ދިވެހި ރައްޔިތުން ރައީސް އަބުދުﷲ ޔާމީނަށް އޯގާތެރިވެ އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ގާތް ބޭފުޅުންނާއި، އާއިލާގެ ބައެއް ބޭފުޅުން ދެއްވިފަދަ ދެރައެއް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި ސަރުކާރުގައި ޓްރާސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަމީން އިބްރާހިމް ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް އަބުދުﷲ ޔާމީނަށް އޯގާތެރިވެ އަޅާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ބޭއިންސާފާއި، އަނިޔާއިން ސަލާމަތްކޮށްދޭތޯ ކިހާ ރައްޔިތުން ކިހާ އާދޭހެއް ކުރިތޯ އަމީން ވަނީ ސުވާލުކުރައްވާފައެވެ.

އަދި އެފަދައިން އާދޭސްކުރި ރައްޔިތުންނަށް އެއްވެސް ރަހުމެއް ކުލުނެއް ބެހެއްޓިންތޯވެސް އަމީން ވަނީ ރައީސް ޔާމީނާއި ސުވާލުކުރައްވާފައެވެ.

އަމީން ވަނީ ރައްޔިތުންނަށް އެހެން ހެދީ ރައްޔިތުންނަކީ ކުޅަދުހަމަނުވާ ބައެއްކަމަށް ހީފުޅުކުރައްވައިގެންތޯވެސް ރައީސް ޔާމީނާއި ސުވާލު ކުރައްވާފައެވެ.