އިއްތިހާދުގެ ސަރުކާރެއްގައި ގާފަރު ފަޅުންވެސް ބިންހިއްކައި ރިސޯޓެއް ތަރައްގީ ކޮށްދޭނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ގާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގާފަރަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، މަސްވެރިން ކުރާ މަސައްކަތަށް ހަމައަގު ލިބޭނެގޮތް ހަދާނެ ކަމަށާއި އަދި ގާފަރުން އައިސް ލިބޭނެ ގޮތް ހަމަޖައްސައި އެރަށުގައި ސްލިޕްވޭއެއް ގާއިމުކުރާނެ ކަމަށެވެ. މީގެ އިތުރަށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ފަތުރުވެރިކަން ތަރައްގީ ކުރާނެ ކަމަށެވެ. މިގޮތުން ގާފަރު ފަޅުގައި ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ގާފަރަކީ ފަޅުބޮޑު ރަށަކަށް ވުމުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާފަރު ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރާނަން. ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ރަށުގެ ރައްޔިތުންނާއެކު އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރާނަން. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރާ އެންމެހާ ފަރާތްތަކަށް ދަންނަވާލާނީ ތިބޭފުޅުން ތިކުރާ މަސައްކަތުގައި ބައިވެރިވެ ދުނިޔޭގެ އެކި ހިސާބުތަކަށް މިއަށްވުރެ މާބޮޑަށް ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނަން" ފައިސަލް ވިދާޅުވިއެވެ.

އިއްތިހާދުގެ ވެރިކަމެއްގައި ގާފަރު ފަޅުގައި ރިސޯޓެއް ހަދާނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް އަދި ގާފަރު ހިމެނޭ ކާށިދޫ ދާއިރާގެ މަޖިލީސް މެމްބަރު ފައިސަލް ނަސީމް ވިދާޅުވެފައި މިވަނީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުން އެކުގައި ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި ކާށިދޫން ފަޅުންވެސް ބިންހިއްކައިގެން ރިސޯޓެއް ހަދާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ވިދާޅުވެފައި ވަނިކޮށެވެ.

ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރު ފާހަގަކުރެއްވުނު ގޮތުގައި ގާފަރު ރައްޔިތުންނަކީ ކުރިއެރުން ބޭނުންވާ އަދި އެއްބައިވަންތަކަމާއެކު ކުރިއަށްދާން ބޭނުންވާ ރައްޔިތެއް ކަމަށެވެ. ރަށްރަށުގެ ވަރަށް ގިނަ އަސާސީ ކަންކަމަށް ސަރުކާރުން އަޅާނުލެވި އެބައޮތް ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ރައްޔިތުންނާ ގާތްގުޅުމެއް ބާއްވައި ރަށްރަށަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާ ރަށުން ލިބޭނެ ގޮތް ހަމަޖައްސައި ރަށުގައި ދިރިއުޅެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށެވެ.