އަނިޔާވެރިކަން ނިންމޭނީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި، ފައިސަލް ނަސީމަށް ވޯޓްދެއްވައިގެންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްޔާޒު އަބުދުﷲ ސައީދުގެ ބައްޕަ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވީޓީވީން ގެނެސްދިން "ޚާއްސަ މެސެޖް" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ސައީދު ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަބުދުﷲ ސައީދު ޖަލުގައި ބަންދުކޮށްގެން އަނިޔާދެމުންދަނީ އެއްވެސް ކުށެއް ކުރައްވައިގެން ނޫންކަމަށެވެ.

ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު، ކޯޓްތެރޭގައި އިންނަވަނިކޮށް ދަމާ ކޫއްތާފައި ހައްޔަރުކޮށްގެން ގެންދިޔަ ވާހަކަ މިހާތަނަށް ރޭޑިޔޯއާއި ޓީވީ އަދި ނޫހެއްގައި ލިޔެފައިވަނިކޮށް ފެނިވަޑައިގެންފައިނުވާކަމަށާ އަބުދުﷲ ސައީދު ހައްޔަރުކުރުމަށް ކުރެވުނު މަސައްކަތަކީ މުޅި ޑިމޮކްރަސީއަށް ލިބުނު ހުތުރެއްކަމަށް ސައީދު ވިދާޅުވިއެވެ.

މުހައްމަދު ސައީދު ވިދާޅުވީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި، ފައިސަލް ނަސީމަކީ ގައުމުގައި އަމާންކަން ގާއިމްކޮށް، އަނިޔާވެރިކަން ނައްތާލާނެ ބޭފުޅުންކަމަށް ގަބޫލުކުރައްވާކަމަށާ އެހެންކަމުން އެ ދެ ބޭފުޅުންނަށް ވޯޓްދެއްވުމަށް އެދޭކަމަށެވެ.

މުހައްމަދު ސައީދު ވިދާޅުވީ އާއިލާއާއި، ހެޔޮއެދޭ ހުރިހާ ރައްޔިތުންނާއި، މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށް ދެއްވަން އޮތް މެސެޖަކީ އިބޫއާއި ފައިސަލްއަށް ވޯޓްދެއްވާ އަނިޔާވެރިކަމަށް ނޫނެކޭ ބުނުންކަމަށެވެ. އަދި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ކާމިޔާބު ލިބުމަށް އެދި މާތްﷲގެ ހަސްރަތުގައި ދުއާ ދަންނަވާކަމަށް މުހައްމަދު ސައީދު ވިދާޅުވިއެވެ.