އަންނަ އާދީއްތަދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން ފާޅުކަންބޮޑު ގޮތެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްބުނެ އިންޑިއާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ކުރި ސުވާލުކަށް ޖަވާބު ދެއްވަމުން އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ، ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އިންޑިއާ ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އާދީއްތަދުވަހުގެ އިންތިޚާބު މިނިވަންވެފައި އިންސާފުވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ކަންބޮޑުވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި، އިންތިޚާބުގެ ނަތީޖާ އޮޅުވާލަން ޚުދު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ކުރެވޭ ތުހުމަތުތަކުގެ އިތުރުން، އިންތިޚާބުތަކާގުޅޭ ކަންކަމުގައި ޗައިނާއިން ބޭރުގައި ހަރަކާތްތެރިވާ ޗައިނާގެ ބައިނަލްއަގްވާމީ ކުންފުންޏަކުން ރާއްޖޭގެ އިންތިޚާބުގެ ކަންކަމުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ދިއުންވެސް ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ އައިޑެންޓިޓީ ކާޑުގެ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މައުލޫމާތުތައް ބެލުމުގެ ފުރުސަތު ޗައިނާގެ ކުންފުންޏަށް ދީފައިވާކަންވެސް ޓައިމްސް އޮފް އިންޑިއާއިން ފާހަގަކޮށްފައި ވެއެވެ. ޗައިނާގެ މިކުންފުންޏަކީ ޒިމްބާބުވޭއާއި މަލާވީފަދަ ގައުމުތަކުގައި އިންތިޚާބުތައް ބޭއްވުމުގައި އުޅެފައިވާ ކުންފުންޏެއްކަންވެސް ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިންޑިއާ ސަރުކާރުގެ އިތުރުން، އިންޑިއާގައި ތިއްބަވާ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ބައެއް ޑިޕްލޮމޭޓުންނާއިވެސް ޓައިމްސް އޮފް އިންޑިއާއިން ސުވާލުކޮށްފައި ވެއެވެ.

އެހުރިހާ ބޭފުޅުންވެސް، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އިތުރުން އެކޮމިޝަންގެ މަސައްކަތްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުވާގޮތަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ މިސާލުތައް ހާމަވަމުންދާކަން ފާހަގަކޮށް، އިންތިޚާބު އޮބްޒާވްކުރަން ބައިނަލްއަގްވާމީ އޮބްޒާވަރުންނަށް އޮތް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ކަނޑައި ތިރިކޮށްލާފައި ވާކަންވެސް ޓައިމްސް އޮފް އިންޑިއާއިން ފާހަގަކޮށްފައި ވެއެވެ.

އަދި އިންތިޚާބުގެ ކަންކަން ކަވަރުކުރުމަށް ބޭރުގެ މީޑިއާތަކަށް ފުރުސަތުތައް ހަނިކޮށް ދަތިކޮށްފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ. އަދި މަދަނީ ޖަމްއިއްޔާތަކާއި، އަމިއްލަ ބައެއް ޖަމާއަތްތަކަށް އިންތިޚާބު އޮބްޒާވްކުރަން ފުރަތަމަ ފަހަރަށް ފުރުސަތު ދީފައި ނުވާކަންވެސް ފާހަގަކޮށްފައި ވެއެވެ.

ވޯޓު އޮޅުވާލަން ކުރާ ކަންކަމުގެ މިސާލެއްގެގޮތުން އެއްކަމެއްގެގޮތުގައި ފާހަގަކޮށްފައިވަނީ، އިލެކްޝަނުން ވޯޓަރސް ލިސްޓުގެ ފޯމެޓަށް ގެނެސްފައިވާ ބަދަލެވެ. 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން އަމުރުކޮށްފައި އޮތުމާއެކުވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓްލާ ލިސްޓްގައި ވޯޓަރ ރަޖިސްޓްރޭޝަން ނަންބަރު ނެތުމާއި، ވޯޓްލާ މީހުންގެ ފޮޓޯ ނެތްކަންވެސް ޓީއޯއައި އިން ފާހަގަކޮށްފައި ވެއެވެ.

މިނޫންވެސް، އިދިކޮޅު ފަރާތްތަކުންވެސް ތުހުމަތުކުރަމުންދާ ބައެއް ކަންކަމުގެ ވާހަކަތައް އިންޑިއާގެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ. މީގެކުރިން ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގައި އަމަލުކޮށްފައިވާ އެތައްކަމެއް އިލެކްޝަންސް ކޮމިޝަނުން މިފަހަރު އަމަލުނުކޮށް ދޫކޮށްލާފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ. މިއީ ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އިލެކްޝަނުން ކުރަމުންދާ ކަންތައްތަކެއް ކަމަށް ބުނެފައި ވެއެވެ.