އިއްތިހާދުގެ ރިޔާސީ ކެންޑީޑޭޓު އިބުރާހިމް މުހައްމަދު ޞާލިހާއި ފައިސަލް ނަސީމަށް ތާއީދުކޮށް މިއަދު ހަވީރު އައްޑޫ ސިޓީގައި އެތައް ސަތޭކަ ބަޔަކާއި އެކު ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މިހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައެވެ.

ވެހިކަލް ބުރު ފަށާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ޖަގަހަ ކުރިމަތިންނެވެ. އަދި ނިންމާލާފައި ވަނީ އައްޑޫ ސިޓީ ފޭދޫގެ ބަނދަރަށެވެ. މިވެހިކަލް ބުރު ކުރިޔަށް ގެންގޮސްފައި ވަނީ އައްޑޫ ސިޓީގެ ގުޅިިފައިވާ ރަށްތަކުގެ ބޮޑެތި މަގުތަކުގަޔާއި އައްޑޫ ސިޓީގެ ލިންކު ރޯޑުގައެވެ.

މިވެހިކަލް ބުރުގައި އެތައް ސަތޭކަ ސައިކަލެއް ބައިވެރިވިއިރު ގިނަ އަދަދެއްގެ ކާރާއި ޕިކަޕުވެސް ބައިވެރިކޮށް އެތައް ސަތޭކަ ބަޔަކު ވަނީ އިބޫއާއި ފައިސަލަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

މިވެހިކަލް ބުރުގައި ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީގެ ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

އައްޑޫ ސިޓީގަައި އިއްތިހާދުގެ ކެމްޕޭން ހަރަކާތްތައް ހިންގާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަދު މިބޭއްވި ވެހިކަލް ބުރަކީ ކެމްޕޭނުގައި ބާއްވާ އެންމެފަހުގެ ބޮޑު ހަރަކާތެވެ.

އިއްތިހާދުގެ އިސްބޭފުޅުންނާއި އެކު އައްޑޫ ސިޓީގައި ރޭ ބޮޑު ޖަލްސާއެއްވެސް ބާއްވާފައި ވާއިރު އެޖަލްސާގައި ހަތަރު ސިޔާސީ ޕާޓީގެ އިސްބޭފުޅުންނާއި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުޙައްމަދު ޞާލިހާއި ރަނިންމޭޓު ފައިސަލް ނަސީމުވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި ރައީސް މައުމޫނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބުރާހިމްވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިރު އެއީ އެކަމަނާވެސް ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ކެމްޕޭން ޖަލްސާއެވެ.

އައްޑޫ ސިޓީއަކީ އެމްޑީޕީއަށާއި ގުޅިފައިވާ ޕާޓީތަކަށް ތާއީދު ބޮޑު ސިޓީއަކަށް ވާއިރު އެސިޓީން ރައީސް ޔާމީނަށް މެޖޯރިޓީ ނުލިބޭނެ ކަމުގައި އިއްތިހާދުން ވަނީ ބުނެފައެވެ.