އިއްތިހާދުގެ ސަރުކާރެއްގައި ލ.މާވަށް ކައިރީގައި އޮންނަ ކަށިގުރައިދޫގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށްޓަވައިދެއްވާނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިއްތިހާދުން މިރޭ ލ.މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، މާވަށަށް ދިއުމުން ޒުވާނުންގެ ޝަކުވާއަކަށް ވެގެންދިޔައީ އެރަށާ ކައިރީގައި އޮތް ރަށެއް ތަރައްގީކުރާނެ ކަމަށް އެތަކެއް ދުވަހެއް ވަންދެން މިސަރުކާރުން ހުވަފެން ދެއްކިކަމުގެ ޝަކުވާ ކަމަށެވެ. އެހެންކަމުން އެހުވަފެން ހަގީގަތަކަށް ހަދައިދީ ކަށިގުރައިދޫގައި ރިސޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ފައިސަލް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ފައިސަލް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަށް މިހާރުވެސް ބިމެއް ދޫކޮށްފައި އޮތްއިރު ބޭންކުގެ އިމާރާތެއް ނެތުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރި ކަމަށާ އެކަމަށް ހައްލު ގެނައުމަށް ބިއެމްއެލްގެ އޭޓީއެމްއެއް މާވަށުގައި ގާއިމް ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ރައްޔިތުންނާ ގުޅިގެން އެންމެ ބުރަ މަސައްކަތެއް ކުރި ބަޔަކީ ދިވެހި ވިޔަފާރިވެރިން ކަަމަށެވެ. އެހެންނަމަވެސް ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ފެނިގެންދަނީ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ވާހަކަތައް ކަަމަށެވެ. އެހެންކަމުން މިގޮންޖެހުންތަކުން ވިޔަފާރިވެރިން އަރައިގަތުމަށްޓަކައި، ސަރުކާރުން ލިބެންޖެހޭ ޚިދުމަތްތައް ވީހާވެސް ހަލުވިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޚިދުމަތްތައް ލިބިގަތުމުގައި ސަރުކާރު އިދާރާތަކުގެ ޖަވާބަކަށް އެތަކެއް ދުވަހަކަށް އިންތިޒާރުކޮށްގެން ތިބެން ނުޖެހޭނެ ކަމަށާ އިއްތިހާދުގެ ސަރުކާރެއްގައި ޚިދުމަތްތައް ގާއިމްކޮށްދޭނީ ރައްޔިތުންނާ ގާތުން ކަަމަށެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކަރެއްގައި މާވަށު ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދެއްވާނެ ކަަމަށެވެ. މާވަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިމުގެ ދަތިކަން ކަން ފާހަގަކުރައްވަ ފައިސަލް ވިދާޅުވީ، އިއްތިހާދުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެގޮތް ހަދައިދޭނެ ކަަމަށެވެ.

ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މާވަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންވެސް އިއްތިހަދުގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކަމަެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދިވެހި ގައުމު ވަނީ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ އަނދިރި ދުވަސްތަކަކާ ކުރިމަތިލާފަ ކަމަށެވެ. އަދި އަނިޔާވެރިކަމާ ތަފާތު ކުރުންތަކާ ކޮރަޕްޝަން ވަނީ މިގައުމު ދުވަހަކުވެސް ނުދެކޭ ވަރަށް ވެރިވެގެންފައި ކަަމަށް ވިދާޅުވިއެވެ.

ފައިސަލް ވަނީ ދިވެހެން އެދޭފަދަ ސަރުކާރެއް ގާއިމްކޮށް ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދެއްވަނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މީގެއިތުން އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ އިޖްތިމާއީ އަދާލަތު ގައިމްކޮށް ދެއްވުަމަށްވެސް ފައިސަލްވަނީ ވައުދުވެވަޑައިގެންފައެވެ.