ގައުމުގެ ހަމަޖެހުމާ އެއްބައިވަންތަކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ގޮވާލައްވައިފި އެވެ.

ވީނިއުސް އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ބޭނުންވާ ގޮތް ދިވެހި ގައުމުން މިއަދު ފެންނަމުންދާ ކަމަށާއި ރައްޔިތުންގެ ނިންމުންތަކަށް އިގްތިރާމުކުރުމުގެ ގޮތުން މަސީހައި ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ސުއޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު މަގާމުން ދުރުކުރަން މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ސޮއިކުރައްވާ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުއްވާފައިވާތީ މެންބަރުންގެ އިތުބާރު މަސީހަށް ނެތް ކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި މައްސަލައަށް އިހްތިރާމު ކުރެއްވުމުގެ ގޮތުން މަސީހު ވަގުތުން އިސްތިއުފާ ދެއްވުމަށްވެސް ސުއޫދު ވަނީ ގޮވާލައްވާފަ އެވެ.

"މަޖިލީހުގެ މެންބަރުން އެއޮތީ މާކުރިން މަސީހު ކަންކުރަންވީ ގޮތް ބުނެފައި. އެހެންވީމާ މިއީ [އިސްތިއުފާދެއްވުން] މަސީހު މިއަދު ކުރަންޖެހޭ ކަމެއް،" ސުއޫދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ގޮވާލާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ޑރ. އަހްމަދު އަބްދުﷲ ދީދީ ސޮއި ކުރެއްވުމަށްފަހު އެމަނިކުފާނު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުން ފަހުން އެ އަމުރު ބާތިލްކުރި ކަަމަށެވެ. ނަމަވެސް އެއް އަމުރެއް އެގޮތަށް ބަދަލުކޮށްލިއިރު އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެކަމުގައި އަމަލުކުރެއްވި ގޮތާއި ގުޅޭގޮތުން ސާފުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ނަަމަވެސް އެކަމުގައި އެމަނިކުފާނު އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވާ ކަން ސުއޫދު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއަށް ފާޑު ވިދާޅުވަމުން ސުއޫދު ވިދާޅުވީ ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުގައި ހުންނަވައިގެން ނުވާނެ ކަމަށާއި ދިވެހި ގައުމަށްޓަކައި އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.

"ކުޑަކުއްޖެއް ގޮތަށް ބަހެއް ވިދާޅުވެ ހުންނެވުމަކީ ރަނގަޅު ގޮތެއް ނޫން. އެހެންވެގެން އަޅުގަނޑު މިދަންނަވަނީ ޑރ. ދީދީ އިސްތިއުފާ ދެއްވަން އެބަޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް މަގާމުގައި ދެމިހުންނެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ސުއޫދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުުރު ގުނާނީ ނޮވެމްބަރު 11 އިންތޯ ނުވަތަ ނޮވެމްބަރު 17 އިން ފެށިގެންތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުއޫދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދުގެ ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށާއި އެކަމުގެ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހިވަޑައިނުގަންނަވާނެ ކަަމަށްވެސް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށްވާތީ އެމަނިކުފާނަށް ވެރިކަމުގެ ފަސް އަހަރުގެ މުއްދަތެއް އެ ދުވަހުގެ ނިޔަލަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ސުއޫދު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ރައީސުން މަގާމުގެ ހުވާކުރައްވަމުން ގެންދެވީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށްވާތީ އެ ދުވަހު އިބްރާހީމް މުހައްމަދު ސޯލިހަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ރައީސް ޔާމީން މަގާމުން އިސްތިއުފާ ދެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހަމައެދެން ރައީސް ޔާމީން ވެސް ނޮވެމްބަރު 11 ގައި އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ހުވާކުރެއްވޭނެ ގޮތް ހަމަޖައްސަވައިދެއްވާ، ވެރިކަމުގެ ދައުރު ގުނާ ދުވަސް ނޮވެމްބަރު 11 އަށް ހަމަޖައްސައިދެއްވުމަށް،" ސުއޫދު ވިދާޅުވި އެވެ.