މަރުކަޒީ ބޭންކު އެމްއެމްއޭއަށް އެނގިތިބެ ކަޅުފައިސާ ދޮވެފިކަމުގައި އިއްތިހާދުގެ ރިޔާސީ ކެންޑީޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްތިހާދުން މިހާރު އައްޑޫ ސިޓީ ހިތަދޫގައި ބާއްވަމުންގެންދާ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިޖަލްސާގައި ބައިވެރީންނާއި ވާހަކަފުޅު ދައްކަވަމުން އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ރައީސް ޔާމީނު ސަރުކާރުން ނުރަނގަޅު އެތައް ކަމެއްކޮށް ރައްޔިތުންނަށް އަނިޔާވެރިވެ މިޤައުމުގައި ކޮރަޕްޝަނާއި ފަސާދަ އާއްމުވެ އަދުލު އިންސާފު ގެއްލިފައިވާ ކަމަށެވެ.
އިބުރާހިމް މުހައްމަދު ޞޯލީޙް ވިދާޅުވީ މިރާއްޖޭގައި ރައްޔިތުންނަށް ޖަވާބު ނުލިބޭ އެތައް ކަމެއް މިއަދުވެސް އެބަހުރި ކަމަށެވެ. މިގޮތުން ރިޟުވާން ވަގަށް ނަގައި ގެއްލުވާލައިފި ކަމަށާއި ޔާމީން ރަޝީދަށް ހަމަލާދީ މަރާލައިފި ކަމަށާއި އަދި ފިތްކަނޑައިގެން ދާހައި ވައްކަމާއި ޚިޔާތާންވެސް ފަތުރާފައި ވާކަމަށެވެ،
ރައީސް ޔާމީނުގެ ސަރުކާރުން ހިންގާފައިވާ ކަންކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށް ސުޕްރީމްކޯޓޫގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ޖަލަށްވެސް ލާފައިވާކަމަށެވެ.
"ރަށްރަށާއި ފަޅުތަކާއި ފިނޮޅުތައް ވިއްކައި ހުސްކޮށްލައިފި. އެމްއެމްއޭއަށް އެނގިތިބެ ކަޅުފައިސާ ދޮވެފި. ދަރީންގެ ދަރީންވެސް ދައްކަން ޖެހޭ ވަރުގެ ދަރަނި އަޅުގަނޑުމެންގެ ބޮލުގައި އަޅުވައިފި." އިބޫ ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ހިންގާފައިވާ އަމަލުތައް ފާހަގަކުރައްވަމުން އެމްއެމްއޭއަށް އެނގިތިބެ ކަޅުފައިސާ ދޮވެފައިވާ ކަމަށް އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި އިރު އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިނގުމުގައި އެމްއެމްއޭގެ އިހުމާލެއް އޮތް ކަމުގައި ރައީސް ޔާމީނުވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ވަނީ ކަޅުފައިސާ ދޮވުމުގެ ތުހުމަތުތައް ރާއްޖެއަށް ކޮށްފައެވެ.
މީގެ އިތުރުންވެސް އިބޫ ވިދާޅުވީ ރައީސް ޔާމީނާއި ޚިޔާލު ތަފާތުވާ އެންމެން ޖަލަށް ލައިފި ކަމަށާއި ކަނޑުފަޅުން ހަތިޔާރުތައްވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނާއި ރަނިންމޭޓު ފައިސަލް ނަސީމު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިއިރުވެސް ރައްޔިތުންގެ ކިބައިން އިވުނީ އެއް ޝަކުވާތަކެއް ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އަދުލުއިންސާފު ޤާއިމްކޮށްދެއްވާނެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ދެއްވުމުގައި ތަފާތު ނުކުރައްވާނެ ކަމަށެވެ.
" ތާއީދު ކުރާ ފިކުރެއް ސަބަބުން ދޮގު އިލްޒާމު އަޅުވައި، ނަހަމަ ޝަރީއަތެއް މެދުވެރިކޮށް ޖަލަށް ނުލެވޭނެ ކަން. ރަޖިސްޓްރީވެފައި އޮތް ޕާޓީއެއްގެ ސަބަބުން އާސަންދަ ހަމަނުޖެހިގެން ނުވަތަ ފުލެޓް ނުލިބިގެން އާދޭހުގެ ސިޓީ ހިފައިގެން އެކަކު ގާތުން އަނެކަކުގެ ގާތަށް ހިނގާކަށްވެސް ނުޖެހޭނެ ކަން." އބޫ ވިދާޅުވިއެވެ.
އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ އިއްތިހާދަށް މިހާރުވެސް 170،000 (އެއްލައްކަ ހަތްދިހަ ހާސް) ވޯޓު ކަށަވަރުވެފައި ވާކަަމަށާއި، 23 ސެޕްޓެމްބަރުގައި ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެން ދާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައިވެސް އިބޫ ވަނީ ވެރިކަން ބަދަލުވުމާއި އެކު އިންސާފުން ބޭރުން ޖަލަށްލެވިފައިވާ ހުރިހާ ފަރާތްތައް މިނިވަން ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.