މެލޭޝިޔާގައި ހުންނަވާފައި މާލެ ވަޑައިގެންނެވީ ފުލުހުން އެދިގެން ކަމަށާއި، މާލެ ވަޑައިގެންވިކަން ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން އައްޑޫސިޓީ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ، އެމަނިކުފާނު މިހުންނެވީ އައިސް ކަމަށާއި، އެހެންކަމުން އެއްވެސް ފަރާތަކުން އަންހެނުންގެ ނަންބަރު ހޯދައިގެން ގުޅަން ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮންމެ ވަގުތަކު އެންގިޔަސް ފުލުހުންގެ އިދާރާއަށް ހާޟިރުވާން ތައްޔާރަށް ހުންނެވި ކަމަށާއި، ޖިނާއީ ކުށެއް ނުކުރައްވާ ކަމަށާއި، ކުރައްވާފައިވެސް ނުވާނެ ކަމަށް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވިއެވެ.
ޝައިޚް އިލްޔާސް ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ފުލުހުން އެންގީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސުވާލު ކުރެއްވުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ސެޕްޓެމްބަރު މަހުގެ 5 ވަނަދުވަހު ފުލުހުންގެ މައި އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެފައިވަނީ، ޝައިޚް އިލްޔާސް ފުލުހަށް ހާޟިރުވުމަށް ޗިޓު ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް، ޝައިޚް އިލްޔާސް ފުލުހަށް ހާޟިރުވާން ޗިޓް ފޮނުވިއިރު، އެދުވަހުގެ ހެނދުނު އިލްޔާސްވަނީ މެލޭޝިޔާއަށް ވަޑައިގެންފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ. ޑރ. އަފްރަޝީމްގެ މަރުގެ މައްސަލައާއި ގުޅޭގޮތުން އިލްޔާސް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާ، އެވާހަކަތަކަކީ ފުލުހުންނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ފިތުނަ އުފެއްދުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް ފުލުހުން ގަބޫލުކުރާ ކަމަށެވެ.