ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ފަހުން ނިންމި ނިންމުމާއެކު ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް ނެތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ހުސްވި ކަމަށް ނިންމައި، އެދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލްކޮށް، އެކޮމިޝަނުން އެކަން ހާމަކުރުމުން ކޮމިޝަނުގެ ފަހުގެ ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލާގައި ވީޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ ހުސައިން ވިދާޅުވީ ދައުވާ ހުށަހެޅި ފަރާތުން ހުށަހެޅި ދައުވާ ނެތިދިއުމުން ނުވަތަ ދައުވާއަށް އިންކާރު ކުރާ ފަރާތުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުމުން ކޯޓުން އެކަމާ ދައްކާނެ އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށެވެ.

ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް އެމީހަކު ބޭނުންވާ އެއްޗެއް ބުނެވޭނެ ކަމަށާއި އަނެއް ފަރާތަށް މައްސަލަ ނިމޭގޮތަށް ބަހެއް ބުނުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުން ނޫން ކަމަށް އަލީ ވިދާޅުވިއެވެ.

"ގާނޫނުއަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނުން ގާނޫނުއަސާސީއާ ޚިލާފަށް ގޮތެއް ނިންމުމުން އެމައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ގޮސްފައި އޮއްވާ އިލެކްޝަންސް ކޮމިޝަނުން ތިމަންނަމެނަށް ގޯހެއް ހެދިއްޖެއޭ، ތިމަންނަމެންގެ އެބަސް އަނބުރާ ގެނައީއޭ ބުނީމަ ދެން މިވާގޮތެއް އަޅުގަނޑަކަށް ނެގޭ. ބާތިލް ކަންތައްތަކެއްގެ މައްޗަށް ފުރަތަމަ މައްސަލަ މިއުފެދުނީ. ބާތިލް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ނެރޭ ކޯޓުއަމުރު ނުވަތަ ހުކުމްތަކާ މެދު ގާނޫނީގޮތުން ކޮން ވާހަކައެއްތޯ އަޅުގަނޑުމެން ދައްކާނީ" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި ސުޕްރީމް ކޯޓުން މިހާތަނަށް ކޮށްފައިވާ އެއްވެސް ހުކުމެއްގައި އަދި އަމުރެއްގައި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައި ނެތް ކަމަށެވެ.

އަލީ ވިދާޅުވީ މިހާރު ދެން ވާންޖެހޭ ގޮތަކީ ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތް ފަރާތުން މައްސަލަ އަނބުރާ ގެންދިއުން ނުވަތަ މިމައްސަލާގައި އިތުރަށް ނިންމަންޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމުން ކަމަށެވެ.

މީގެ އިތުރަށް ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައި، ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި 12 މެމްބަރުން ބައިވެރިކޮށްގެން ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލް އަދި ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ކަނޑައަޅާފައިވާތީ ވެސް އަލީ ހުސައިން ވަނީ ގާނޫނީ ގޮތުން ފާޑުވިދާޅުވެފައެވެ.

"ކިހިނެއްތޯ މިކަން ކަނޑައަޅާނީ. ރައްޔިތުންގެ މަޖިލީހުގެ އެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނާޅާ ކިހިނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމެމްބަރުން ބައިވެރިވެގެން ނިންމާ ނިންމުމަކީ ޣައިރު ދުސްތޫރީ ނުވަތަ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅާނީ. ހީވަނީ މިއީ ހަމަ ޕީޕީއެމްގައި އުޅޭ ކޮންމެވެސް މީހަކު ޑްރާފްޓް ކޮށްގެން އުޅޭ އެއްޗެއްހެން" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނާޅާ އެމެމްބަރުން ހިމަނައިގެން ނިންމާ ނިންމުމަކީ ބާތިލް އެއްޗެއް ކަމަށް ނިންމާނެ ގޮތެއް ގާނޫނީގޮތުން ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެމައްސަލަ ސުޕްރީމް ކޯޓުގައި އޮތުމަކުން އެމެމްބަރުން ހިމަނައިގެން ނިންމާ ނިންމުންތައް ބާތިލްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

12 މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ބޭނުންނަމަ މިހާރުވެސް ގޮތް ކަނޑައަޅަންވީ ކަމަށާއި ނަމަވެސް އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލި، އެތައް ދުވަސްތަކެއް ފާއިތުވީއިރުވެސް ސުޕްރީމް ކޯޓުން ސާފު ޖަވާބެއް ދީފައި ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ މިހާރު ވެގެން އުޅޭ ގޮތަކީ 12 މެމްބަރުންނާއެކު އިއްތިހާދުގެ މެމްބަރުން މަޖިލީހަށް ވަދެ، ރިޔާސަތުގައި އިންނަވާ އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފާނެތީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށްފައި ވުމުން ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތް މިންވަރު ހާމަވެފައިވާ ކަމަށާއި މެމްބަރުންގެ ގޮނޑީގެ މައްސަލައަކީ ވެސް ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވައިގެން ކުރާ ކަމެއް ކަމަށް ވެސް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވިއެވެ.