މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ ޒުވާނުންނާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހަވީރު ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމުގައި އަލަށް ވޯޓުލާ ގިނަ އަދަދެއް ޒުވާނުން ވަނީ ބައިވެރިވެފައެވެ.

އެ ބައްދަލުވުމުގައި އަލަށް ވޯޓުލާ ޒުވާނުންނަށް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ މުހިންމުކަމާ ގުޅޭގޮތުން އިބޫ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އިއްތިހާދުގެ ސިޔާސަތުތަކާއި ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައްވެސް ވަނީ އެޒުވާނުންނާ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރަށް މުޖުތަމައުގައި ޒުވާނުންނަށް ހުރި ކަންބޮޑުވުންތައް އިބްރާހީމް މުހައްމަދު ސޯލިހާ ވަނީ ހިއްސާ ކުރައްވާފައެވެ.

އެކަންކަމަށް އިއްތިހާދުގެ ވެރިކަމުގައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށާ އެކަންކަމުގެ ހައްލު ހޯދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލާ ޒުވާނުންގެ ގޮތުގައި 24،000 ޒުވާނުން ރާއްޖޭގައި އެބަތިއްބެވެ.

އިންތިހާބަށް ދެދުވަހަސް ވެފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ގެންދަވަނީ ކެމްޕެއިން ކުރެއްވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވަމުންނެވެ.

މީގެކުރިން ކެމްޕެއިން ކުރެއްވުމަށް ދެބޭފުޅުންވަނީ ރައްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.