ރައީސް ޔާމީން ރަށްރަށަަށް އަރާވަޑައިގަންނަވަނީ ވެލާ ބިސްއަޅަން އަރާގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިއްތިހާދުން ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ކޮށްފައިވާ ގިނަ މަސައްކަތްތަކަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ކޮށްދީފައިވާ ކަންތައްތައް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކޮށްދިނުމާއި މަގުތައް ހެދުމަށް ބޭނުންވާ އެއްޗެހި ބަނދަރު ފުރޭ ވަރަށް ގެނެސް އެ މަަސައްކަތްވެސް ފަށާފައި ވަނީ އެމްޑީޕީ ސަރުކާރުގައި ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އައްޑޫގައި ފްލެޓުތައް އެޅުމަކީވެސް ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތެއް ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި އައްޑޫ ސިޓީއަށް ކޮށްދީފައިވާ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެންކަމުން ވެލާ ބިސްއަޅަން ރަށްރަށަށް އަރާ އުސޫލުން އައްޑޫއަށް ވަޑައިގަންނަވައި އައްޑޫ ރައްޔިތުން އެމްޑީޕީއާއި އިއްތިހާދަށް ތާއީދު ކުރުމުން ހައިރާންވެވަޑައިގަންވަން ޖެހިވަޑައިނުގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައިސް ޔާމީން ރަށްރަށަށް އަރާވަޑައިގެން ރަށު ތެރެޔަށް ވަޑައިނުގަންނަވާ ކަމަށެވެ. ބަނދަރުމަތީގައި ހުންނަވައި ޓެބްލެޓެއްގެ ބޭނުން ކުރައްވައިގެން ރަށުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމަށްފަހު ރަށުން ފައިިބައިވަޑައިގަންނަވަނީ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ރައްޔިތުންގެ ހާލާއި ރަށު ތެރޭގެ ހާލަތު އެނގިވޑައިނުގަންނަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވީ އިންތިޚާބުގެ ހަމަހަމަކަމާއި ސައްހަކަމާއި މެދު އަދިވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަަމަށެވެ.
އިލްކެޝަަންސް ކޮމިޝަން މިހާރު ހިންގަމުންދަނީ މިގެ ދެތިން ހަފްތާ ކުރިން ރައިސް ޔާމީނުގެ ކެމްޕެން ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބެފުޅެއްގެ މެސްތިރިކަމުގައި ކަމަށް ވުމުން ކުރިޔަށް އޮތް އިންތިޚާބަކީ ހަމަހަމަ އިންތިޚާބަކަށް ވާނެ ކަމަށް ގަބޫލުފުޅު ކުރައްވަން ދަތި ކަމަށް ދިޔާނާ ވިދާޅުވިއެވެ.
އަދި މީގެ އިތުރަށް އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރުމަށް ޓެބްލެޓު ބޭނުން ކުރާނެ ކަމުގެ ވާހަކަތައް ދެކެވެމުން ދިޔުމަކީވެސް އިންތިޚާބުގެ ސައްހަކަމާ މެދު ޝައްކު އުފެދޭ އެއް ސަބަބު ކަމަށެވެ. އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ އުސޫލު ވަރަށް ސާފު ކަމަށެވެ. ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގައި ނަތީޖާ އިއުލާން ކުރަން ޖެހެނީ ވޯޓު ގުނާ ނިމުމަށްފަހު ލިޔެގެން ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެހެންކަމުން ޓެބްލެޓުގެ ބޭނުންކޮށް ނަތީޖާ އިއުލާނު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ގައުމުގެ ވަލިއްޔުލް އަމުރުގެ މަގާމަށް ކުރިމަތިލައްވައިގެން ތިއްބެވި ދެ ބޭފުޅުންގެ ސިޔާސަތާއި ގެންގުޅުއްވާ އުސޫލުތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.
ރައީސް ޔާމީނަކީ ބައިނަލްއަގުވާމީ ގޮތުން އިންޑިއާ ކަނޑުގެ މުގާބެގެ ނަމުގައި މަޝްހޫރު ވެފައިވާ ބޭފުޅެއް ކަމަށާއި އެޔާ ޚިލާފަށް އިންތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުުއްމަދު ސޯލިހަކީ ހިތްތިރި، އޯގާތެރި، ހިކުމަތް އިސްކުރައްވާ ބޭފުޅެއް ކަމަށާއި އެމަނުކުފާނަކީ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް އަމާނާތްތެރި ބޭފުޅެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.