ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ އާއްމުރައްޔިތުންނާއި ދިމާލަށް އަވަގުރާނަ ގޮވައިފިއެވެ.

ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުރެ އިބުރާހިމް މުޢާޒު އަލީ އާއްމުންގެ ތެރެއަށް ނުކުމެ ބޭއަދަބީ އަދި ހަޑިހުތުރުބަހުން އެއްޗެހި ގޮވާފައި ވާއިރު އެވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެކަމާއި ގުޅިގެން އާއްމުރައްޔިތުންވެސް ދަނީ ރައީސް ޔާމީނަށާއި ސަރުކާރަށް އަދި މުއާޒަށް ފާޑު ކިޔަމުންނެވެ.

އާއްމުރައްޔިތަކާއި ދިމާއަށް މުއާޒު އަވަގުރާނަ ގޮވާފައި ވަނީ، މަސްމާރުކޭޓު ސަރަހައްދުގައި އިއްޔެ ރައީސް ޔާމީނަށް ކެމްޕޭން ކުރެއްވުމަށް ނުކުމެ އުޅުއްވަމުން، އެސަރަަހައްދުގައި މަސްވެރިން ރައީސް ޔާމީނަށް ތާއީދު ނުކުރާ ކަމާއި އެމީހުން ތާއީދު ކުރަނީ އިބުރާހިމް މުހައްމަދު ސޯލިޙަށް ކަމުގައި ބުނެ އަޑު އުފުލަން ފެށުމުންނެވެ.

މުއާޒަށް އަޑުއިއްވައި މަސްވެރިއަކު އަހަރެމެންގެ ދިހަހާސް ރުފިޔާ ކޮބައިހޭ ގޮވަން ފެށުމުން ކޯފާވެގެން އެމީހާއަށް ރައްދުދީ މުއާޒު ގޮވީ އަވަގުރާނައެވެ.

ރައީސް ޔާމީނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބެޔަސް ނުބެޔަސް ދިހަހާސް ރުފިޔާގެ ވައުދު ފުއްދިފައި ނުވާތީ ރާއްޖޭގެ މަސްވެރިން ވަރަށް ބޮޑަށް އެކަން ފާހަގަކުރެއެވެ.

މިހަފްތާ ފެށުނު ފަހުން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް މުއާޒު ދެތިން މީހަކާއި އެކު މަސްމާރުކޭޓު ސަރަހައްދަށް ވަޑައިގެން ރައީސް ޔާމީނުގެ ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކުގެ ވާހަކަ އަޑުގަދަކުރާއެއް ބޭނުންކޮށްގެން ގޮވައެވެ. އަދި އެކަމަށް ރައްދުދީ މަސްވެރިން ހޯބޯ ލަވާއިރު، ގަޔަށް އަތްލާ މާރާމާރީ ހިންގާ ހިސާބަށްވެސް އެކަން ހޫނުވެގެން ދެއެވެ. ނަމަވެސް ޕީޕީއެމުން މަސްމާރުކޭޓު ދޮށަށް ގޮސް މަސްވެރިން ރުޅިއަރުވާއިރު އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ނުކުރާތީވެސް އާއްމުންގެ ފާޑުކިޔުން ފުލުުހުންނަށް އަމާޒުވެފައިވެއެވެ.

މުއާޒު ވަނީ ރައީސް ޔާމީނު އަޅުއްވައި ދެއްވާފައިވާ ބުރިޖާއި ފަންސަަވީސް ބުރީގެ އިމާރާތް ނުފެންނަ ނަަމަ އައިކެއާއަށް ގޮސް ލޯޓެސްޓް ކޮށްލަން އެދޭކަމަށް ބުނެ ރައްޔިތުންގެ ލޮލަށްވެސް ގޮވާފައެވެ. އެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޕީޕީއެމްގެ ދެތިން މީހަކާއި އެކު މަސްމާރުކޭޓު ސަރަހައްދަށް ވަޑައިގެން މުއާޒު މަސައްކަތް ކުރައްވަނީ މަސްވެރިން ރުޅިއަރުވައި ހަމަނުޖެހުން ހިންގަން ކަމަށްވެސް އާއްމު ބައެއް ފަޜާތްތަކުން ތުހުމަތު ކުރެއެވެ.