ރިޔާސީ އިންތިހާބުގެ ވޯޓުލުން އެއްވެސް ހަމަނުޖެހުމަކަށް ޖާގަނުދީ ނަތީޖާ އިއުލާން ކުރެވުމާ ހަމައަށް ސަލާމަތީ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބު ކަމުގައި ހަދައި، އެދުވަހު ރައްޔިތުން ނިންމާ ނިންމުން ފަސްޖެހުމެއްނެތި ތަންފީޒު ކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ދިވެހި ފުލުހުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އަރީފް މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ވޭތުކުރި މުއްދަތުގެ ތެރޭގައި ފުލުހުންގެ ތެރޭގައި ހުރި ވަރަށް ގިނަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވާކަމަށާ ކޮމިޝަނާ އޮފް ޕޮލިސްގެ ބާރު ކަނޑުވާލުމަށްފަހު ފުލުހުންގެ މުއައްސަސާއަކީ ސަރުކާރުގެ ސިޔާސީ އެޖެންޑާ ތަންފީޒުކުރާ އިދާރާއަކަށް ހެދިކަމަށް އަރީފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބޭއިންސާފާ ޣައިރުގާނޫނީ އަމުރުތަކުގެ ދިގު ސިލްސިލާއަކަށްފަހު 1 ފެބްރުއަރީގެ އަމުރު ތަންފީޒުކުރުމަށް ނިންމެވީ ކޮމިޝަނާ އޮފް ޕޮލިސްގެ ހައިސިއްޔަތުން އެއީ ގާނޫނީ ވާޖިބެއްގެ ގޮތުގައި ދެކިގެން ކަމަށް އަރީފް ވިދާޅުވިއެވެ.

އެނިންމުން ނިންމެވީ ފުލުހުންގެ އިސްބޭފުޅުންނާވެސް މަޝްވަރާ ކުރެއްވުމަށްފަހު އެބޭފުޅުންގެ ތާއީދާއިވެސް އެކުގައި ކަމަށާއި، އެހެން ނަމަވެސް އެ ގާނޫނީ ވާޖިބު އަދާކުރުމަކީ ކުށަކަށް ހަދައި، މަގާމުން ވަކިކޮށް ޓެރަރިޒަމްގެ ދައުވާ އުފުލީ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތިކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

އަރީފް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް މިހާރު ރައްދުވާ އެންމެހައި ހިތްހަމަނުޖެހުންތަކެއްގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ މިއަދުގެ ސަރުކާރު ކަމަށެވެ.

ފުލުހުންނަކީ ޕްރޮފެޝަނަލްކޮށް ވަކިފަރާތަކަށް ނުޖެހި ހަމައެކަނި ގާނޫނުއަސާސީއާއި ގާނޫނަށް ތަބަވާންޖެހޭ ބައެއް ކަމަށާ ފުލުހުންނަށް ކުރާ ޣައިރުގާނޫނީ އަމުރުތަކަށް ތަބާ ނުވުމަކީ ފުލުހުންގެ ދުސްތޫރީ ވާޖިބެއްކަމަށް އަރީފް ވިދާޅުވިއެވެ.