ބައެއް މީހުން އަހަރެންނާ ސުވާލުކުރެއެވެ. ވާހަކަ ލިޔަނީ ކޮން ވަގުތަކު ހެއްޔެވެ؟ އެ ޚިޔާލުތައް އަންނަނީ ކިހިނެއް ހެއްޔެވެ؟ ހިނގާފައި ހުންނަ ކަންކަމާ އެ ޚިޔާލުތައް ގުޅުވަނީ ކޮން ގޮތަކަށް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބުދޭކަށް އަހަރަންނަށް އުނދަގުލެއް ނޫނެވެ. ވާހަކަ ލިޔުންތެރިއަކަށް ވުމުން އެއިން ކޮންމެ ސުވާލެއްގެ ޖަވާބު ވެސް އޮންނަނީ އަހަރެންގެ ދިރިއުޅުމާ ގުޅިފައެވެ. ކުރާ ކޮންމެ ކަމެއް ވެސް އޮންނަނީ މި މަސައްކަތާ ލާމެހިފައެވެ.

''ތުހުމަތު'' މި ވާހަކަ ވެސް އަހަރެން ލިޔުނީ ޚިޔާލީ ހާދިސާއެއް ހިތުގައި ބާއްވައިގެންނެވެ. ވެދާނެ ގޮތެއް ހިތްމައްޗަށް ގެނެސްގެންނެވެ. ނަމަވެސް ކަންތައް ދިމާވަމުން އައީ އަހަރެންނަށް ވެސް ގަބޫލުކުރަން އުނދަގޫ ގޮތަކަށެވެ.

އެ ވާހަކަ އަހަރެން ލިޔުނީ މުސްތަގުބަލުގައި ހިނގާފާނެ ކަމެއް، މާޒީގެ ޒަމާނުގައެވެ. ވާހަކައިގައި ހިމެނީ ޚިޔާލީ އާއްމު ނަންތަކެކެވެ. ހާދިސާ ރޭވީ މާލޭގައި ހިނގާ މާރާމާރީއެއްގެ މައްޗަށެވެ. ވާހަކައިގެ ދިގުމިނަކީ 10 ދުވަހެވެ.

ނޫހުގައި ވާހަކަ ޖެހިތާ ދެ ދުވަސް ނުވަނީސް ވާހަކަ ޝާއިޢުކުރާ ނޫހުގައި އުޅޭ އެކުވެރިޔާ އަހަރެނަށް ގުޅިއެވެ.

"އޭތް ކޮން ކަހަލަ ވާހަކައެއް ލިޔެގެން ތި އުޅެނީ. ކޮމެންޓްތައް ބަލައިލަ ބަލަ؟ ވަރަށް ކަންތައް އެބަހުރި"

"ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟" އަހަރެން ސުވާލުކުރީމެވެ.

"ފުރަތަމަ ކޮމެންޓްތައް ކިޔަލައި. ފަހުން އެ ވާހަކަ ދައްކަން ގުޅާނީ" އެހެން ބުނުމަށްފަހު އެކުވެރިޔާ ފޯނުބެއްވީ އެ ވަގުތު ތަންކޮޅެއް ބިޒީކަމަށް ބުނެއެވެ.

އަހަރެން ފެށީ ވާހަކައަށް ފޮނުވާފައި ހުރި ކޮމެންޓްތައް ކިޔާށެވެ. ތެދެކެވެ. މަރުވެގެން އެ އުޅެނީ ހަލީމު ކިޔާ މީހެކެވެ. އޭނާ މަރުވީ ކާކުކަން ނެނގޭ މީހަކު ދިން ހަމަލާއެއްގައެވެ. އެކަމެއް ހިނގީ ހެންވޭރު ދަނޑުގެ އުތުރު ގޯޅީގައެވެ. ވާހަކައިގައި ވެސް އެކަން ހިނގާފައި އެ ވަނީ އެ ތަނުގައެވެ. ގާތްގަނޑަކަށް އެ ގޮތަށެވެ. އެއް ކިޔުންތެރިއަކު ކޮމެންޓް ކޮށްފައި އޮތެވެ. ތިޔަ ވާހަކަ ލިޔުނު މީހާއަށް މިކަން ހިނގައި ދިޔަ ގޮތް އެނގޭނެއެވެ. އެކަން އަހަރެންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެ ވާހަކަ އަހަރެން ލިޔުނީ މީގެ ތިން ހަފުތާ ކުރިންނެވެ. ވާހަކަ ވެސް އެ ވަނީ ލިޔެ ނިންމާ ނޫހާ ވެސް ހަވާލުކުރެވިފައެވެ.

