(18 ސެޕްޓެމްބަރު 2018 އާ ގުޅޭ)

އެއާއެކު ދެން ހުރި ކުއްޖާ އައިސް އަހަރެންގެ މޫނުގައި އެތިފަހަރެއް ވިހަލިއެވެ. ވީތަދާއި ނެގި ދިލައާއެެކު އައްދޯތްޔޭ ކިޔައި އަހަރެންނަށް ހަޅޭއްލައިވައި ގަނެވުނެވެ. އަހަރެންގެ އަނގަމަތީ އަތް އަޅައި އެ އަޑު ކަނޑުވާލީ އަރީޝާއެވެ.

"މާ ބާރަށް ހަޅޭއްވާނަމަ ކުޅި ދައްކާލާނަން" އަހަރެންގެ މޫނުގެ ދެ ކޯ ކަށިގަނޑުގައި ހިފާ ފިތާލީ ނަޖޫއެވެ. ގަތް ބިރާއި ވީ ތަދުން އަހަރެން ހާސްވިއެވެ. ކަންބޮޑުވިއެވެ. ނަސީބު ރަނގަޅު ކަމުން އޭރު ފާޚާނާއާ ދިމާއަށް ދެ މީހަކު އަންނަނީއެވެ.

"ހަނދާންކުރާތި. މި ވާހަކަތައް މީހެއްގެ ގާތުގައި ބުނެފިނަމަ އިތުރަށް ހޭއަރުވާލަނަން. ހިނގާ އަހަރެމެންނާއެެކު ސްކޫލުތެރެއަށް" އިންޒާރު ދެމުން އަރީޝާ އާއި އޭނާގެ ބައިވެރިން ހިނގައިގަތީ ސްކޫލު ހޯލާ ދިމާއަށެވެ. އަހަރެންވެސް މަޑު ހިނގުމުގައި ސްކޫލު ހޯލާ ދިމާއަށް ހިނގައިތީމެވެ.

އެދުވަހު ގެއަށް ގޮސް ހުރިހާ ވާހަކައެއް މަންމައަށް ކިޔައި ދިނީމެވެ. މަންމަ ރުޅި އައީ އަހަރެން ދެކެއެވެ. އެއްވެހި ގޮވީ އަހަރެންނަށެވެ. މަޑުން ނުހުރެވޭތީ ވާހާ ގޮތްގޮތޭ މަންމަ ބުންޏެވެ. ފާޑުފާޑުގެ ކުދިންނާ ގުޅިގެން އުޅުމުން ވާގޮތޭ ވެސް މަންމަ ބުންޏެވެ. މަންމަގެ ވިސްނުމުގައި ކުށްވެރިއަކީ އަހަރެންނެވެ. އެކަމަކު އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެން ކުރީ ކޮން ކުށެއް ހެއްޔެވެ؟ އަހަރެންގެ ކުށަކީ މަޑުން ހުރުން ހެއްޔެވެ؟ އެމީހުންނާ ޒުވާބު ނުކުރުން ހެއްޔެވެ؟ އެ މީހުން އެ އުޅޭގޮތަށް ނޫޅުން ހެއްޔެވެ؟ ހިތަށް ޖަމާވަމުން ދިޔަ ސުވާލުތަކަށް އަހަރެން ޖަވާބުދާރީވީމެވެ. އަހަރެންނަށް ދިމާވި ކަންކަމާމެދު ފިކުރު ހިންގީމެވެ.

ޖެހިގެން އައި ދުވަހުގެ އިންޓަވަލް ގަޑީގައި ނަޖޫ އައިސް މަޑުކޮށްލީ އަހަރެންގެ ކުރިމަތީގައެވެ.

"ކޮބާ ތަދުވޭތަ؟ ދިލަ ނަގާތަ؟ ހަނދާން ކުރާތި އަހަރެން ބުނާ ގޮތް ނުހަދާނަމަ ތި ތަދު އިތުރުވާނެ" ވައި އަޑުން ނަޖޫ ދައްކަމުން ދިޔަ ވާހަތައް ނުނިމެނީސް، އަހަރެންގެ އަތަށް ލެވުނުހާ ބާރެއްލާފައި ނަޖޫގެ މޫނުމަތީގައި ބޮނޑިއެއް އަޅާލީމެވެ. އެންމެ ބޮނޑިއެއް ނޫނެވެ. ދެތިން ބޮނޑި މަތިމަތިން އަޅާލީމެވެ. ލިބުނު ސިހުމާއި ވީ ތަދުން ނަޖޫއަށް ހުރެވުނީ އަނގައިން ބުނެވޭވަރު ނުވެފައެވެ.

"ހަނދާން ކުރާތީ. މަށާ ކުޅެން ނޫޅޭތި. މަވެސް ކުޅި ދައްކާލާނަން" އެހެން ބުނުމަށްފަހު އިތުރު ބޮނޑިއެއް ފުއްކިބައިގައި އަޅުވާލަމުން އަހަރެން ހިނގައިގަތީމެވެ.

