ރައީސް ޔާމީންގެ ވެތިވެމިދާ ފަސްއަހަރަކީ އައްޑޫސިޓީގެ ވީރާނާ ފަސްއަހަރު ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް ޖުމްހޫރީ ވިންދުގެ ފަރާތުން އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގައި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވީ، ފާއިތުވެމިދާ ފަސްއަހަރަކީ އައްޑޫގެ ވީރާނާ އިންތިހާއަށްދިޔަ ފަސްއަހަރު ކަމަށެވެ.

އެވީރާނާތަކުގެ ތަފްސީލް ހާމަކޮށްދެއްވަމުން ސޯބެ ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އައްޑޫއިން ވޯޓު ދިންބަޔަކު ވޯޓުދިނީ، ރައީސް ޔާމީން ވަރަށްގިނަ ވައުދުވެގެން ކަމަށެވެ.

އެހެންނަމަވެސް، ރައީސް ޔާމީންގެ ވީރާނާ ފެށިގެންއައީ، ރައީސްކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ލާމަރުކަޒީ ނިޒާމުން އައްޑޫ ރައްޔިތުންނަށް ލިބިފައިއޮތް ބާރުތައް ނަގައި މާލެއަށްގެންގޮސް އަންބޮޑިއަށް މަހާލިހިސާބުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން، އައްޑޫގައި އަޅަން ނިންމި ޓާރޝަރީ ހޮސްޕިޓަލަށް ވެގެންދިޔަ ގޮތުގެ ވާހަކަތައް މޭޔަރ ސޯބެ ރޭގެ ޖަލްސާގައި ހާމަކޮށްދެއްވިއެވެ.

"އެވީރާނާ ވާހަތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމުގެއިތުރަށް ހޮސްޕިޓަލްގެ ވާހަކަ ފާހަގަކޮށްލާނަން. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ވަޑައިގެންނެވިއިރު ހުރިހާ ކެންޑިޑޭޓުންނަށްވެސް އެނގިވަޑައިގަންނަވާ އެއް ހަގީގަތަކީ އައްޑޫގަ ޓާރޝަރީ ހޮސްޕިޓަލެއް އަޅަން އޭގެ ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރައްވައިގެން 21 މިލިއަނެއްހާ ޑޮލަރުގެ ލޯނު ހަމަޖެހިފައޭއޮތްކަން. ބިންވެސް ހަމަޖެހިފަ އޮތްކަން. ކުރެހުންވެސް ނިމިފައޮތީ. ދެން ހަމަ އެމަސައްކަތް ކުރާނެ ބަޔަކު ހޯދައިގެން މަސައްކަތް ކުރަންވީ. އެހިސާބުގައޮތީ. އިޢްލާންވެސް ކުރެއްވި. ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސިޓީ ކައުންސިލާ ބައްދަލުކުރި ދެކުނު ކޮރެއާގެ ގްރޫޕެއް. އެބޭފުޅުން ހެލްތު މިނިސްޓްރީއަށް ހުށަހެޅުއްވި ޕްރޮޕޯޒަލްގައޮތީ 19 މިލިއަން ޑޮލަރަށް ދިވެހި ސަރުކާރުން ބޭނުންވާ ފެންވަރަށް ވުރެންވެސް ރަނގަޅަށް، އެވަގުތަށް ދުނިޔޭގަހުރި އެންމެ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްދިނުމުގެ އާލާތްތަކާއެކު ޓާރޝަރީ ހޮސްޕިޓަލެއް އަޅައި ހުޅުވަން ތައްޔާރަށް ތިބި ވާހަކައާއި، މިހާރުގެ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުން ތަމްރީނު ކުރުމުގެ ވާހަކައާއި، އަދި މެނޭޖްމަންޓްގެ ބޭފުޅުން ދެކުނު ކޮރެއާއަށް ގެންގޮސްގެން ތަމްރީނު ކުރުމުގެ ވާހަކައާއި، އަދި ދިވެހި ސަރުކާރުން ބޭނުމިއްޔާ އެއް އަހަރަށް އެ ހޮސްޕިޓަލް ހިންގާނެ ވާހަކަ" އައްޑޫ ސިޓީ ކައުންސިލް އުފެދުނީއްސުރެ މޭޔަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުﷲ ސޯދިގް ވިދާޅުވިއެވެ.