ދިވެހި ރައްޔިތުން މިއަދު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހައަށް ވޯޓްދޭންވީ ކޮރަޕްޝަނާއި، ފަސާދައާ ދެކޮޅަށް މަސައްކަތް ކުރައްވައި، ޤާނޫނުތައް ނަގަހައްޓާ ޤާނޫނީ ނިޒާމް ވަރުގަދަކޮށް ޤާނޫނު އަސާސީގެ ބާރު ދެމަހެއްޓެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިސަރުކާރު ވެރިކަމަށް ގެނައުމަށް ޖާނާއި މާލުން ޤުރުބާންވި ޖުމްހޫރީ ޕާޓީ ކޯލިޝަނުން ބޭރުކުރުމަށްފަހު ދިވެހި ޖައްވަށް އަލިވިލިގެން ދިޔައީ އިންޒާރާއި ބިރުދެއްކުމުގެ ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ.

އިލްހާމް ވިދާޅުވީ 2013 ވަނަ އަހަރު މިސަރުކާރު އިންތިޚާބު ކުރުމަށް ކުރެވުނު ބުރަ މަސައްކަތަށްފަހު، އޭރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމުގައި ސަރުކާރު ހިންގާ ޕާޓީން ވައުދުތަކާއި އަހުދުތަކާ ޚިލާފުވެ އަދި ކުރެވުނު ވައުދުތަކާއި، އަހުދުތަކާ ޚިލާފަށް ހީލަތްތެރިކަމާއެކު ކޯލިޝަން ރޫޅާލިކަމަށެވެ.

ރައީސް ޔާމީން ގެންދަވަނީ ޤާނޫނުތަކަށް ހިތުހުރިހާ ގޮތެއް ހަދައި އަދި ރައީސް ޔާމީންގެ ސިޔާސަތުތަކާއި ދެކޮޅުވާ ކޮންމެ މީހަކު، އަނބި ދަރިންނާއި އާއިލާއާއި ދުރުކޮށް، އެކަހެރިކޮށް އެއްވެސް ޤާނޫނީ އަސާސެއްނެތި، ޓެރަރިސްޓަކަށް ހަދަމުން ކަމަށް އިލްހާމުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީނަށް ބައިއަތު ހިފައި، ވޯޓުދިނުމަށް ދިވެހި ރައްޔިތުންގެ އަރިހުން އެދެވުނީތީ ނިހާޔަތަށް މައާފަށް އެދޭ ކަމަށާ އަދިއެކަމާ ހިތާމަކުރައްވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

އޭގެ ތެރޭގައި މިސަރުކާރުން ވަނީ ޤައުމުގެ އަދުލުގެ ނިޒާމް ވިއްސިވިހާލި ކޮށްލައި، ރައްޔިތުންގެ މެދުގައި އަދުލު މިސަރުކާރުން އޮތީ އިންސާފު ޤާއިމްކުރުމުގެ ބާރަށް އޮތް އިތުބާރު ގެއްލުވާލާފައި ކަމާށާއި، ސަރުކާރުގެ ސިޔާސަތުތަކާ ޚިލާފު އެއްވެސް މީހަކަށް އިންސާފު ނުލިބޭނެކަން ޔަޤީން ކޮށްދީފައި ކަމަށް އިލްހާމްގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

ދިވެހި ކޮންމެ ރައްޔިތެއްގެ ހަޔާތަށް ދިމާވެފައިވާ ކަޅުއަނދިރި ނާމާންކަންނިމި އުޖާލާ ފާގަތި މުސްތަޤްބަލަކަށް އަލިވިލޭނީ ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުޙައްމަދު ސޯލިހަށް ވޯޓު ދެއްވައިގެން ކަމަށް އިލްހާމްގެ ބާޔަނުގައި ވިދާޅުވެފައިވެއެވެ.