ޑެލްޓާރ އެއާރލައިންގެ މަތިންދާ ބޯޓެއްގައި 23 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކުރުމަށް އެ އެއާރލައިނުން މަސައްކަތްނުކުރި ކަމަށްބުނެ އެއާރލައިނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މި ގޯނާ ކުރިމަތިވިކަމަށް ބުނާ އަންހެން މީހާއަކީ ފެޝަން ބްރޭންޑެއް ކަމަށްވާ 'އައި އޭމް ޕްލެންޓީ' ގެ ފައުންޑަރ ޑިލޭނީ ލޫހް އެވެ. އޭނާ އަކީ އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ މީހެކެވެ. ޑިލޭނީ ބުނީ އޭނާއަށް ޑެލްޓާރ އެއާލައިންގެ ބޯޓެއްގައި ޖިންސީ ގޯނާ ކުރީ މަސްތުވެގެން އިން ފިރިހެނެއް ކަމަށާއި، އެބޯޓަކީ 16 ޖޫންގައި ޗިކާގޯ އިން ފުރައިގެން ލޮސް އެންޖެލްސްއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ.

ޑިލޭނީގެ ފަރާތުން ޑެލްޓާރ އެއާރލައިނާއި ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލައިގައި ބުނެފައިވަނީ ޑިލޭނީއަށް ޖިންސީ ގޯނާ ކުރި މީހާއަށް އެދަތުރުމަތީގައި ހޭދަވި މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އަލްކަހޯލް ހިމެނޭ 8 ވަރަކަށް ބުއިން އެބޯޓުން ދީފައިވާކަމަށެވެ.

ޑިލޭނީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އޭނާއަށް ޖިންސީ ގޯނާ ކުރި ފިރިހެން މީހާ މަސްތުވެގެން އިނދެ އޭނާއާއި ވާހަކަ ދައްކަން ފެށީ އެ ފިރިހެންމީހާގެ ކައިވެނީގެ ވާހަކަތަކުން ކަމަށެވެ. އަދި މޯލީ ކިޔާ އަނަހެނަކަށް ގުޅާކަމަށް ހެދިގެން އޭނާ ފޭކް ފޯނު ކޯލެއްވެސް ކުރި ކަމަށާއި ޑިލޭނީ އޭނާ ދައްކާ ވާހަކަ އަޑު ނޭހި ކަމަށްބުނެ ފޯނުން ވާހަކަ ދެއްކި މީހެއްގެ ކައިރީގައި ޑިލޭނީއަށް އަޑު އިވޭވަރަށް ޝަކުވާ ކުރިކަމަށެވެސް ޑިލޭނީ ބުންޏެވެ..

ޑިލޭނީ ބުނީ އޭނާގެ އަމަލުތަކުގެ ސަބަބުން އުނދަގޫވެގެން މަސްތުވެފައި އިން މީހާ ކްރޫއަކަށް އިޝާރާތުން ދެއްކި ކަމަށާއި، ކްރޫ ގާތު ސީދާ އެ ވާހަކަ ހިއްސާ ނުކުރީ އެ ފިރިހެންމީހާއަށް ނޭންގި އެކަން ކްރޫގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

އެހެންނަމަވެސް ކްރޫއިންގެ ފަރާތުން ޑިލޭނީއަށް ރައްކާތެރިކަމެއް ނުލިބި އުޅެނިކޮށް އޭނާއަށް ނިދުނީ ކަމަށާއި، އޭނާއަށް ކުއްލިއަކަށް ހޭލެވުނީ ކުރިމަތި ފަރާތަށް އުނދަގުލެއް ވާކަން އިހްސާސް ކުރެވުމުން ކަމަށް ޑިލޭނީ ބުންޏެވެ.

އޭނާއަށް ޖިންސީ ގޯނާކުރަމުންދިޔަ ފިރިހެންމީހާގެ އެ މުޑުދާރު އަމަލުގެ ސަބަބުން ހޭލެވުމާއިއެކު ކުއްލިއަކަށް ގޮނޑިން ދެތުވެގެން ގޮސް އެހެން ބަރިއެއްގައި އިން އަންހެނެއްގެ ސަމާލުކަމަށް އެވާހަކަ ގެނައި ކަމަށާއި، އެއަށްފަހު އެ ބޯޓުގެ ފަހަތަށްގޮސް އެޓެންޑެންޓުންގެ ސަމާލުކަމަށްވެސް އެކަން ގެނައި ކަމަށް ޑިލޭނީ ބުންޏެވެ.

