ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން އެތަނުގެ އަގު "ޗަކަވަޅަކަށް" ވައްޓާލާފައިވާކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެންޔޫއިން ރިޔާސީ ބަހުސްގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ޕްރަގްރާމަށް ފާޑުވިދާޅުވެ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ކުރިން ޖަސްޓިސް މިނިސްޓަރުކަމާއި، ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި ޔުނިވާސިޓީތަކުގައި ލެކްޗަރުވެސް ދެއްވާފައިވާ ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމްއެންޔޫއިން ސުވާލާއި ޖަވާބުކަމަށް ބުނެ ބޭއްވި ބަހުސްއަކީ ރައީސް ޔާމީންގެ ކޮރަޕްޝަނާއި، އަނިޔާވެރިކަމުގެ ތީސިސް ދިފާއުކުރުމަށް ބޭއްވި ބަހުސްއެއްކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ އުފެއްދުމަށްވެސް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ޑރ ޖަމީލް ވަނީ ރިޔާސީ ބަހުސްގެ ނަމުގައި ރޭ އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ޕްރަގްރާމްގެ ސަބަބުން އެމްއެންޔޫއިން އެތަނުގެ އަގު "ޗަކަވަޅަކަށް" ވައްޓާލާފައިވާކަމަށް ވިދާޅުވެފައެވެ. ރައީސް އަބްދުﷲ ޔާމީން އެކަނި ހުންނަވާ ކުރިއަށް ގެންދިޔަ ބަހުސްއާއި ގުޅޭގޮތުން ޖަމީލް ވިދާޅުވީ މިއީ ދުނިޔޭގައިވެސް މިފަދަ ގޮތަކަށް ބޭއްވި ފުރަތަމަ ބަހުސްކަމަށެވެ.

އެހެންކަމުން ޑިބޭޓް ނުވަތަ ބަހުސްގެ މާނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ދަސްކޮށްދޭންޖެހޭކަމަށް ޖަމީލް ވިދާޅުވިއެވެ.