މާފުށި ޖަލު ކުއްލި ހާލަތަކަށް ގެނެސް ބައެއް ގައިދީންގެ ވަކީލު ބައްދަލުވުންތައް ކެންސަލްކޮށްފި އެވެ.

ވީނިއުސް އަށް އެނގިފައިވާ ގޮތުގައި މާފުށި ޖަލު ކުއްލި ހާލަތަކަށް ގެެނެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ދިމާވެދާނެ ކަަމަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ނަމަވެސް ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މާފުށި ޖަލު ކުއްލި ހާލަތަކަށް ގެނައީ ރިޔާސީ އިންތިހާބާ ގުޅިގެން ނޫން ކަމަށެވެ. އެކަމަކު ޖަލު ކުއްލި ހާލަތަކަށް ގެނެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާ އެކު ބައެއް ގައިދީންގެ ވަކީލު ބައްދަލުވުންތައް ކެންސަލްކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖަލުގެ ކުއްލި ހާލަތު ނިމުމަކަށް އަންނާނީ ކޮން އިރަކުންތޯ ދެންނެވުމުން އޮފިސަރު ވިދާޅުވީ އެ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވަމުން ގެންދަވާނެ ކަަމަށެވެ.

މާފުށި ޖަލު ކުއްލި ހާލަތަކަށް ގެނެސް ބައެއް ގައިދީންގެ ވަކީލު ބައްދަލުވުންތައް ކެންސަލް ކޮށްފައި މިވަނީ ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ތަފާތު ބަޔާންތައް ނެރުއްވާ، ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުން ގެންދަވާ ވަގުތެއްގަ އެވެ.