ެއެއަށްފަހު އެހެން ސީޓެއްގައި އިށީންކަމަށާއި، ކަމާބެހޭ ފަރާތްތަކަށް އެ ފްލައިޓުގެ އެޓެންޑެންޓުން އެ މައްސަލަ ހުށަހަޅާނެ ކަމަށް އުންމީދު ކުރި ކަމަށާއި އެހެންނަމަވެސް މިނިވަންކަމާއެކު އެ ފިރިހެން މީހާ ބޯޓުން ފައިބައިގެން ދިއުމަށް ކްރޫއިން މަގުފަހިކޮށްދިން ކަމަށްވެސް ޑިލޭނީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވެއެވެ.

އަދި މި ކަމާއި ގުޅޭ ގޮތުން އޭނާ ޓްވީޓްތަކެއް ކުރުމުން އެ ކަންތައް ބަލާނެ ކަމަށް ޑެލްޓާރ އެއާރލައިންގެ ކްރޫއަކު ބޯޓު ލޭންޑް ކުރި އިރު ބުނި ކަމަށާއި، އެއްވެސް ވަރަކަށް އެމައްސަލައަށް އެއާރލައިނުން ސަމާލުކަން ނުދިނުމުން ޝަކުވާ ހުށަހަޅެމުން، ޖިންސީ ގޯނާ ލިބުމުން ބަދަލުގެ ގޮތުގައި 200 ޑޮލަރު ޑިލޭނީއަށް ހުށަހެޅި ކަމަށްވެސް އޭނާ ބުނެއެވެ.

އެހެންނަމަވެސް ޑެލްޓާރ އެއާރލައިނުން ފޮކްސް ނިއުސް އަށް ފޮނުވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑިލޭނީ އެކަން އެއާރލައިނާއި ހިއްސާ ކުރީ އެ ދަތުރު ނިމިގެން ފްލައިޓުން ފޭބިފަހުން ކަމަށެވެ. އަދި އެންމެ ފުރަތަމަ މައްސަލަ ހުށަހެޅިއިރު ޑިލޭނީ ބުނެފައިވަނީ ފިރިހެން ފަސެންޖަރަކު އޭނާގެ ފައިގެ ފަލަމަސްގަނޑުގައި ނުކިއްސަރު ގޮތަކަށް އަތްލިކަމުގެ ޝަކުވާއެއް ކަމަށް ޑެލްޓާރއިން ބުނެއެވެ.

އެ ޝަކުވާ ލިބުމާއިއެކު ހަމައެވަގުތު ޑެލްޓާރއިން އެމެރިކާގެ ފެޑެރަލް ލޯ އެންފޯސްމެންޓް އިދާރާއަށް މައްސަލަ ހުށަހެޅި ކަމަށް ޑެލްޓާރއިން ބުނެއެވެ. އެހެންނަމަވެސް އެ މައްސަލަ ކުރިޔަށް ނުދާކަން އެއާރލައިންނަށް އެނގިފައިވާ ކަމަށާއި، ޑިލޭނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެއާރލައިންގެ އިހުމާލެއް ނެތްކަން ހާމަކުރުމަށް ވަކާލާތު ކުރާނެ ކަމަށްވެސް ޑެލްޓާރއިން ބުނެއެވެ.

ލޮސް އެންޖެލްސް ވޯލްޑް އެއާޕޯޓްސްގެ ފުލުހުންގެ އިދާރާއިން ބުނީ ޖުލައިމަހުގެ ތެރޭގައި ޑެލްޓާރ އެއާރލައިންގެ ބޯޓެއްގައި ފިރިހެނަކު އަންހެނެއްގެ ގައިގައި ނުކިއްސަރު ގޮތަކަށް އަތްލި މައްސަލައަކަށް ޖަވާބުދާރީވި ކަމަށާއި، އެމައްސަލައާއި ގުޅިގެން އެ އެ ބޯޓު ޖެއްސި ފަހުން ޑެލްޓާރ ތަމްސީލްކުރައްވާ ބޭފުޅަކާއި ވެސް ބައްދަލު ކުރައްވާ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. އަދި މި މައްސަލައިގެ ފުރަތަމަ މަރުހަލާގެ ތަހްގީގު ފުރިހަމަކޮށް ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ޑިލޭނީގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު އޭނާ އެދިފައިވަނީ ޑެލްޓާރ އެއާރލައިންގައި އޭނާއަށް ކުރިމަތިވި ޖިންސީ ގޯނާގެ ބަދަލުގެގޮތުގައި އެއާރލައިންގެ އަތުން 6 މިލިއަން ޑޮލަރު ހޯދުމަށެވެ.