އިތުރަކެއް ފަހުން އަހަރެން، އެކުވެރިޔާއަށް ގުޅީމެވެ. ހިނގައިދިޔަ ހާދިސާއާމެދު ވާހަކަދެއްކީމެވެ.

"ކޮބާ މައްސަލައަކީ؟" އަހަރެން ސުވާލުކުރީމެވެ.

"މައްސަލައެއް ނެތް. އެކަމަކު ވާހަކައިގައި ކަންކަން ހިނގާފައިވާ ގޮތަށް މިއަދު ހިނގި އެ ހާދިސާ ހިނގާފައި އެވަނީ. އަނެއްކާ މަރުވެގެން އެ އުޅެނީ ހަމަ އެ ނަން ކިޔާ މީހަކު. އެ ހާދިސާ ހިނގީ ވާހަކައިގައި ވެސް ހަމަ އެކަން ހިނގި ތަނުގައި. ކިހައި ބޮޑު އިއްތިފާގެއް. ދެން ހުރި ބައިތައް ވެސް އަހަރެންނަށް ހީވަނީ ވަރަށް ގުޅޭހެން" ހިނިގަނޑަކާއެކު އެކުވެރިޔާ ބުނެލިއެވެ.

"ދެން ގުޅެންޏާ ގުޅެންވީ. ގައިމު އެ ވާހަކައަކީ ޚިޔާލީ ވާހަކައެއް. އެ ވާހަކަ މިހާރު އެ ވަނީ ތި ކޮޅަށް ފޮނުވިފައި. ގައިމު އެ ވާހަކައަކަށް ދެން އިތުރު ބަދަލެއް ނުގެންނަނާނަން. ދެން އެނގިދާނެތާ ވާގޮތެއް" އަހަރެން ބުނީމެވެ.

"މަށަށް ހީވަނީ ހަމަ މި ވާހަކައިގައި ވާ ގޮތަށްހެން ހުރިހާ ކަމެއް އެ ހިނގަނީ. މާދަމާ ޖަހާ ބައިގައި ވެސް މި ވަނީ ހަމަ އެ ކަހަލަ ގޮތެއް. އެ މައްސަލައިގައި މިހާރު ދެ މީހަކު ހައްޔަރުކޮށްފި. ހައްޔަރުކުރީ ސިޔާސީ ދެ މީހުން. އަނެއްކާ އެކަކު އަތުލައިގަތީ ބޭރަށް ފުރަން ގޮސް ހުއްޓާ އެއާޕޯޓުން" ހިނގަމުންދާ ހާދިސާތަކާ އަހަރެން ލިޔުނު ވާހަކައާ އެކުވެރިޔާ ގުޅުވާލިއެވެ.

"ވާހަކައިގައި އޮންނާނެ ތިން މީހަކު ހައްޔަރު ކުރި ވާހަކަ. ތިބުނަނީ ދެ މީހަކު ހައްޔަރު ކުރި ވާހަކަތާ؟" ހިނގަމުންދާ ކަންކަމާއި އަހަރެންގެ ވާހަކަ ތަފާތުކަން ބުނެދެން އަހަރެން ބޭނުންވިއެވެ.

"އަދި ނެނގޭތާ. އަދިވެސް ދަނީ މިކަމާ ގުޅުންހުރި މީހުން ހޯދަމުންކަމަށް ފުލުން އެ އޮތީ ބުނެފައި. ޖަލީލް ލިޔުނު ވާހަކައިގައި ތިންވަނަ މީހާ ހޯދަން ފުލުހުން އިޢުލާން ކުރަނީ. އެ މީހާގެ ފޮޓޯ އާއްމު ކުރަނީ. އެކަން ކޮށްފިނަމަ މާނައަކީ މިއީ ހަމަ އެ ވާހަކައޭ" އެކުވެރިޔާ ބެލީ ވީހާ ވެސް ބޮޑަށް އެ ހިނގާ ކަންތައްތަކާ މި ވާހަކަ ގުޅުވާލެވޭތޯއެވެ.

"އެކަމަކު އެހެނެއް ނުވާނެ. އެއީ ޚިޔާލެއް. އަދި ހިނގާފައި ވެސް ނުވާކަމެއް" އަހަރެން ބުނީމެވެ.

"ހިނގާފައި ނެތަސް ކަންހިނގަމުން އެދަނީ އެ ވާހަކައިގައި ވެސް ކަން ހިނގާފައިވާ ގޮތަކަށްނު. ދެން ބަލަމާ ހިނގާ" އެކުވެރިޔާ ޖަވާބު ދިނެވެ.

(ނުނިމޭ)