ގާތް ބޭފުޅުންނާއި، އާއިލާގެ ބައެއް ބޭފުޅުން ދެއްވިފަދަ ދެރައެއް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ ވެހެމުންދިޔަ ވާރޭގެ ތެރޭގައި ހުންނަވާ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ "މުނާފިގުން" ދައްކާ ޒާތުގެ ވާހަކަތަކެއްކަމަށާ ދިވެހި ރައްޔިތުންނަކީ މޮޔައިންކަމަށް ރައީސް ޔާމީނަށް ހީފުޅުވީނަމަވެސް ދިވެހި ރައްޔިތުން ރައީސް ޔާމީންގެ ވާހަކަތަކަށް ދޭނެ ސަމާލުކަމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ވައިގެ ބަދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީނަށްވުރެ ސިޔާސީގޮތުން "މުނާފިގު" މީހެއްނެތްކަމަށެވެ.

ރައްޔިތުންގެ ވޯޓް ހޯއްދެވުމަށް ވާރޭގެ ތެރޭގައި ހުންނަވާ ރައީސް ޔާމީން ކޮންމެ ވާހަކައެއް ދެއްކެވިނަމަވެސް، އެ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނުހައްގުން ސިޔާސީ ލީޑަރުންނަށް އަނިޔާދީ، އެތައް ބަޔަކު ގެންގޮސް ޖަލުގައި އަނިޔާވެރިކަމާއިއެކު ގެންގުޅެމުންދާއިރު، ގާތް ބޭފުޅުންނާއި، އާއިލާގެ ބައެއް ބޭފުޅުން ދެއްވީ ދެރަކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ރައީސް ޔާމީން ލަދުވެތިވާންޖެހޭކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެއްބަފާބޭބޭފުޅާއި، ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންނާއި، ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ހުރިހާ ލީޑަރުން ޖަލަށްލާ އަނިޔާދޭން ކެރުނު މީހަކަށް ރައްޔިތުންގެ ތެރޭގައި ކުރެވޭނެ ވެރިކަމެއް ނޯންނާނެކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ވޯޓް ނެގުން މަދުގަޑިއިރުތަކަކަށްވެފައިވަނިކޮށް، ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ދިވެހި ރައްޔިތުންނަކީ މޮޔައިންކަމަށް ދެކި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްޔިތުން ދޭނެ ސަމާލުކަމެއް ނެތްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމީނަށްވުރެ ސިޔާސީގޮތުން "މުނާފިގު" މީހެއް މިދިވެހި ރާއްޖޭގައި ނުހުންނާނެކަން މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރާނެއޭ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ރައީސް ޔާމީންގެ ކިބައިން ދިވެހި ގައުމަށް ސަލާމަތްކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ މުހިންމު ފުރުސަތުކަމަށެވެ. ރާއްޖޭގައި ވެރިކަން ކުރެވޭނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓުން ކުރި ހޯއްދަވާ ބޭފުޅަކަށްކަމަށާ ގަދަބާރުން ވެރިކަމުގައި ހުރުމުގެ ހަމަ އެއްވެސް ފުރުސަތެއް އެއްވެސް ބޭފުޅަކަށް ނުދެއްވާނެކަަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ އަތައްލިބޭ ވޯޓް ކަރުދާސްކޮޅަކީ ވަރަށް ބާރުގަދަ ހަތިޔާރެއްކަމަށާ އެ ހަތިޔާރުގެ ބޭނުން ގައުމުގެ މުސްތަގްބަލަށް އެންމެ ފައިދާ ހުރިގޮތުގައި ބޭނުންކުރަންޖެހޭކަމަށެވެ.

ދިވެހިންނަށް ލިބޭ މި ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މިރާއްޖޭގައި ދެން ދުވަހަކުވެސް އިންތިޚާބެއްގައި ރައްޔިތުންނަށް ވޯޓްލުމަށް ފުރުސަތު ނުލިބޭނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މަގުމަތީގައި އަމާންކަމާއިއެކު ހިނގާބިނގާވެ އުޅުމުގެ ހައްގުވެސް ގެއްލި، ރައްޔިތުންގެ ހުރިހާ އަސާސީ ހައްގުތަކެއް ގެއްލިގެންދާނެކަމަށެވެ.

އެހެންކަމުން ވީހާވެސް ހެނދުނާ ނިކުންނަވާ ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓްދެއްވުމަށް އަލީ ވަހީދު ވަނީ އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންގެ ކިބައިން ވަރަށް އާދޭހާއެކު މި އެދެނީ ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓްދެއްވުމަށް. އަޅުގަނޑުމެން އިންތިޚާބުގައި ހަމަނުޖެހުމެއް ނުހިންގާނަން. އަޅުގަނޑުމެނައް ޔަގީން އިންތިޚާބުގައި ބޮޑުތަނުން ރައީސް ޔާމީންގެ މައްޗަށް ކާމިޔާބު ލިބޭނެކަން. އެހެންކަމުން އަދިވެސް އެއްފަހަރު ދަންނަވަން ހުރިހާ ރައްޔިތުން ހެނދުނު ހެނދުނާ ނިކުންނަވާ ވޯޓްގެ ހައްގު ޒިންމާދާރުގޮތުގައި އަދާކުރައްވާށޭ." އަލީ ވަހީދު ވިދާޅުވިއެވެ.