އަހަރެން ހިތްވަރު ހޯދީ އަހަރެންނަށް ލިބުނު އަނިޔާތަކުންނެވެ. އަމިއްލަ ނަފުސު އަހަރެންނާ ދެެެއްކި ވާހަކަތަކުންނެވެ. އެވާހަކަތަކުން ބުނެދިނީ އަހަރެންނަށް ކެރެން ޖެހޭކަމެވެ. ހިތްވަރު ހުންނަން ޖެހޭކަމެވެ. ބަދަލު ހިފަންޖެހޭކަމެވެ. މަޑުން ހުރެގެން ހޯދޭނެ މޮޅެއް ނެތްކަމެވެ. ޓީޗަރުންނަށް ކޮށްދެއްވުނު ނެތްކަމެވެ. މަންމެންނަށް ކުރެވުނު ކަމެއް ނެތްކަމެވެ. އަހަރެން ބަދަލުވީމެވެ. ޖެހުނު ކޮންމެ ކަމެއް ކުރީމެވެ.

ހަފުތާއެއް ފަހެވެ. މަގުމަތިން ހިނގާފައި ދަނިކޮށް އަރީޝާ އައިސް އަހަރެންގެ ކުރި ބެއްދިއެވެ. ބަލަން ނުހުރެ އަހަރެންގެ އުޅަނބޮށިން އަރީޝާގެ މޫނުމަތީގައި ޖެހީމެވެ. އޭނާ ވެސް އަހަރެންގެ މޫނު މަތީ އެތިފަހަރެއް ޖެހޭތޯ ބެލިއެވެ. ނަމަވެސް އަހަރެންގެ އަތުން އެ ހަމަލާ މަތަކުރީމެވެ. އަދި ލެވުނުހާ ބާރެއްލާފައި އެ އަތް އަނބުރާލީމެވެ. އަހަރެން ކުރިއަށް ހިނގައިގަތީ ހިތްހަމަޖެހުމާއެކުއެވެ.

ގެއަށް އައިސް ވެދެވުނުތާ މާގިނައިރެއް ނުވެއެވެ. މަންމަގެ ރުޅިވެރި ބަސްތައް އަހަރެންނަށް އޮއްސާލިއެވެ. މީސްމީހުންނަށް އަނިޔާ ކުރާ ވާހަކައަށް ދަންދެން ގޮވާލިއެވެ. އެ އަޑު އަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ވެސް ފެށީމެވެ. މަންމައާ ޒުވާބު ކުރީމެވެ. މިގޮތަށް އުޅެން ޖެހުނީ މަންމަގެ ސަބަބުން ކަމުގައި އަހަރެން ބުނީމެވެ. މި ބަދަލު އަންނަން ޖެހުނީ އަހަރެންގެ ވާހަކަތައް އަޑު ނޭހުމުން ކަމުގައި ބުނީމެވެ. އަހަރެންނަށް ކިޔުނު އެއްޗެއް ކިޔުމަށްފަހު އަހަރެން ނުކުތީ ބޭރަށެވެ.

އަހަރެން ގޮސް ވަނީ ރަށުގެ ވަލުތެރެއަށެވެ. މީހުންގެ ތެރޭގައި އުޅުމަށްވުރެ އެތަނުގައި އުޅުންވެސް މާ ރަނގަޅުކަމަށް ގަބޫލުކޮށްގެންނެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކޮށްފައެވެ. ހިތުގެ އިހުސާސްތަކުން ބުނެދެމުން ދިޔައީ ކުރެވުނު ކަންތައް ގޯސް ނޫންކަމަށެެވެ. އަރީޝާގެ ފަރާތުން ލިބުނު އަނިޔާތަކަށް ކުރެވުނު ވަރު އަދި ކުޑަކަމަށެވެ.

މަޑު ހިނގުމުގައި ދަނިކޮށް އަހަރެންގެ ފައި ހުއްޓުވީ މީހެއްގެ ހަޅޭކުގެ އަޑެވެ. ކުރިމަތީ ހުރީ އަރީޝާގެ ބޭބެއެވެ. އެ މޫނުގައި ވަނީ ރުޅިވެރިކަމެވެ. ފަޔަށް ލެވުނުހައި ބާރެއް ލާފައި އަހަރެން އެނބުރި ދުއްވައި ގަތީމެވެ. ދެވުނީ ތަންކޮޅަށެވެ. އެ ބޭބެގެ އަތްދަށުން އަހަރެން ސަލާމަތެއް ނުވިއެވެ. އެ އަނިޔާތަކުން ރައްކާތެރިކަމެއް އަހަރެންނަކަށް ނުހޯދުނެވެ.

އަހަރެންނަށް ހޭވެރިކަންވީ ހޮސްޕިޓަލުގައި އޮއްވައެވެ. ވީގޮތާމެދު ވިސްނައިލެވުނީ އަދިކިރިޔާއެވެ. މިއީވެސް ހަޔާތެކެވެ. ތަފާތު ތަޖުރިބާއެކެވެ. އެތައް ސަބަބަކާ ގުޅިފައިވާ ތަޖުރިބާއެކެވެ.

(ނިމުނީ)