ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ފުވައްމުލަކަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ޝާހުއާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.

މި ދެ ބޭފުޅުން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން މިރޭ ފުވައްމުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ފުވައްމުލަކަކީ ރާއްޖެގައި ތިންވަނައަށް އެންމެ އާބާދީ ބޮޑު ރަށަށް ވެފައި އެންމެ ބޮޑު އެއް ސިޓީއަށް ވާއިރުވެސް ސަރުކާރުން ވަނީ ފުވައްމުލަކުގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެމްބަރުގެ ހައިސިއްޔަތުން ފުވައްމުލަކުގެ ތަރައްގީއަށް ތިން އަހަރު ބަޖެޓަށް ވޯޓު ދެއްވާފައި ވާނެ ކަމަށްވެސް ޝާހު ވިދާޅުވި އެވެ. އެހެންނަމަވެސް އެކަމުން ފުވައްމުލަކަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.