ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމު މިރޭ ފުވައްމުލަކަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މި ދެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އިބޫއާއި ފައިސަލް ފުވައްމުލަަކަށް ކުރައްވާ މި ދަތުރުފުޅަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ ދަތުރެކެވެ.
އިބޫ އާއި ފައިސަލް މިރޭ ފުވައްމުލަކަށް ވަޑައިގަތުމުން އެ ރަށު އެއާޕޯޓަށް އެތައް ސަތޭކަ ބަޔަކު ވަނީ އިބޫއާއި ފައިސަލަށް މަރުހަބާ ކިޔުމަށް ނިކުމެފަ އެވެ.
އެއާޕޯޓު ސަރަހައްދަށް ޖަމާވެފައިވާ މީހުންގެ އަދަދު ގިނަ ކަަމުން އިބޫއާއި ފައިސަލް އެމީހުންނާ ސަލާމްކޮޮށް އަދިވެސް ނިންމާލެވިފައެއް ނުވެ އެވެ.
އިބޫއާއި ފައިސަލް އެކުގައި ފުވައްމުލަކަށް ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ. ރިޔާސީ ކެމްޕޭންގައި މި ދެ ބޭފުޅުން އެކުގައި އެންމެ ފުރަތަމަ ފުވައްމުލަކަށް ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހުވެސް ފުވައްމުލަކު ރައްޔިތުން ވަނީ މި ދެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އިބޫއާއި ފައިސަލް ބައިވެރިވެވަޑައިގަންނަވާ ގުޅިފައިވާ ޕާޓީ ތަކުގެ ހާއްސަ ޖަލްސާއެއް މިރޭ ފުވައްމުލަކުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.