެ. ކަމެއް ކުރާ ހިތެއް ވެސް ނުވެއެވެ. ހަމަ ފިކުރު ކުރެވެނީއެވެ. އެހެން ދުވަސް ދުވަހަށްވުރެ ބޮޑަށް ހަނދާންވަނީއެވެ. ރޭ އިވުނު ވާހަކައެއްގެ ސަބަބުންނެވެ. އަޅެ ޓީޝާޓް ކުށްވެރިވާންވީ ކީއްވެ ހެއްޔެވެ؟ މާގިނައިން އެ ޓީޝާޓް ބޭބެ ލާތީ ހެއްޔެވެ؟ އެ ޓީޝާޓް ބޭބެއަށް މާ ރީތި ވީމާ ހެއްޔެވެ؟ އެ ޓީޝާޓްގައި ހުރި ޑިޒައިންގެ ސަބަބުން ހެއްޔެވެ؟ ފަހަރަކު ސުވާލެއް އައިސް އަހަރެންގެ ހިތުގައި ވަކި އަޅަން ފެށިއެވެ. ކޮންމެ ސުވާލަކުން އެތައް ވޭނެއް އަޅަން ފެށިއެވެ. އޭގެ ތަދު މުޅި ހަށިގަނޑަށް އިހުސާސް ވަމުންދިޔަ އެވެ. އޭގެ އަސަރުން ދެ ލޯ ތެންމާލި އެވެ.

"ދެން ދައްތާ. ކެތްތެރިވެ ބަލަ؟ އަހަރެންހެން ހިތްވަރު ކޮށްބަލަ؟" އަހަރެންނަށް ވުރެ ދެ އަހަރު ހަގު އަންހެން ކޮއްކޮއަށް ކެތް ނުވެގެން އައިސް އަހަރެންނާ ވާހަކަދައްކަން ފެށި އެވެ. އޭރު އެ ކޮއްކޮގެ ދެ ލޯ ވެސް ވަނީ ތެމިފަ އެވެ.

"ކިހިނެއް ކެތްކުރާނީ. އެއިވޭ ވާހަކަތަކުން ހަމަ ހިތްދަތިވަނީ. ބޭބެގެ ދުނިޔޭގައި ބޭބެ ދައްކާފައި ހުރި ވާހަކަތައް ހަނދާން ވުމުން ހަމަ ދެރަވަނީ" އަހަރެންނަށް ބުނެވުނީ ރޮމުން ކަހަލަ ގޮތަކަށެވެ.

"އެ ޓީޝާޓް އިސްތިރިކުރި ދުވަހަކު ބޭބެ ގާތުގައި އަހަރެން ބުނިން އެ ޓީޝާޓް މާ ބާވެއްޖޭ. ދެން ލާނެކަމެއް ނެތޭ. ދެން އެ ވިދާލާނިއްޔޭ. އެކަމަކު ބޭބެ ބުނި އެއީ އެންމެ ރީތި ޓީޝާޓޭ. އެ ޓީޝާޓަށް ގޮތެއް ނުހަދާށޭ. އެއީ އެންމެ ލާހިތްވާ ޓީޝާޓޭ. އެއްޗެއްގެ މުހިންމު ކަން އެނގޭނީ އެ އެއްޗެއް އަތުން ބީވީމާއޭ" ބޭބެގެ އެ ވާހަކަތައް އަހަރެން ކޮއްކޮއާ ހިއްސާކުރީމެވެ.

"ތި ޓީޝާޓްގެ ވާހަކަ އަހަރެންވެސް ދެއްކިން. އެކަމަކު ބޭބެ ބޭނުންވީ ހަމަ އެޓީޝާޓް. ހިތަށް އަރާ ކީއްވެބާއޭ؟ އެހައި ވަރުން އެ ޓީޝާޓް ރީތިވެގެން އެ އުޅުނީ ކޮން ކަމެއް ފޮރުވިފައި ވާތީ ބާއޭ؟" ކޮއްކޮ ސުވާލު އުފެއްދި އެވެ.

"ކޮންމެ ކަމެއް ވެސް ހިނގަނީ ކޮންމެވެސް ކަމަކާ ގުޅިގެން. އެކަމަކު އެ ޓީޝާޓް ލާތާ އެތައް ދުވަހެއް. އެ ޓީޝާޓާ ގުޅިގެން އެއްވެސް ކަމެއް ހިނގާފައެއް ނެތް. އެ ޓީޝާޓް ކުއްވެރިވާންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނޭ" އަހަރެން ބުނީމެވެ.

"ތިއީތާ ސުވާލަކީ؟ އެހެން ބުނަންވީ ކީއްވެ؟" ކޮއްކޮ ވެސް ކުރީ އަހަރެންގެ ހިތުން ކުރަމުން ދިޔަ ސުވާލުތަކެވެ.

"ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަހަރެންނަށް ޔަގީންވަނީ ބޭބެއަކީ ކުށްވެރިއެއް ނޫންކަން. ބޭބެ ކުށެއް ނުކުރާނެ. ނުކުރާނެ. ނުކުރާނެ" ބަސްތައް ތަކުރާރު ކުރަމުން އަހަރެންނަށް ރޮއިގަނެވުނެވެ. ކޮއްކޮގައި ބައްދައިގަނެވުނެވެ.

މެންދުރު ފަހުގެ ވަގުތުތައް އަހަރެން ގުނީ ބޭބެގެ ކޮޓަރީގަ އެވެ. އެ ކޮޓަރިއަށް ވަންނަން ހަމަ ބޭނުންވީ އެވެ. ބޭބެގެ މަތިން މާބޮޑަށް ހަނދާންވާތީ އެވެ. ސިކުނޑިއަށް ކުރަމުން ދިޔަ އުނދގޫތަކަށް ކެތް ނުކުރެވުމުންނެވެ.

އެ ކޮޓަރީގައި ހުރި ކޮންމެ އެއްޗަކުން އެތައް ވާހަކައެއް ބުނެދެމުން ދިޔަ އެވެ. ކޮޓަރީގައި ހިފައިފައި ހުރި ވަހުން އަހަރެންގެ ހިތަށް ލިބުނީ އުފާވެރިކަމެވެ. ހީވީ ހަމަ ދެންމެ ސެންޓް ޖަހައިގެން ބޭބެ ނުކުތް ހެނެވެ. ކޮޓަރީގެ އެކި ދިމާއަށް ވަކިވަކިން ބަލަމުން އަހަރެން ގޮސް ހުއްޓުނީ ހުޅަނގު އުތުރު ބިތުގައި ހުރި އަލަމާރި ކުރިމަތީގަ އެވެ. އޮފު ހުދުކުލައިގެ އަލަމާރީގެ ދެ ދޮރުފަތް ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ ބޭބެގެ އަންނައުނުތަކެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ގޮޅި ޖެހި ކަނޑު ނޫ ގަމީހެއްގެ އިތުރުން ދެން ހުރީ މުޅިންވެސް ޓީޝާޓެވެ. ގިނައީ ނޫކުލައިގެ ޓީޝާޓެވެ. އެންމެ ފަހުން އަހަރެން އިސްތިރިކުރި ޓީޝާޓް ވެސް އެ ބެހެއްޓި ގޮތަށް އެ ބެހެއްޓިތާ ހުއްޓެވެ. އަނެއްކާ ވެސް ހަނދާންވީ އެ ޓީޝާޓް މަތިންނެވެ. މި ހުރިހާ ޓީޝާޓްތައް ހުއްޓާ އެ ޓީޝާޓް ހިފައިގެން ދިޔަ ސަބަބެވެ. އެ ޓީޝާޓަށް ލޯބި ކުރި ސަބަބެވެ. އޭގެ ޖަވާބެއް ނުވިސްނުނެވެ. ހިތަކަށް ނައެވެ. ހިތަށް އައީ ބޭބެ ދައްކާފައި ހުރި ވާހަކަތަކެވެ. ބޭބެގެ އުންމީދު ތަކެވެ.

"އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ ދެން މެރީ ކުރާނަން. މިހާރު މި ތައްޔާރުވަނީ އެކަމާ. ދެން އިސްތިރިކުރާކަށް ވެސް ކޮއްކޮއަކަށް ނުޖެހޭނެ. ދުވަހަކު ވެސް ނުޖައްސާނަން އިނގޭ" އިސްތިރިކޮށް އަލަމާރީގައި ޓީޝާޓްތައް އަޅުވަން ދިޔަ ދުވަހަކު ބޭބެ ދެއްކި ވާހަކަތަކެއް އައިސް އަހަރެންގެ ހަނދާނާ ކުޅެލިއެވެ. އެ ހަނދާނާއެކު އަހަރެންގެ ދެ ލޮލުގެ ކަޅި ގޮސް ހުއްޓުވީ އަލަމާރީގެ ދޮރުފަތުގައި ހަރުކުރެވިފައިވާ ފޮޓޯ ގަނޑަށެވެ. އެއީ ބޭބެގެ ލޯބިވެރިޔާ އެވެ. ބޭބެގެ އުންމީދުތަކެވެ. އެ އުންމީދުތައް ކަތިލައި ކޮށައިލީ ކީއްވެ ހެއްޔެވެ؟ އެ އުންމީދުތައް ވެއްޔާ މޮޑެލީ ކޮން ސަބަބަހާ ހުރެ ހެއްޔެވެ؟ ސިކުނޑިއަށް ހުށަހެޅެމުން ދިޔަ ސުވާލުތަކުން ހިތަކަށް ކެތެއް ނުކުރެވުނެވެ. އަލަމާރީގެ ދޮރު ލައްޕާލީމެވެ. އެ އަލަމާރީގައި ބޯ ޖައްސައިގެން އެތައް އިރަކު ވިސްނަން ހުރެވުނެވެ.

ބޭބެ ތައްޔާރުވަމުން ދިޔައީ ކައިވެންޏަށެވެ. އުއްމީދަކަށްވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރުމެވެ. މާލެ ދިޔަ އެ ދަތުރުގެ އެއް ބޭނުމަކީ ވެސް އެއީ އެވެ. އެކަމަކު އެ ދަތުރުން ބޭބެއަށް ދިނީ ނާއުންމީދެވެ. ކުއްލި މަރުގެ ދަޢުވަތެވެ. އެކަން އެނގޭނަމަ ބޭބެ މާލެއަކަށް ނުދާނެ އެވެ. ނުވެސް ފޮނުވާނަމެވެ. ކަނޑުގެ ބިޔަ ރާޅުތަކާ ދެކޮޅަށް ހަނގުރާމަކޮށް ބޭބެ ފަތަހަ ހޯދިނަމަވެސް މާލޭގެ މަގުމަތީގައި ކުރި އެ ދަތުރުން ބޭބެއަކަށް ނަސްރެއް ނުލިބުނެވެ. އެ އަނިޔާތަކުން މިންޖެއް ނުވެވުނެވެ. އެ އިންސާނިއްޔަތު ކަމެއް ނެތް ހަލަތާކުން ސަލާމަތެއް ވެސް ނުވެވުނެވެ. އެ ހަށިގަނޑުން ފުރާނަ ނުކުމެގެން އެ ދިޔައީ އެތައް އުންމީދު ތަކަކާއެކުއެވެ. އެތައް ހުވަފެންތަކެއް ދެކެމުންނެވެ. އެތައް ބަޔަކު ރޮއްވާލަމުންނެވެ.

ބޭބެއެވެ. އަހަރެންނަކަށް ނޫޅެވޭނެ އެވެ. މި ހިތްދަތިކަމުގައި ކެތެއް ނުކުރެވޭނެ އެވެ. ބޭބެއާއެކު ގެންދާށެވެ. ތިޔަ އަނިޔާ ކުރީ ކޮން ބައެއް ހެއްޔެވެ؟ ބޭބެ ނޫން މީހަކު އަނިޔާކުރަން ނުފެނުނީ ހެއްޔެވެ؟ އެނގިގެން ވިޔަސް ނޭނގިވިޔަސް އެކަން ބޭބެއަށް މެދުވެރިވީ ކީއްވެ ހެއްޔެވެ؟ ހިތުން އުފެއްދި ޖަޒުބާތީ ސުވާލުތަކާއެކު އިންތިޒާރު ކުރެވުނީ އެ އިންސާފަށެވެ. އެކަމުގެ ބަދަލު ލިބޭނެ ވަގުތަކަށެވެ.

އިހަށް ދުވަސް ފާއިތުވީއެވެ. އިއްޔެ ވެސް ނިމުނީ އެވެ. މިއަދު ވެސް އެހަރަ ނިމިގެންދަނީއެވެ. ދެން އޮތީ މާދަމާ އެވެ. އިންސާފާ ބައްދަލު ކުރާނެކަމުގެ އުއްމީދުގައި އަހަރެންގެ ދެ ލޯ މި މަރާލަނީ އެވެ.

(ނިމުނީ)