ވަގުތު އަދިވެސް އެބައޮތް ކަމަށާއި، ތައުބާވެވަޑައިގަތުމަށް ޑރ. މުހަންމަދު ޝަހީމް އަލީ ސައީދަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެ.
ގުޅިފައިވާ އިއްތިހާދުން އައްޑޫސިޓީ ހިތަދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާސް ވަނީ، ތައުބާވެވަޑައި ގަތުމުގެ އިތުރުން، އަނިޔާވެރިކަމުން ދުރަށްޖެހި ވަޑައިގެން ބަހާއި އަމަލު އެއްގޮތް ކުރެއްވުމަށްވެސް ޑރ. ޝަހީމަށް ގޮވާލައްވާފައެވެ. ތައުބާއާ ގުޅޭ ﷲ ގެ ވަހީ ބަސްފުޅުވެސް ޝައިޚް އިލްޔާސް ވިދާޅުވެދެއްވިއެވެ.
ޑރ. ޝަހީމުގެ ނަންފުޅު ގެންނަވައި ޝައިޚް އިލްޔާސް ވިދާޅުވީ އެމަނިކުފާނު ފާޑުފާޑުގެ ވާހަކަތައް ތަންތަނުގައި ނުލިއުއްވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ އަޚު ޑރ. ޝަހީމޭ، ވިސްނާވަޑައި ގަންނަވާށޭ އަޅުގަނޑުގެ އަޚެކޭތީ. އަޅުގަނޑު ފާޑުފާޑުގެ ވާހަކަތައް ތަންތަނުގެ ނުލިޔަން. އަޅުގަނޑު ލިޔަނީ ޤުރުއާނުގެ އާޔަތްތަކާއި ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ އަގުމާތްވި އިރުޝާދުތައް. އެ އިރުޝާދުތައް ނުލިޔާން އަޅުގަނޑުގެ ކައިރީގައި ބުނާކަމަށް ވަންޏާ ޤުރުއާނުން އަޅުގަނޑަށް ޖެހޭނީ އާޔަތެއް ފޮހެލަން. އެއީ ބަޤަރާ ސޫރަތުގެ 159 ވަނަ އާޔަތް. ﷲ ގެ ރަހުމަތުން މަރްރޫމްވެގެންދާ މީހަކަށް އަޅުގަނޑު ވާން ބޭނުން ނުވާތީވެ އަޅުގަނޑަށް އެނގިހުރި އެއްޗެއް އަޅުގަނޑުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ބުނެދިނުމަށްޓަކައި އަޅުގަނޑު ލިޔަމުންދަނީ. އެ އާޔަތްތައް ނުލިޔަން އެއްވެސް ކަހަލަ ހުއްޖަތެއް، ދަލީލެއް ބުރުހާނެއް ގާއިމްނުކޮށް އަޅުގަނޑު ކައިރީގައި ވިދާޅުވާކަމަށް ވަނީނަމަ ދަންނަވާނީ ޣާފިރު ސޫރަތުގެ 54 ވަނަ އާޔަތް ހަނދުމަކޮށްލާށޭ" ޝައިޚް އިލްޔާސް ވިދާޅުވިއެވެ.