އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަކީ ރައްޔިތުންގެ މައްޗަށް ގަދަވެ ގަންނާނެ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ގިނަ އަދަދެއްގެ އާންމުންނާއިއެކު އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ އިއްތިހާދުން ނިކުމެ އޮތީ ސިޔާސީ މަސައްކަތެއް ކުރަން ނޫންކަމަށާ އިއްތިހާދުގެ އަމާޒަކީ ނެތިގެން ގޮސްފައިވާ އިންސާފާއި ހަމަހަމަކަން ރައްޔިތުންނަށް އަނބުރާ ހޯދައިދިނުންކަމަށެވެ.
އިއްތިހާދުގެ ވެރިކަމެއްގައި ގާނޫނުތަކުގައި ބާރު ހުންނާނެކަމަށާ އިއްތިހާދުން ވެރިކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިންކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ރާއްޖެއިން މިހާރު ނެތިގެންދާ ހަމަހަމަ ކަމާއި އިންސާފު އަލުން ގާއިމްކޮށްދެއްވާނެކަމުގެ ވައުދު އައުކުރައްވާ ފައިސަލް ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހަކީ ރައްޔިތުންގެ މައްޗަށް ގަދަވެ ގަންނާނެ ބޭފުޅެއް ނޫންކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް އިއްތިހާދުގެ ޓީމަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެއްކަމަށެވެ. ގައުމުގެ ހައްގުގައި ގުރުބާންވާންތިބި ރައްޔިތުންތަކެއް ކޮންމެ ރަށަކުންވެސް ފެނިވަޑައިގެންނެވިކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ނަމޫނާގެ ބަދަލުގައި އިއްތިހާދުގެ ސަރުކާރެއްގައި އެ ރައްޔިތުންނަށް އޯގާތެރިކަމާއިއެކު ޚިދުމަތް ދެއްވާނެކަމަށެވެ.
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ބައިވެރިވެވަޑައިގެން މި ޖަލްސާގައި އެކަމަނާއަށް ހިތްވަރު ދެއްވަމުން ފައިސަލް ނަސީމް ވިދާޅުވީ އަނިޔާވެރިވެރިކަން ނިމެން އޮތީ މަދު ދުވަސްކޮޅެއްކަމަށާ އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހަކީ އެންމެ އުފާވެރި ދުވަހަށް ވެގެންދާނެކަމަށެވެ. ދިވެހި އެތައް އާއިލާތަކެއް މިއަދު އަނިޔާލިބި ކަރުނަ އަޅަމުންދާކަމަށާ އައްޑޫ ސިޓީގެ ރައްޔިތުންނަކީވެސް ސަރުކާރުގެ އަނިޔާ ވަރަށް ބޮޑަށް ލިބިފައިވާ ބައެއްކަމަށް ފައިސަލް ވިދާޅުވިއެވެ. ރައްޔިތުން އިހްސާސްކޮށްފައިވާ ހިތި ތަޖުރިބާ ބަދަލުކޮށްލައްވާނީ ފޮނިރަހަތަކަށްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވޯޓްދިނުމަކީ އިޚްތިޔާރެއް ނޫންކަމަށާ ގައުމުގައި އާންމުކޮށްފައިވާ ކޮރަޕްޝަނާއި ފަސާދަ، އަދި އަނިޔާވެރިކަމަށް އެކަނި ބަލާލުމުންވެސް ރައީސް ޔާމީނަކީ އިޙްތިޔާރެއް ނޫންކަން ސާފުވާކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ނިކުމެ އިއްތިހާދަށް ވޯޓްދެއްވުމަށް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.