ހޭ އެރިއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. ވަށައިގެން ތިބީ އާއިލާގެ މީހުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ނުރުހުމާއި ނަފްރަތެވެ. އެ އިހުސާސްތައް ފެންނަން ޖެހުނީ ކީއްވެގެންކަން އަހަރެންނަށް އެނގެއެވެ. އެ މީހުން އަހަރެންދެކެ ރުޅި އައުން ހައްގުކަން އަހަރެން ގަބޫލުކުރަމެވެ. އެހެން ނަމަވެސް އެހެންވީ ސަބަބުތަކެއް ހުރެގެންނެވެ. ކަންތައްތަކެއް ދިމާވެގެންނެވެ.

އަހަރެން ކުޅުދުއްފުއްޓަށް ބަދަލުވީ ކިޔަވާށެވެ. މަންމައާއި ބައްޕަގެ އުންމީދުތައް ފުރިހަމަ ކޮށްދޭށެވެ. އަހަރެން ޢަޒުމު ވެސް ފުރިހަމަ ކުރާށެވެ. އެ އުންމީދާއި ޢަޒުމުގައި އަހަރެންނަށް ކުރިއަށް ދެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ކުރިއަށް ދާން އޮތް މަގުން ހުރަސްތައް ދިމާވާން ފެށީއެވެ. ދަތިތަކާއި ތުރާތައް ކުރިމަތިވާން ފެށީއެވެ. އެކުވެރިން އުނދަގޫތަކާއި ޖެއްސުންތައް ތަޙައްމަލުކުރަން މަޖުބޫރިވީއެވެ. ދިމާވަމުން ދިޔަ ކަންކަން އަހަރެން ހުށަހެޅީ މުދައްރިސުންނަށެވެ. ނަމަވެސް އެކަމަކުން ލިބުނު މޮޅެއް ނެތެވެ. ހޯދުނު ހައްލު ނެތެވެ. ދިމާކުރުންތަކާއި އުނދަގޫތައް ހައްތަހާ ދިޔައީ އިތުރުވަމުންނެވެ.

ސްކޫލުގެ އަހަރީ ދުވަހެވެ. އަހަރެންވެސް ދިޔައީ އެހެން ކުދިންނެކޭ އެއްފަދައިން އަހަރެންގެ ކޮއްކޮ ގޮވައިގެން ތަފާތު ޙަރަކާތްތަކުގައި ބައިވެރިވެލުމަށެވެ. ތަފާތު ކުޅިވަރުތަކާއި ގޭމުތަކުގައި ބައިވެރިވެލުމަށެވެ. އެކަމުގައި އުޅެނިކޮށް އަހަރެންނަށް ގޮވީ އަހަރެން އުޅޭ ކުލާހުގެ ނަޖޫއެވެ. ނަޖޫގެ އަޑު އިވުނު ނަމަވެސް އެ އަޑު އިވޭ ކަމަކަށް އަހަރެންނެއް ނުހަދަމެވެ. ކައިރީގައި ކޮއްކޮ ހުރުމުން އެކަމަކަށް މާ ބޮޑު ސަމާކުކަމެއް ނުދެމެވެ.

"ސަމާ... ކަލޭ އަންނާނީތަ ނޫނީ ތިތާ ހުންނާނީތަ؟" ހަރުކަށި ގޮތަކަށް ނަޖޫ އަހަރެންނާ މުޚާތަބުކުރިއެވެ.

"އަހަރެން މިއުޅެނީ ކޮއްކޮ ގޮވައިގެން. ކޮއްކޮ ދޫކޮށްލާފައި ކިހިނެއް ދާނީ؟" އަހަރެން ދެއްކީ އުޒުރެކެވެ.

"ދިހަ މިނެޓްތެރޭ ކަލެއަށް ނާދެވިއްޖެނަމަ ހަދާނެ ގޮތް އެނގޭނީ އަހަރެެމެންނަށް. ހަނދާން ކުރާތި ފާޚާނާ ތަކުގެ ކައިރީ އަހަރެމެން މަޑުކުރާނީ އިރުކޮޅަކު" ނަޖޫގެ ވާހަކަތަކުން އިތުރު ބަޔަކު އެކުވެރިޔާއާ އެކު ތިބިކަން ޔަގީންވިއެވެ.

"އަހަރެން ބަލާނަން. އިރުކޮޅެއް ވެދާނެ" އަހަރެން ޖަވާބު ދިނީމެވެ. އެ ނޫން ޖަވާބެއް ދޭކަށް އަހަރެންނަކަށް ނުކުރުނެވެ. އެ މީހުން ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެއެވެ. އެކުވެރިޔާއާއެކު ދެން ތިބޭނީ ކޮން ބައެއްކަން އަހަރެންނަށް އެނގެއެވެ. އެ މީހުންގެ ބޭނުމަކީ ކޮބައިކަން ވެސް އަހަރެންނަށް އެނގެއެވެ.

އަހަރެންނަށް ހުރެވުނީ ދެ ފިކުރެއްގައެވެ. ދާންވިއްޔޭ ހިތަށް އެރިއެވެ. ނުދާނަމޭ ވެސް ހިތަށް އެރިއެވެ. ހިނގައްޖެނަމަ ކޮންމެވެސް ގޯސް ކަމެއް ކުރަން ޖެހޭނެއެވެ. ނުގޮސް މަޑުކޮށްފިނަމަ އޭގެ ހަސްކާ ފަހުން ލިބޭނެއެވެ. އެ މީހުންގެ އުނދަގޫ އަހަރެންނަށް ޖެހޭނެއެވެ. އެހެންވެ އަހަރެން ނިންމީ އެ މީހުންގެ ގާތަށް ދާށެވެ.

ކޮއްކޮ އެތަނުގެ ސްޓޯލެއްގައި ބެހެއްޓުމަށްފަހު ކުޑަ އިރުކޮޅަކަށް އަހަރެން އެތަނަށް ދިޔައީމެވެ. އެ މީހުން ތިބީ ފާޚާނާ ބަރިތައް ކައިރީގައެވެ. އެތަނުގައި ތިން މީހުން ތިއްބެވެ. އަހަރެން ގޮސް އެތަނުގައި މަޑުކޮށްލުމާއެކު ނަޖޫ އައިސް އަހަރެންގެ ބުރުގަލުގައި ހިފާ ލައްކެއް ޖަހާލިއެވެ. އެ ލަކީގެ ބާރުކަމުން ބުރުގާ ގޮސް އެޅުނީ ކަރުގައެވެ. އެއާއެކު ދެން ތިބި މީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ކަލޭ ތި އުޅެނީ މާ ފޮނިވެގެން. ހީނުކުރާތި ބޭނުން ގޮތަކަށް އުޅެވިދާނެކަމަށް. އަހަރެމެން ބުނާ ގޮތަށް ކަންތައްތައް ނުކުރެވެންޏާ ހޭއަރުވާލަނަން" މެދުގައި ހުރި އަރީޝާ އަހަރެންނަށް ދިނީ އިންޒާރެވެ.

އެއާއެކު ދެން ހުރި ކުއްޖާ އައިސް އަހަރެންގެ މޫނުގައި އެތިފަހަރެއް ވިހަލިއެވެ. ވީތަދާއި ނެގި ދިލައާއެެކު އައްދޯތްޔޭ ކިޔައި އަހަރެންނަށް ހަޅޭއްލައިވައި ގަނެވުނެވެ. އަހަރެންގެ އަނގަމަތީ އަތް އަޅައި އެ އަޑު ކަނޑުވާލީ އަރީޝާއެވެ.

(ނުނިމޭ)