މާދަމާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާއިރު އެއްވެސް ހަމަނުޖެހުމަކަށް ފުރުޞަތު ނުދެއްވައި އަމާންކަމާއި އޮމާން ކަމާއި އެކު ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ފައިސަލް ނަސީމު ސަޕޯޓަރުންނަށް ގޮވާލައްވައިފިއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު ވީޓީވީ މެދުވެރިކުރައްވައި ދިވެހިރައްޔިތުންނަށް ދެއްވި މެސެޖުގައެވެ.
ފައިސަލް ނަސީމު ވިދާޅުވީ، މިޤައުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ ޤައުމެއް ކަމަށާއި، ޤައުމުގައި ހިނގާ ކޮންމެ ކަމެއްވެސް ހިނގަންވާނީ އަމާންކަމާއި އޮމާން ކަމާއި އެކުގައި ކަމަށެވެ. އަދި ދިވެހިރައްޔިތުންނަށް ލިބިފައި މިވާ ފުރުޞަތުގެ ބޭނުން ހިފާއިރު ކޮންމެ ރައްޔިތަކުވެސް އެއްވެސް ހަމަނުޖެހުމަކަށް ޖާގަނުދީ މިވޯޓުގެ ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަމާން ކަމާއި އޮމާންކަމާއި އެކު ކަންތައްތައް ކުރިޔަށް ދާންޖެހޭނެ. ކޮންމެ ގޮތެއް ވިޔަސް ހަމަނުޖެހުމެއް އުފެދިގެންދާނީ ކޮންމެވެސް ބަޔަކު އެފަދަ ކަމެއް ކުރުމަށް މަސައްކަތް ކުރި ކަމަށް ވަންޏާ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، އިންތިޚާބު އިއުލާނު ކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށެވެ. އަދި އެކަންބޮޑުވުންތަކާއި ޝަކުވާތައް ހުރީ މުއައްސަސާތަކުގެ ކަންތައްތައް ހުރި ގޮތުން ކަމަށެވެ.
ފައިސަލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންވެސް ވަކިގޮތްތަކަކަށް ނިންމާފައި ފަހުން އެކަންކަން ބަދަލު ކުރަމުން ދިޔަ ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި އިއްތިހާދުގެ ކެމްޕޭން ޖަގަހަތައް ބަންދު ކުރުމާއި ދިދަތަކާއި ބެނާތައް ފުލުހުން ލައްވައި ނެގުންފަދަ ކަަންކަންވެސް ކޮށްފައިވާތީ ރައްޔިތުންގެ އިތުބާރު އެ މުއައްސަސާތަކުގެ މައްޗަށް ގެއްލިފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ މިއިންތިޚާބަކީ ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިޚާބަކަށްވުރެވެސް ބޮޑަށް އެކި ގޮތްގޮތަށް ކަން ހިނގާފާނެތީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ކަންބޮޑުވުން އޮތް އިންތިޚާބު ކަމަށެވެ.
އަދި ވަކިފަރާތަކަށް ބުރަނުވެ މުއައްސަސާތަކުން މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.
"ރަނގަޅަށް ކަންތައްތައް ކުރާ ކަމަށް ވަންޏާއި ބަލިވިޔަސް މޮޅުވިޔަސް ކަންބޮޑު ވާކަށް ނުޖެހޭނެ. ބަލިވެއްޖިއްޔާ ބަލި އޮންނާނީ ޤަބޫލުކުރުން. އަޅުގަނޑު ދަންނަވާލަން އޮތީ ރައްޔިތުންގެ ނިންމުން ކޮންމެ ގޮތަކަށް އައި ނަމަވެސް ރައްޔިތުންގެ އެ ނިންމުން ރައްޔިތުން ވޯޓުލީ ގޮތަށް އެނަތީޖާ އައިސްގެން މިޤައުމު ޤައުމެއްގެ ގޮތުގައި ދެމި އޮވެވޭނީ." ފައިސަލް ވިދާޅުވިއެވެ.
މާދަމާ ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަމަނުޖެހުންތައް ހިންގަފާނޭކަމަށް ތުހުމަތުކޮށް އިއްތުިހާދުގެ ސަޕޯޓަރުން ކެތްތެރިވުމަށާއި ހަމަނުޖެހުމެއް ހިންގުމަށް ފުރުޞަތު ނުދިނުމަށް އިއްތިހާދުންވެސް ދަނީ ގޮވާލަމުންނެވެ. އަދި ވީހާވެސް އަވަހަކަށް ނުކުމެ ވޯޓުލުމަށްވެސް އިއްތިހާދުން ދަނީ ގޮވާލަމުންނެވެ.