(23 ސެޕްޓެމްބަރު 2018 އާ ގުޅޭ)

"ހިނގާފައި ނެތަސް ކަންހިނގަމުން އެދަނީ އެ ވާހަކައިގައި ވެސް ކަން ހިނގާފައިވާ ގޮތަކަށްނު. ދެން ބަލަމާ ހިނގާ" އެކުވެރިޔާ ޖަވާބު ދިނެވެ.

ދުވަހުގެ އިރު އޮއްސިގެން ދިޔައީ މާލެއަށް އާ ޚަބަރެއް ފަތުރަމުންނެވެ. އެ ޚަބަރު އާއްމު ކުރީ ފުލުހުންނެވެ. އެއީ ހަލީމު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ފިލައިގެން އުޅޭ ވާހަކައެވެ. އެ މީހާގެ ފޮޓޯ ފުލުހުން ވަނީ އާއްމު ކޮށްފައެވެ. އެމީހާ ހޯދުމަށް އާއްމު ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ވާހަކަ އޮތީ ބުނެފައެވެ. އަހަރެންނަށް ހައިރާންކަން ލިބުނީ އެ ހިސާބުންނެވެ. ވާހަކައިގައި ކަންކަންހިނގާފައި ހުރި ތަރުތީބުން ހަމަ އެ ގޮތަށް ކަންތައްތައް ހިނގަމުން ދަތީއެވެ.

އަހަރެންގެ ފޯނު ރިންގުވުމާއެކު ހިތަށް އެރީ އެކުވެރިޔާ މަތިންނެވެ. ބަލައިލިއިރު އެއީ އެކުވެރިޔާއެވެ.

"ކޮބާ މަ ބުނީމެއްނު. ހަމަ އެގޮތަށޭ ކަންކަން އެ ހިނގަނީ" އެކުވެރިޔާ ބުނެލިއެވެ.

"މިއުޅެނީ ކިޔުންތެރީން މިތަނަށް ފޯނުކުރާވަރުން ދޭނެ ޖަވާބެއް ވެސް ނޭނގިގެން. ބައެއް މީހުން އެބަ ބުނޭ ތި ވާހަކަ ލިޔުނު މީހާއަށް ތި ހުރިހާ ކަމެއްވެސް އެނގޭނޭ. އެކަން ކުރީ ވާހަކަ ލިޔުނު މީހާއޭ ވެސް އެބަ ބުނޭ. ކޮމެންޓްތަކުގައި ވެސް ވަރަށް ފޯރި އެބަހުރި" އެކުވެރިޔާ އިތުރަށް ވާހަކަދެއްކިއެވެ. އެ ވާހަކަތަކުން ބައެއް ވާހަކަތައް ގަބޫލުކުރަން އަހަރެންނަށް މަޖުބޫރުވިއެވެ. ދެން ވާނީ ކިހިނެއްކަން ލަފާކުރެވުނެވެ. އެކަމަކު އެގޮތަށް ކަންތައްތައް އެ ހިނގަނީ ކީއްވެ ބާއެވެ؟ ސިކުނޑިން އުފެއްދި ބޮޑު ސުވާލެއް މުޅި މީހާ ވަށާލިއެވެ. އިތުރަށް ވިސްނަން މަޖުބޫރުވިއެވެ. އެކަމަކު ސަބަބެއް ނުހޯދުނެވެ. ނުވެސް ވިސްނުނެވެ.

"އެމީހާ ފެންނާނީ ފަޅު ގެއެއްގައި އޮއްވާ ދޯ؟" އެކުވެރިޔާ އަހަރެންނަށް ދޯ އަޅާލިއެވެ.

"ވާހަކައިގައި ވަނީ އެގޮތަށް. ދެން ބަލަމާ ހިނގާ" އަހަރެން ދިނީ ފިނޑި ޖަވާބެކެވެ. އެގޮތަށް ކަންތައްތައް ވާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

"އަހަރެން މި ހުންނަނީ ހަމަ އަޖައިބުވެފައި. މި ވާހަކައިގައި ވާގޮތަށް ހުރިހާ ކަމެއް ހިނގާތީ. އެންމެ ފަހުން މިކަމުގައި މި ބެދެނީ ސިޔާސީ ބަޔަކު ދޯ؟" އެކުވެރިޔާ އަހަރެންނާ ސުވާލުކުރިއެވެ.

"ދެން ކީކޭ އަހަރެން ބުނާނީ. އަހަރެންނަކީ ތަގުދީރު އެނގޭ މީހެއް ނޫން. އެއީ އިންސާނުންގެ އަތްމަތީގައި އޮންނަ ކަމެއް ނޫން. ކޮންމެ ކަމެއް ވެސް ހިނގަން އޮންނަ ގޮތަކަށް ހިނގާނެ" އަހަރެން ޖަވާބު ދިނީމެވެ.

"މަށަށް ފެންނަނީ ވާހަކައިގެ ދެން ހުރި ބައި ޕަބްލިޝް ނުކޮށް އިހަށް މެދުކަނޑާލަން" ހިތަށް ވަން ބިރުވެރިކަމާއެކު އަހަރެން ބުނީމެވެ.

