ފަސްއަހަރުން މިސަރުކާރަށް ނުކުރެވުނުކަމެއް އިއްތިހާދުން 45 ދުވަހުގެ ތެރޭގައިކޮށް ނިންމާލާފައިވާ ކަމުގައި އިއްތިހާދުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމު މިހެން ވިދާޅުވީ މިއަދު ހައްދުންމައްޗަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު ހަވީރު ފޮނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ހުރިހާރަށަކަށް އިއްތިހާދުގެ ކެމްޕޭންޓީމުތައް ދަތުރުކޮށްފައި ވާއިރު އިއްތިހާދުގެ ރަނިންމޭޓު ނުވަތަ ކެނޑިޑޭޓު މިހާރު ވަޑައި ނުގަންނަވާ ރަށެއް މިހާރަކު ނެތެވެ. އިއްތިހާދުގެ ކެމްޕޭނަށް 45 ދުވަސް ވީއިރު އެބޭފުޅުންވަނީ ރާއްޖޭގެ 189 ރަށަށް ޒިޔާރަތްކުރައްވާފައެވެ.
ފަސް އަހަރު ނިމިދިޔައިރު ރައީސް ޔާމީނަށް ރާއްޖޭގެ ހުރިހާރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި ނުލެއްވުނުކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ފަސްއަހަރުން ދިހަ އަހަރުގެ ތަރައްޤީ ހޯއްދަވައި ދެއްވާނޭ ކަމަށެވެ.
ފައިސަލް ނަސީމް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ޒުވާނުންނައް ޚާއްސަ އިސްކަމެއްދީ ކުޅިވަރުކުޅުމުގެ މަގުތައް ފަހިކޮށްދެއްވާނެ ކަމަށާއި، އެގޮތުން ފޮނަދޫ ކުރިގަމު އަވަށުގައި ރަނގަޅުފެންވަރުގެ ސްޕޯޓްސް އެރީނާއެއް ޤާއިމްކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ފޮނަދޫގައި އިއްތިހާދުގެ ސަރުކާރުން މިސްކިތެއް އަޅުއްވައި ދެއްވާނޭ ކަމުގައި ފައިސަލް ވިދާޅުވިއެވެ.
"އަޅުގަނޑުވަރަށް ފަޚުރުވެރިކަމާއި އެކު ދަންނަވާނީ، ފަސްއަހަރުން މިއަދުގެ ސަރުކާރަށް ނުކުރެވުނު ކަމެއް އަޅުގަނޑުމެންގެ ޓީމާއި އަޅުގަނޑުމެންގެ ކެންޑީޓާއި އަޅުގަނޑުމެންގެ ޓީމުން އެންމެ 45 ދުވަހުން މިވަނީ ކޮށްނިންމާފައޭ. އާދެ! މިހާވަރުން ތިޔަބޭފުޅުންނަށް ދެން ޔަޤީންކަން ލިބިގެންދާނެ، ﷲ އިރާދަކުރެއްވިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރެއްގައި އަޅުގަނޑުމެން ވަރުގަދަ ޓީމަކާއި އެކު މަސައްކަތްކޮށް ފަސް އަަހަރުން ދިހަ އަހަރުގެ ތަރައްޤީ ގެނެސްދޭނަން" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިއަދު ޤައުމުގެ އެކި ކަންކޮޅުން ފެނިގެން މިދަނީ ހިތާމަޔާއި ހިތްދަތިކަމުގައި ތިބި އާއިލާތައް ކަމަށެވެ.
އަދި މިޖަޒީރާރަށްތަަކަށް ބަލާލުމުން ފެނިގެން މިދަނީ އިންތިހާދަރަޖައިގެ ތަފާތު ކުރުން ކަމުގައިވެސް ފައިސަލް ވިދާޅުވިއވެ.
މިގޮތުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފުރުޞަތުތައް ހަނިވެފައި އޮތުން ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ނުދެވި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރަމުން ގެންދާކަމުގައި ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއް މިޤާއިމް ކުރެވެނީ ދިވެހި ޤައުމުގައި މިއަދު ގެއްލިފައިވާ އިޖުތިމާއީ އަދާލަތު ޤާއިމްކޮށްދިނުމަށް ކަމަށެވެ.
ހައްދުންމަތީގެ ރަށްތަކަށް ފައިސަލް ނަސީމު މިއަދު ފެއްޓެކެމްޕޭން ދަތުުރުފުޅުގައި މިރޭ މާވަށަށް ވަޑައިގެން އެރަށުގައި ބާއްވާ އިއްތިހާދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.