ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރަށް ވޯޓު ދޭން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މެނިފެސްޓޯގައި އަންހެނުން ބާރުވެރި ކުރުވައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބޮޑު އިސްކަމެއް ދީފައިވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ އައިޝާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަށާއި ރަނިންމޭޓަށް ތާއީދު ހޯއްދަވައި ދެއްވުމަށް އުތުރުގެ ރަށްތަކަށް އެކަމަނާ މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ށ. މިލަންދޫއަށް ވަޑައިގެން އެރަށުގައި ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

މިލަންދޫ ރައްޔިތުން ނުކުމެ މުޅި ރަށް އެކީ އެކައްޗަކަށް އިއްތިހާދުގެ ކުލައިން ޒީނަތްތެރިކޮށްފައިވާކަން ފާހަގަކުރައްވާ އައިޝާ ވިދާޅުވީ މިއަދު މިލަންދޫއަށް ވަޑައިގެންނެވުމުން ފެނިވަޑައިގެންނެވި މަންޒަރުތަކުން މިލަންދޫގެ ބޮޑު އަގުލަބިއްޔަތެއްގެ ތާއީދު ގުޅިފައިވާ ޕާޓީތަކަށް ލިބޭނެކަން ޔަގީން ވެއްޖެ ކަމަށެވެ.

އައިޝާ ވިދާޅުވީ މިލަންދޫ އަންހެން ކަނބަލުންގެ ހިތްވަރާއި ފޯރި އަދި ޖޯޝު ފެނިވަޑައިގެންނެވުމުން އަންހެނަކަށް ވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ގުޅިފައިވާ ޕާޓީ ތަކުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވައި، ހައްގުތަށް ރައްކާތެރިކުރުން ހިމަނާފައިވުމަކީ ގުޅިފައިވާ ޕާޓީތަކަށް ތާއިދު ކުރަންވީ އެންމެ ބޮޑު އެއް ސަބަބު ކަމަށްވެސް ވިދާޅުވި އެވެ.