މިއަނިޔާވެރިކަމާއި ބޭއިންސާފަށް ނޫނެކޭ ބުނެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ވޯޓްދެއްވުމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަލްއުސްތާޒު މުހުތާޒް މުހުސިން ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

އެކަމަށް އިލްތިމާސް ކުރައްވާ މުހުތާޒު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ބަޔާން ލިޔެފައިވަނީ ކަރަންޓްނެތް ހޫނުގަދަކަން ބަޔާން ނުކުރެވޭފަދަ ކޮންކްރީޓް ގޮޅިއެއްގައި އޮވެގެންކަމަށާ އިންތިހާއަށް މީދާއާއި ހިކަނދި، ކުރެއްޕާއި ހޯނުގެ އުނދަގޫ ބޮޑު އެގޮޅީގައި ބާއްވާފައި ވަނީ އެންމެ ނުރައްކާތެރި ކުށްވެރީންނާއި މަރަށް ހުކުމް ކުރެވިފައިވާ ގައިދީންގެ މެދަށްވާ ގޮތަށްކަމަށެވެ.

އެކަމުގެ މަގްސަދަކީ ބޭނުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންއަނިޔާ ކުރުމާއި އަނިޔާ ދިނުންކަމަށާ ނަމަވެސް ދިވެހި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ އިސްލާހީ މަސައްކަތުގައި ސޫތެއްހާ މިންވަރުވެސް ފަހަތަށް ނުޖެހޭނެކަމުގެ ޔަގީންކަންކަަމަށް މަހުތާޒް ވިދާޅުވިއެވެ.

"އަނިޔާއާއި ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ތިރިނުވާނެކަމުގެ ޔަގީންކަމެވެ. ބޭއިންސާފާއި އަނިޔާވެރިކަން މިހާރު މިވަނީ އިންތިހާއަށް ފެތުރިފައެވެ. އަނިޔާއާއި ވޭނާއި ކެކުޅުން ތަހައްމަލު ކުރާ ރައްޔިތުން އެތައް ގުނައަކަށް މިދަނީ އިތުރުވަމުންނެވެ. މިއަނިޔާވެރިކަމުގެ ޝިކާރައަށް ވެފައިވާ އެތައް އާއިލާތަކަކުން ކުރަމުންގެންދާ ހިތާމައާއި ވަމުން ގެންދާ ގުރުބާނީ އަކީ ބަޔާންކުރަން ދަތި ހިތްދަތިކަމެކެވެ. އެތަކެއް މައިންބަފައިންނެވެ. އެތަކެއް އަނބިންނެވެ. ދެލޯފަދަ ލޯބިވާ އެތަކެއް ދަރިންނެވެ. އެތަކެއް ބޭބެއިންނާއި ދައްތައިންނެވެ. އެތަކެއް ކޮއްކޮއިންނާއި ތިމާގެ މީހުންނެވެ." މުހުތާޒްގެ ބަޔާންގައި ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު އެއަތޮޅަކަށްޓަކައި ފަޚުރުވެރިވާ ހުވަދު އަތޮޅަކީ އަޅުގަނޑުވެސް ނިސްބަތްވާ އަތޮޅެވެ. އަޅުގަނޑު ނިސްބަތްވަނީ ހުވަދުއަތޮޅު މާމެންދޫއަށެވެ. މާމެންދޫގެ ލޮބުވެތި ރައްޔިތުންނަށް ޚާއްސަކޮށް، އަދި ހުވަދު އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ވާދޫރޮނާގެ ވާހަކަ މިފުރުސަތުގައި ހަނދާންކޮށް އަރުވަމެވެ. ވާދޫރޮނާގެ ވާހަކައިގައި ބުނާ ގޮތުން މާމެންދޫއަކީ ބޮޑުންގެ ރަށެކެވެ. އަޅުގަނޑު ހިތުން އޭގެ މުރާދަކީ ބޮޑުންގެ ކެރުމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކުރަން މިދަރިކޮޅުގައި ވާނޭކަމުގައި ބަޔާންކުރުމެވެ.

