ކޮންމެ މަންޒަރެއް ދެއްކިޔަސް ރައްޔިތުން ތިބީ އަނިޔާވެރިކަމާ ދެކޮޅަށް ކަަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ހއ، ހދ އަދި ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހދ.ހަނިމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އައިޝާ ވިދާޅުވީ ސެޕްޓެމްބަރު 23 އަކީ އަޅުގަނޑުމެންގެ ހަޔާތަށް އަންނަ ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. ފަރުދީ ޒިންމާއާއި ފަރުދީ ހައްގުތަކެއް އުފުލަންޖެހޭ ދުވަހެއް ކަމަށާއި އެހެންކަމުން ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ހައްގު އެދުވަހު ފުރިހަމައަށް އަދާކުރުމަށް ގޮވާލައްވާ ކަމަށެވެ.

އައިޝާ ވިދާޅުވީ އިއްތިހާދުން މަސައްކަތް ކުރަނީ ގައުމުގެ އިސްލާހަށް ކަމަށާއި އެއީ އެތައް ރައްޔިތުންނެއްގެ ބުރަ މަސައްކަތް ކަމަށެވެ. އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައްޔިތުން ސާބިތުވެ ތިބެންޖެހޭ ކަމަށާއި ވަށައިގެން ކޮންމެ މަންޒަރެއް ދެއްކިޔަސް ރައްޔިތުން ތިބީ އަނިޔާއާ ދެކޮޅަށް ކަމަށް އައިޝާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޖީލުތަކަށް އަމާން ވެއްޓެއް ގާއިމުކުރުމަށްޓަކައި ކެންޑިޑޭޓް ނަމްބަރު ދޭއް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވާ. މިއީ އަޅުގަނޑުގެ އެކަނި ނުވަތަ ތިބޭފުޅުންގެ އެކަނި މަސައްކަތެއް ނޫން. މިއީ އިސްލާހަށް ކުރެވޭ، އަނިޔާއާ ދެކޮޅަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް. މިއަދު ފައިތިލަ ސާބިތުކޮށް މިކަން ކާމިޔާބު ނުކޮށްފިނަމަ މާދަމާ ހިތާމަކުރަން ޖެހޭނެ. ވަށައިގެން މިއިވޭ އަޑުތަކާއި ޖަހާ ލަވަތަކުން ކޮންމެ މަންޒަރެއް ފެނުނަސް އަޅުގަނޑުމެން މިތިބީ އަނިޔާއަށް ނޫނެކޭ ބުނަން" އައިޝާ ވިދާޅުވިއެވެ.