އިއްތިހާދުގެ ވެރިކަމެއްގައި ދިވެހިރާްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމުގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ފ ބިލެއްދޫގައި އިއްތިހާދުގެ ފަރާތުން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާފަދަ ކަންކަން މިސަރުކާރުން ކޮށްފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ، އިއްތިހާދުގެ ސަރުކާރެއްގައި އެކަންކަން ބަދަލުކުރައްވައި އިސްލާޙު ކުރައްވާނެ ކަމަށެވެ. މިގޮތުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް މިސަރުކާރުން ބަދަލު ގެނެސް ހަނިކޮށްފައިވާ ހައްޤުތައް އަލުން ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މިގޮތުން ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅިގެން ދިޔަ އަބުރުގެ ޤާނޫނާއި އެނޫންވެސް ކަންކަން އިއްތިހާދުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ބަދަލު ކުރައްވާނެ ކަމުގައި އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، މިސަރުކާރުން މަސައްކަތް ކުރިގޮތަށް ފ އަތޮޅު ވިއްކާލެވުނު ނަމަ މިއަދު ބިލެއްދޫގެ ރައްޔިތުންނާއި ފ އަތޮޅުގެ އެހެން ރައްޔިތުންނަށްވެސް ވެގެންދާނޭ ގޮތެއް ތަސައްވަރުކޮށްލައްވަންވެސް އެނގިވަޑައިނުގަންނަވާ ކަމަަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ އެކަނި އެއްބޭފުޅެއްގެ ސަރުކާރެއް ނޫންކަަމަށާއި އެއީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އަދި މިސަރުކާރުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް އޮންނާނެ ކަމަށާއި ސަރުކާރުން ނިންމާކަންކަމާއި މެދު ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަން ފާޅުވެސް ކުރެވޭނެކަމަށެވެ.

"އަަޅުގަނޑުމެން މި އެކުލަވާލާ ސަރުކާރަކީ އެންމެ މީހެއްގެ ސަރުކާރެއް ނޫން. އެންމެ ޕާޓީއެއްގެ ސަރުކާރެއްވެސް ނޫން. މިއީ ރައްޔިތުންގެ ސަރުކާރަކަށް ވެގެންދާނެ. ރައްޔިތުންގެ ބައިވެރިވުން ބޮޑު ސަރުކާރަކަށް ވެގެންދާނެ." އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމަކާއި މެދު ރައްޔިތުން ހުށައަޅާ ޕެޓިޝަންތައްވެސް ބަލައިގަނެ އިއްތިހާދުގެ މެޖޯރިޓީއޮންނަ މަޖިލީހަކުން އެކަންކަން ބަލައި ފާސްކުރާނެ ކަމުގައިވެސް އިބޫ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް އެއީ ރައްޔިތުން ބަލައި ނުގަންނަ އޭގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވަންޏާއި، ވަކި އަދަދަދެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އެއަށް ވޯޓަށް އަހައި އެއަށް ގޮތެއް ނިންމަން ޖެހޭ ގޮތަށް އަޅުގަނޑުމެންގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެކަންވެސް ފާސް ކުރާނެ. " އިބޫ ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރައްތަކަށް ކުރެއްވި ކެމްޕޭން ދަތުރުތައް ނިންމަވާލެއްވީކަން އިއުލާނު ކުރައްވަމުން އިބޫ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި 23 ސެޕްޓެމްބަރުގައި ރައްޔިތުން ބަސްއިއްވާނެ ކަމަށާއި އިއްތިހާދުން މި އިންތިޚާބު ކާމިޔާބު ކުރާނެކަމުގައިވެސް އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ އާއި ފައިސަލް ވަނީ ޒިޔާރަތް ކުރައްވާފައެވެ.