ވަރަށް އިޚްލާސްތެރިކަމާއި އެކު މާމެންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. އަދި ހުވަދު އަތޮޅުގެ އެންމެހާ ރައްޔިތުންނަށްވެސް މެއެވެ. ތިޔަބޭފުޅުންގެ ވާރުތައިން ލިބިފައިވާ ބޮޑުންގެ ކެރުމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމުގައި އެސިފަތައް ނެތް ފަރާތަކަށް އެއްބާރުލުން ނުދިނުމަށެވެ. ވިސްނާވަޑައިގަންނަވާށެވެ. ތަފާތު އެކި ސިޔާސީ ބޭނުންތަކަށް އިދިކޮޅު ލީޑަރުންނާއި އެއްބަނޑު ތިމާގެ މީހުން ހައްޔަރުކޮށްގެން ވެރިކަންކުރާ ވެރިއެއްގެ ކިބައިގައި ބޮޑެއްގެ ހިއްވަރާއި ކެރުން ހުރިކަމުގައި ބަލާނީ ކޮންގޮތަކުންހެއްޔެވެ. ފާޅުކަން ބޮޑު ގޮތުގައި، ބޮޑެތި ޚިޔާނާތްތަކާއި ،ކޮރަޕްޝަނާއި ވައްކަން ހުއްދަކޮށް، އެކަންކަން އާއްމުވުމަކީ އަމާނާތްތެރި ވެރިއެއްގެ ގިޔާދަތުގައި ހިނގައިގެންވާނޭ ކަމެއް ހެއްޔެވެ. އަދި އެފަދަ ކަންކަން ހިނގާދިޔައީ ތިމާގެ އެނގުމުގެ ތެރެއިން ނޫންކަމަށް ބުނާނަމަ އެފަދަ ވެރިއަކު ޒިންމާދާރު ފަރާތަކަށް ބަލާނީ ކިހިނަކުންތޯއެވެ؟. ބޮޑުންގެ ކިބައިގައި މިދެންނެވުނު ކެރުމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަން ނެތިއްޖެ ހިނދަކު، ބޮޑުންނާއި، ބޮނޑުންނާއި ދެމެދުގައި އޮންނާނީ ބާއެއްގެ ފަހަތުގައި އޮންނަ ހުސްނޫނުގެ ތަފާތު އެކަންޏެވެ." މުހުތާޒްގެ ބަޔާންގައި ވިދާޅުވެފައެވެ.

މުޅި ދިވެހި އުންމަތަށް އާންމުވާނޭހެން އެމަނިކުފާނުގެ އިލްތިމާސްއަކީ މިއަނިޔާވެރިކަމާއި ބޭއިންސާފަށް ނޫނެކޭ ބުނުންކަމަށާ އަޅުގަނޑުމެންނަށް މިލިބިފައިވާ ރަނުގެ ފުރުސަތުގައި 23 ސެޕްޓެމްބަރ ގައި ނުކުމެ ވަޑައިގެން ދިވެހި އެންމެހާ ރައްޔިތުންގެ މިނިވަންކަމާއި ހެވާއި ލާބައަށް ކެރިގެން އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއި އެކު ވޯޓުގެ ޒިންމާ އަދާކޮށްދެއްވުމަށް މުހުތާޒު ވަނީ ގޮވާލައްވާފައެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ރިޔާސީ ކެންޑިޑޭޓް، ކެންޑިޑޭޓް ނަމްބަރު 02 އޮނަރަބަލް އިބްރާހިމް މުހައްމަދު ސާލިހް އަށާއި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ އޮނަރަބަލް ފައިސަލް ނަސީމްއަށް ވޯޓު ދެއްވުމަށެވެ." މުހުތާޒްގެ ބަޔާންގައި ވިދާޅުވެފައެވެ.

އަދި ވޯޓުގެ ނަތީއްޖާ އޮޅުވާލުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ފާރަވެރިކަމާއި ހުޝިޔާރުކަންމަތީ ސާބިތުކަމާއިއެކު ތިއްބެވުމަށްވެސް މުހުތާޒް ވަނީ ގޮވާލައްވާފައެވެ.