"އޭރުން ވާނީ ކިހިނެއް؟" އެކުވެރިޔާ ސުވާލުކުރިއެވެ.

"ކޮންމެ ގޮތެއް ވިޔަސް މައްސަލައެއް ނެތެއްނު. އޭރުން މި ވާހަކައަކާ އެ ހާދިސާއަކާ ނުގުޅުވާނެއެއްނު" އަހަރެންނަށް ވިސްނުގޮތަށް ޖަވާބު ދިނީމެވެ.

"އޭރުން އަދި މާ ބޮޑަށް ތިކަން ގުޅުވާނެ. ވާހަކަ ނުނިމެނީސް މެދުކަނޑާލައިފިނަމަ އެންމެނަން ގަބޫލުކުރެވޭނީ ޖަލީލްގެ އަތެއް އެކަމުގައި އޮތީކަމަށް. އޭރުން އަދި މާ ގޯހެއްނު" އެކުވެރިޔާ ޖަވާބުދިނެވެ. އެއީވެސް ދެތެކެވެ. ބައެއް މީހުން އެގޮތަށް ގަބޫލުކޮށްފާނެއެވެ. އެކަމަކު މިޖެހުނީ ބޮޑުކަމެކެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ މިއީ އިއްތިފާގު ހެއްޔެވެ؟ އަހަރެންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ނުތަނަވަސްކަން ދިޔައީ ވެރިވަމުންނެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. ކޮންޕިއުޓަރާ ކައިރިވެލުމަށްފަހު ވާހަކަ ފޯލްޑާރ ހުޅުވާލީމެވެ. އެންމެ ފަހުން ލިޔުނު ވާހަކައަށް ކްލިކް ކޮށްލީމެވެ. އެ ފައިލް ހުޅުވުމާއެކު ވާހަކަ ކިޔަން ފެށީމެވެ. ހަލީމް މަރާ ގުޅިގެން ތުހުމަތު ކުރެވުނު ތިންވަނަ މީހާ ހޯދަން ފުލުހުން އިޢުލާން ކުރިއެވެ. އޭނާގެ ފޮޓޯ ފުލުހުން އާއްމު ކުރިއެވެ. ވާހަކައިގައިވެސް ވީ އެހެންނެވެ. އެއީ ހަމްޒާ ކިޔައި މީހެކެވެ. ވާހަކައިގައި ވެސް ފިލައިގެން އުޅުނީ ހަމްޒާއެކެވެ. އަހަރެންނަށް ގަބޫލެއް ނުކުރެވެއެވެ. ވާހަކައިގައި ވާގޮތަށް ހުރިހާ ކަމެއް ދިމާވާތީ ހާސްވާން ފެށިއެވެ.

ލިބުނު ހަސްކަމާއެކު މައްސަލަ އިތުރަށް ދިރާސާކުރަން ބޭނުންވިއެވެ. އެނިޔަތުގައި އަހަރެން ވަނީ މިހާރު އޮންލައިނަށެވެ. ލިބުނީ އިތުރު ޝޮކެކެވެ. ކުއްލި ޚަބަރުގައި އެވަނީ ހަމްޒާ އަތުލައިގަތް ވާހަކައެވެ. ހުޅުމާލެއިންނެވެ. ފަޅުގެއެއްގައި އޮއްވައެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަހަރެންނަށް ހަމަ އިނދެވެނީއެވެ. ހަދާނެ ގޮތެއް ކުރާނެކަމެއް ނޭނގިފައެވެ.

އެތައް އިރަކު އިނުމަށްފަހު އަހަރެން ތެދުވެ ބެލްކަންޏަށް ނުކުތީމެވެ. އަހަރެންނަށް ފެނުނީ ފުލުހުންގެ ޓީމެއް ގޭގެ ތިރީގައި ޙަރަކާތަތްރިވާތަނެވެ. އެ މަންޒަރު ބަލަން ހުއްޓާ ކުއްލިއަކަށް ގޭތެރެއަށް ވަނީ ފުލުހުންގެ ބައެކެވެ. ބާރު އަޑުފައްގަނޑާއެކު މުޅި ގޭތެރޭގައި އަޑު ގަދަވިއެވެ. ނިދާފައި އޮތް މަންމައާއި ކުޑަ ކޮއްކޮ ތެދުވެ ރޯން ފެށިއެވެ. ލިބުނު ހާސްކަމާއެކު އަހަރެންނަށް ހުރެވުނީއެވެ.

އެމީހުން އައިސް އަހަރެންގެ އަތުގައި ބިޑިއެޅުވިއެވެ. އަހަރެން ހައްޔަރުކުރިއެވެ. އަހަރެން އުޅޭ ކޮޓަރި ބަލައި ފާސްކުރިއެވެ. އަހަރެންގެ ކޮމްޕިއުޓަރުގެ ހާޑު ނަގައިގެން ގެންދިޔައެވެ.

(ނުނިމޭ)